English Edition
Dhivehi Edition

ޕާކިސްތާނުގައި 2018 ގައި ބާއްވާ އިންތިހާބުގައި ނަވާޒް ޝަރީފް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ދަރިކަނބަލުން މަރިޔަމް ވިދާޅުވެއްޖެ އެވެ. ބޮޑު ވަޒީރުކަމުގެ މަގާމުގައި ހުރުމުގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމަކީ ނަވާޒު ޝަރީފުގެ ސިޔާސީ ހަޔާތަށް ހުއްޓުމެއް ނޫންކަމުގައި މަރިޔަމް ވަނީ ވިދާޅުވެފައެވެ. އަދ އެއީ އަންނަ އަހަރުގެ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި ފަހިވެގެން ދިޔަ މަގެއް ކަމަށާއި އަންނަ އަހަރުގެ އިންތިޚާބުގައި ނަވާޒު ޝަރީފު ނުހުއްޓުވޭނެ ކަމަށް މަރިޔަމް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން މަރިޔަމް ވިދާޅުވީ މިއީ ޕާކިސްތާނުގައި ޕާޓީގެ ލީޑަރަކު ބޮޑު ވަޒީރުކަމުން ދުރުކުރި ފުރަތަމަ ފަހަރު ނޫންކަމުގައެވެ. ކޮރަޕްޝަނުގެ ތުހުމަތުކޮށްފައިވާ ނަވާޒް ޝަރީފު މަގާމުގައި ހުރުމުގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނިންމި ނިންމުމާ ގުޅިގެން ނަވާޒް ޝަރީފު މިހާރު ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ. ޕެނަމާ ޕޭޕާސް އިން ލީކުކޮށްލި މައުލޫމާތުގައި ނަވާޒް ޝަރީފުގެ އާއިލާގެ ބޭފުޅުންގެ މައްޗަށްވެސް ވަނީ ކޮރަޕްޝަނުގެ ތުހުމަތުތައް ކޮށްފައެވެ. މިއީ ޕާކިސްތާނުގެ ތާރީޚުގައި މަގާމުގައި ހުންނެވި ބޮޑުވަޒީރަކު ސްޕްރީމް ކޯޓުން ދުރުކުރި ދެ ވަނަ ފަހަރެވެ. މީގެ ކުރިން 2012 ވަނަ އަހަރު ސުޕްރީމް ކޯޓުންވަނީ އޭރުގެ ބޮޑުވަޒީރު ޔޫސުފް ރިޒާ ގިލާނީ މަގާމުން ދުރުކޮށްފަ އެވެ. އޭނާ މަގާމުން ދުރުކުރީ ރައީސް އާސިފް އަލީ ޒަރުދާރީގެ ކޮރަޕްޝަން މައްސަލަތައް ބެލުމަށް ދެކޮޅު ހެއްދެވުމުންނެވެ. ޕާކިސްތާނުގެ ބޮޑު ވަޒީރު ނަވާޒް ޝަރީފުގެ މަގާމު ގެއްލުމާއި ގުޅިގެން މިހާރު އެ މަގާމު ކޮއްކޯފުޅު ޝަހުބާޒް ޝަރީފަށްދިނުމާއި މެދު އަންނަނީ މަޝްވަރާ ކުރަމުންނެވެ