English Edition
Dhivehi Edition

މިކުޑަކުޑަ ގައުމަށް ސިޔާސީ މިނިވަންކަން ލިބުނުތާ ފަންސާސް ދެ އަހަރު ފުރުނީއެވެ. ދިވެހި ގައުމަށް ސިޔާސީ މިނިވަންކަން ލިބުނުފަހުން މިހާތަނަށް އެމިނިވަންކަން ދިވެހިންގެ އަތުން ބީވެގެން ގޮސްފައެއް ނުވެއެވެ. އެކަމަކު ދިވެހިންގެ އަތުން އެކަން ފޭރިގަންނަން މަސައްކަތްކުރާ މީހުން އެބައުޅޭކަން 1988 ވަނައަހު ނޮވެމްބަރު 3 ގެ މަތިން ހަނދާން ކޮށްލުމުން ކަށަވަރުވެގެންދެއެވެ. އެފަދަ އުދުވާންތަކުން ގައުމު ސަލާމަތްވާނީ ގައުމުގެ ސަފުތައް ބަދަހިވެގެންނެވެ. ރައްޔިތުންނާއި ސަރުކާރާ އޮންނަ ގުޅުން ވަރުގަދަވެގެންނެވެ. އެހެންނަމަވެސް ރާއްޖޭގެ މަގުތަކުން ފެންނަނީ އެމަންޒަރު ހެއްޔެވެ؟ ޓީވީތަކާއި ނޫސްތަކުން ފެންނަނީ އެ ފޮޓޯ ހެއްޔެވެ؟ ބައެއްގެ ތެރޭގައި ކަމެއް ގޯސްވެގެންދާ ވަގުތު އޭގެ ނާޖާއިޒު ފައިދާނަގާނެ އެތައްބަޔަކު އެބައުޅޭނެއެވެ. ވައްކަޅިން ބަލައިގެންތިބޭނެ އެތައް ލޯތަކެއްވާނެއެވެ. ރާއްޖެއަށް މަލްޓި ޕާޓީ ޑިމޮކްރަސީއެއް ގެނައި އުންމީދުތަކެއް ކުރެވިގެންނެވެ. ލަނޑުދަނޑިތަކެއް އޮވެގެންނެވެ. އެތައް ފައިދާއާއި މަންފާތަކެއް ލިބޭނެ ކަމުގެ އުންމީދުވެސް އޮވެގެންނެވެ. ޕާޓީގެ ނިޒާމް ރާއްޖެއަށް ތައާރަފްކުރިފަހުން މިގައުމުގެ ހާލަތު ބަދަލުވެފައިވާ ގޮތާއި ބަދަލުވަމުންދާ ގޮތް ފެންނަމުން މިދަނީއެވެ. ގައުމަށް އަދުލުވެރި އިންސާފުވެރި ސަރުކާރެއް އޭރުވެސް މިހާރުވެސް އައިކަމަށް ނުވެއެވެ. ރައްޔިތުންގެ މުހުތާދުތައް ފުއްދައިދެވޭ ކަމަށް ނުވެއެވެ. އަތޮޅުތަކާއި ސިޓީތަކާއި ވަކިވަކި ރަށްރަށުގެ ކުރިއެރުމަށް ކަމެއްކޮށްދިން ކަމަށް ނުވެއެވެ. އިދިކޮޅު ފަރާތްތަކުން ބުނަނީ ސަރުކާރު ކަމަކުނުދާ ކަމަށެވެ. އެހެންވީމާ އަވަހަށް ބަދަލު ކުރަންޖެހޭ ކަމަށެވެ. ސަރުކާރުން ބުނަނީ އިދިކޮޅުން ދައްކަނީ ހަގީގަތާ ޚިލާފުވާހަކަ ކަމަށެވެ. ރާއްޖެއަށް ސިޔާސީ ގޮތުން މިނިވަންކަން ލިބިފައިވަނީ 1965 ވަނައަހަރުއެވެ. އެއަހަރުން އަދާ ހަމައަށް 52 އަހަރުވީއެވެ. މި މުއްދަތުގައި ދިވެހިންނަށް ހަމަ ކުރިއެރުމެއް ލިބިފައިނެތީހެއްޔެވެ؟ އެއަށް ޖަވާބެއް ނުދީ ބުނަންބޭނުންވަނީ ދިވެހިން މިހާރު އަމަލުކުރަމުންދާ ގާނޫނުއަސާސީއަށް އެންމެންވެސް ފުރިހަމައަށް އަމަލުކުރާ ކަމަށްވާނަމަ ދިވެހިންނަށް ކަންކަންވެސް ވާނެއެވެ. އެންމެންވެސް ގާނޫނުއަސާސީއަށް ތަބާވަމާ ހިނގާށެވެ. ގައުމުގެ މުސްތަގުބަލް ރާވަމާ ހިނގާށެވެ. މިނިވަން ކަމަށް 100 އަހަރު ފުރޭއިރު އަޅުގަނޑުމެންތިބޭނެ ހިސާބު ކުރަހާލަމާ ހިނގާށެވެ. ކުރިއަށްއޮތް 48 އަހަރު ގައުމަށްޓަކައި ކޮށްދޭނެ ކަންކަން އިއުލާންކޮށް އެކަންކަން ފުރިހަމަކުރަމާ ހިނގާށެވެ. މިއަދު އެއްބަޔަކު އަނެއްބަޔަކާ ދިމާއަށް ތުހުމަތުގެ އިނގިލި ދިއްކުރުމުގެ ބޭނުމެއްނެތެވެ. މިއަދު ދައްކަން ފަށަންވީ އައުވާހަކައެވެ. މިނިވަންކަންމަތީގައި ދެންވެސް ދެމިތިބެވޭނެ ގޮތުގެ ވާހަކައެވެ. މިނިވަންކަމުން އަޅުވެތި ކަމަށް ނުގޮސްވާނެ ގޮތުގެ ވާހަކައެވެ. ހަމައެކަނި އެވާހަކައެއްވެސް ނޫނެވެ. ރާއްޖެ ތަރައްގީކުރާނެ ގޮތާއި ތަޢުލީމީ ގޮތުން ރާއްޖެ ހޯދަންޖެހޭ ކާމިޔާބީތަކުގެ ވާހަކަ އިސްކުރަންޖެހެއެވެ. ސިޔާސީ މަޅިފަތިތަކުން އެއްކިބާވެ ތިބެ އިގްތިސާދީ ގޮތުންނާއި ވިޔަފާރީގެ ރޮނގުން ދިވެހިން ހޯދަންކެހޭ ކުރިއެރުންތަކުގެ ވާހަކަ އިސްކުރަންޖެހެއެވެ. ސައިންސާއި ޓެކްނޮލޮޖީގައި ދާންޖެހޭ ލަނޑުދަނޑިއެއްގެ ވާހަކައަކީވެސް އަޑުމަޑު ކޮށް ދައްކައިގެންވާނެ ވާހަކައެއް ނޫނެވެ. މަސްވެރިކަމާއި ދަނޑުވެރިކަމުން ކުރިއަރައި ފާގަތި ދުވަސްތަކެއް ދިވެހިންނަށް ހޯދައިދޭނެ ވާހަކައެއް ދައްކާނެ ބަޔަކުވެސް ހޯދަން އެބަޖެހެއެވެ. އެއްބަޔަކު އަނެއްބަޔެއްގެ ބޮލަށް ކަންކަން ޖައިލައިގެން ސަލާމާތްވުމަށްވުރެން ދިވެހިން މިހާރު މާހުޝިޔާރެވެ. މާ ފައްކަލެވެ. ލޯހުޅުވެއެވެ. މިނިވަން ދުވަހުގައި ދައްކަން އެންމެރީތިވާނެ ވާހަކައަކީ މިނިވަންކަން ދިފާއުކުރުމުގެ ވާހަކައެވެ. އެއްބައެއްވަންތަ ކަމުގެ ވާހަކައެވެ. ގައުމު ތަރައްގީ ކުރުމުގެ ވާހަކައެވެ. އެހެން ހަރުފަތަކަށް ގައުމު ގެންދިޔުމުގެ ވާހަކައެވެ. މިއަދުކުރަން އެންމެރީތި އަމަލަކަށްވާނީ ސަރުކާރާއި އިދިކޮޅު ފަރާތްތަކާއި ރައްޔިތުން ގުޅިގެން އެކުވެރި ކަމާއެކު ގައުމު ތަރައްގީ ކުރުމުގެ އަމަލެވެ.