English Edition
Dhivehi Edition

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، ހިންމަފުށި ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، އައްސޭރި ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ދިވެހި ފިރިހެނެކެވެ. ނަމަވެސް އޭނާގެ އިތުރުމައުލޫމާތެއް ފުލުހުން ހާމަކޮށްފައި ނުވެއެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ އައްސޭރި ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މި ޖޫން މަހުގެ 9 ވަނަދުވަހުގެރޭ 23:45 ހާއިރު ޑްރަގް ޓްރީޓްމަންޓް އެންޑް ރިހިބިލިޓޭޝަން ސެންޓަރ ތެރެއިންކަމަށް ފުލުހުންގެ ވެބްސައިޓްގައި ބުނެފައި ވެއެވެ.

އަދި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އޭނާގެ ހަށިގަނޑު ބަލައިފާސްކުރިއިރު، އޭނާ ހުރިދިމާ ބިންމަތިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓަކާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ސެލޯފިން ކޮޅެއް ފެނިފައިވެއެވެ.

މިމައްސަލަ ކ.ހިންމަފުށި ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަހުޤީޤް ކުރަމުންނެވެ.