އޭއޯ ނިއުސް އިން ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އައްޑޫގައި ބާއްވާ “އޭއޯ މަދަޙަ މުބާރާތް” ގެ މިއަހަރުގެ އިވެންޓް ޕާޓްނަރުންނާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ރޭ އީކުއޭޓަރ ވިލެޖްގައި ބާއްވައިފިއެވެ.
އޭއޯގެ 4 ވަނަ މަދަޙަ މުބާރާތުގެ މެއިން ސްޕޮންސަރަކީ ހެޕީމާކެޓެވެ.
ކޯ ސްޕޮންސަރުންނަކީ އައްޑޫވިމެންސް އެސޯސިއޭޝަނާއި ޗައިނާމޯލްޑިވްސް ކަލްޗަރަލް އެސޯސިއޭޝަނެވެ. އިވެންޓްގެ ހޮސްޓިން ޕާޓްނަރ އަކީ މައިކޮލެޖެވެ
. މަދަޙަ މުބާރާތުގެ އެކޮމަޑޭޝަން ޕާޓްނަރ އަކީ އީކުއޭޓަރ ވިލެޖެވެ.
ޓްރެވެލް ޕާޓްނަރ އެއްގެ ގޮތުގައި މިފަހަރު ހަމަޖައްސާފައިވަނީ މޯލްޑިވްސް އެކްސްކްލޫސިވް އެވެ. ބެވެރެޖް ޕާޓްނަރ އަކީ މަލްޓި ސުޕަރމާޓެވެ.
އޭއޯގެ މިއަހަރުގެ ވެސް މީޑިއާ ޕާޓްނަރ އަކީ ވަގުތު އޮންލައިނެވެ.
ދަރިވަރުންގެ ހިތްތަކުގައި ދީނީ ލޯބި ޖެއްސުމާއި ދީނީ ޝިއާރު ފާޅުކުރުމުގެ އިތުރުން މަދަޙަ ކިޔުމުގެ ހުނަރު ހުރި ކުދިންނަށް އެކުދިންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ހޯދައިދިނުމުގެ މަގުޞަދުގައި 2015 ވަނަ އަހަރުން ފެށިގެން އޭއޯ އިން އަންނަނީ މި މުބާރާތް ބާއްވަމުންނެވެ.
ބޮޑެތި އިނާމު ތަކަކާއެކު ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ މި މުބާރާތުގައި މިއަހަރު ވަނީ ކުރީ އަހަރުތަކަށް ވުރެ ގިނަ އަދި ބޮޑެތި އިނާމުތައް ހުށަހަޅާފައެވެ. އެގޮތުން ހެޕީމާކެޓުން 2 ޢުމުރާ ދަތުރު ހުށަހަޅުއްވަވާފައިވާއިރު ޗައިނާ މޯލްޑިވްސް ކަލްޗަރަލް އެސޯސިއޭޝަނުން ވަނީ ޗައިނާ ވިންޓާ ކޭމްޕް ސްޓަޑީ ޓުއާ އެއްގެ ފުރުސަތު ދެއްވަވާފައެވެ. ހަމަ މިއާއެކު ކޮންމެ އަހަރެއްގެ މުބާރާތަށް އިނާމުގެ ގޮތުގައި ސްޓަޑީ ޓުއާ ދެއްވަވަމުން އަންނަ އައްޑޫ ވިމެންސް އެސޯސިއޭޝަނުން ވަނީ މިފަހަރުގެ މުބާރާތަށް މެލޭޝިއާ ސްޓަޑީ ޓުއަރ އެއްގެ އިނާމު ހުށަހަޅުއްވަވާފައެވެ.
އެހެން އަހަރުތަކާ ޚިލާފަށް މިއަހަރުގެ މުބާރާތުގައި ވަނީ 5 ޢުމުރުފުރައެއް ތައާރަފްކޮށްފައެވެ. އުމުރުފުރާ ތަކަކީ
– 6 އަހަރުން ދަށް
– 9 އަހަރުން ދަށް
– 13 އަހަރުން ދަށް
– 16 އަހަރުން ދަށް
– 19 އަހަރުން ދަށް
އޭއޯ ނިއުސްގެ މަދަޙަ މުބާރާތުން ވޭތުވެދިޔަ އަހަރު އެއްވަނަ އަށް ދިޔަ ފަރާތަށް ތައިސީރު ޖަމިއްޔާއިން ވަނީ ޢުމުރާ ދަތުރެއް ދެއްވަވާފައެވެ. އަދި ދެވަނަ އަށް އައި ފަރާތަށް އައްޑޫވިމެންސް އެސޯސިއޭޝަނުން ވަނީ އޮސްޓްރޭލިއާ ސްޓަޑީ ޓުއާރ އެއް ދެއްވަވާފައެވެ. މީގެ އިތުރުންވެސް ގިނަ ފަރާތްތަކަކުން ވަނީ މި މުބާރާތަށް އިނާމު ހުށަހަޅުއްވަވައި ދީލަތި އެހީތެރިކަމެއް ފޯރުކޮށް ދެއްވަވާފައެވެ.