ފެނަކަ އައްޑޫ ބްރާންޗްގެ އެޗްއާރު ޑިޕާޓްމަންޓުގެ ޑެޕިޔުޓީ ޑިރެކްޓަރ ގެ މަގާމުގައި މަސައްކަތް ކުރައްވަމުން ގެންދެވި އާމިނަތު ގުލްފިޝާމް، (ގުލް) ފެނަކައިގެ ވަޒީފާ ދޫކޮށް އައްޑޫގައި އަލަށް ހުޅުވުމަށް ތައްޔާރުވަމުންދާ މިއާންޒް އިންޓަނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލަކަށް ބަދަލުވެއްޖެއެވެ.
މިއަހަރުގެ ޖުލައި މަހު އައްޑޫގައި ހުޅުވާ މިއާންޒް އިންޓަނޭޝަނަލް ސްކޫލްގައި ގުލް މިހާރުވަނީ މަސައްކަތް ކުރައްވަން ފައްޓަވާފައެވެ. މި ސްކޫލް ހިންގާނީ ހިތަދޫގައި މީގެ ކުރިން ނޫރާނީ ސްކޫލް ހިންގި އިމާރާތުގައެވެ. 2013 ވަނަ އަހަރުން ފެށިގެން މިއާންޒް އިންޓަނޭޝަނަލް ކޮލެޖް އައްޑޫގައި ހިންގަމުން އައިސްފައިވެއެވެ. އަދި އެ ކޮލެޖުން ތަފާތު ގިނަ ކޯސް ތަކެއް މިހާރުވެސް ކުރިއަށް ގެންދެއެވެ.
މި މެނޭޖްމަންޓުން ބަންގްލަދޭޝް، ނޭޕާލް، ސްރީލަންކާ އަދި ތިނަދޫ އާއި އޭދަފުށީގައި ވެސް މިއާންޒް ޕްރީސްކޫލްގެ ނަމުގައި ޕްރީސްކޫލް ތައުލީމުކުރިއަށް ގެންދެއެވެ. ނަމަވެސް އައްޑޫގައި ފަށަން މިއުޅޭ ސްކޫލަކީ ޕްރީ ސްކޫލުން ފެށިގެން ހައިސްކޫލް ލެވެލް އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ސްކޫލެއް ކަމަށް މެނޭޖްމަންޓުން މައުލޫމާތު ދެއްވައެވެ.
14 އަހަރުވަންދެން ތައުލީމީ ދާއިރާގައި މަސައްކަތް ކުރެއްވި ގުލް ވިދާޅުވީ ލިބިގެން މިދިޔައީ ރަނުގެ ފުރުސަތެއް ކަމަށާއި ގިނަ ދުވަސްތަކަކަށް ތައުލީމީ ދާއިރާގައި މަސައްކަތް ކުރުމަށްފަހު ފެނަކައިގެ ވަޒީފާއަށް ބަދަލުވުމުން ތައުލީމީ ދާއިރާ ވަރަށް ބޮޑަށް މިސްވެގެން ދިޔަ ކަމަށެވެ.
“ފެނަކައިގެ މަސައްކަތް ކުރަން ލިބުމަކީ ވަރަށް ގިނަ ތަފާތު ކަންތައްތަކެއް ދަސްކުރަން ލިބުނު ފުރުސަތެއް. ތަފާތު މާހައުލެއްގައި އަދި ތަފާތު ދާއިރާއެއްގައި މަސައްކަތް ކުރުމުގައި ކޮންމެވެސް ވަރަކަށް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހި އަދި އެކަމުން ދަސްވި ފިލާވަޅު ތަކަކީ މުސްތަގުބަލުގައި ކުރިއަށް ދިއުމަށް ލިބިގެންދިޔަ ލިބުނު ހިތްވަރެއް” ކަމަށް ގުލް ވިދާޅުވިއެވެ.
ފެނަކައިގައި މަސައްކަތް ކުރި ދުވަސްވަރު މެނޭޖްމަންޓުން ލިބުނު އެއްބާރުލުމާއި ދެއްވެވި އެހީތެރިކަން އަބަދުވެސް ހަދާން ހުންނާނެ ކަމަށް ވިދާޅުވަމުން ގުލް ވަނީ އެ މެނޭޖްމަންޓުގެ ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކޮށްފައެވެ.
“ފެނަކައަކީ ރައްޔިތުންނަށް ވަރަށް މުހިންމު ޚިދުމަތެއް ފޯރުކޮށްދޭ ތަނަކަށް ވެފައި އެތަނުގައި ހޭދަކުރި ދުވަސްތަކުގައި ކުރެވުނު މަސައްކަތާ ދޭތެރޭގައި ވަރަށް ބޮޑަށް ހިތްހަމަޖެހޭ. އަދި މިހާރު މި މަސައްކަތް ކުރަނީ ތައުލީމީ ދާއިރާގައި ކަމަށްވާތީ ސިޔާސީ ހަރަކާތްތަކާ ވެސް ދުރަށް ޖެހިލީ. ދެން ހިތްވަރާއެކު މަސައްކަތް ކުރާނީ ސްކޫލް ކުރިއެރުވުމަށް” ގުލް ވިދާޅުވިއެވެ.
ފެނަކައިގެ ވަޒީފާއަށް ބަދަލުވުމުގެ ކުރިން ގުލް މަސައްކަތް ކުރައްވަމުން ގެންދެވީ ޝަރަފުއްދީން ސްކޫލުގެ ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންގެ “އައްނޫރު” ގެ އިސް މުދައްރިސަކަށެވެ.
“ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންތަކަކަށް ކިޔަވައިދިނުމުގައި އިސް މުދައްރިސެއްގެ ގޮތުން މަސައްކަތް ކޮށްފައިވާ މީހެއްގެ ހައިސިއްޔަތުން ބުނެލަން ބޭނުންވަނީ އައްޑޫގައި ތިބި މިފަދަ ކުދިންނަށް ދެވޭނެ އެންމެ ފުރިހަމަ ތައުލީމު، މިއާޒް އިންޓަނޭޝަނަލް ސްކޫލުން ލިބޭނެއޭ” ސްކޫލާ ބެހޭ ގޮތުން ގުލް ކިޔައިދެއްވިއެވެ.