English Edition
Dhivehi Edition

ކ.ތިލަފުށީގެ ތިލަފުށި އިންޑަސްޓްރިއަލް ޒޯން (ޓީ.އައި.ޒެޑް) ސަރަހައްދުން ގުދަންކުރުމަށާއި ސިނާއީ މަސައްކަތްތަކަށް ބިން ކުއްޔަށް ދިނުމަށް ކޮށްފައިވާ އިއުލާނާ ގުޅޭ ޕްރީބިޑް މީޓިން މާދަމާ ބޭއްވުމަށް ނިންމައިފިއެވެ.

ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުން ވިދާޅުވީ ޕްރީބިޑް މީޓިން އޮންނާނީ މާދަމާ މެންދުރު 13:30 ގައި ޗަމްޕާ ސެންޓްރަލް ހޮޓެލްގެ އެއްވަނަ ފަންގިފިލާގައި ކަމަށެވެ.

ޓީ.އައި.ޒެޑް އިން ބިން ކުއްޔަށް ހިފުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް، ކޮންމެ ފަރާތަކަށް ގިނަވެގެން ތިން ޕްލޮޓަށް ބީލަން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލާފައިވާއިރު، ބީލަން ހުށަހަޅުއްވަން ގަސްތުކުރައްވާ ކޮންމެ ޕްލޮޓަކަށް ވަކިން ރަޖިސްޓްރީކުރައްވަން، އަދި ރަޖިސްޓްރީ ފީގެ ގޮތުގައި 200ރ ދައްކަން ޖެހިވަޑައިގަންނަވާނެއެވެ.

މީގެ އިތުރުން 2018 ޖޫން 11 ވާ ހޯމަދުވަހުގެ ކުރިން، ބީލަން ހުށަހަޅުއްވާ ކޮންމެ ޕްލޮޓަކަށް 5000ރ. (ފަސް ހާސް ރުފިޔާ)ގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅުއްވަންޖެހޭނެކަމަށް ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވެއެވެ.

ކ.ތިލަފުށީގެ ތިލަފުށި އިންޑަސްޓްރިއަލް ޒޯން (ޓީ.އައި.ޒެޑް) ސަރަހައްދުން ގުދަންކުރުމަށާއި ސިނާއީ މަސައްކަތްތަކަށް ބިން ކުއްޔަށް ހިފުމަށް ބީލަން ހުށަހެޅުން 2018 ޖޫން 12 ވަނަ ދުވަހު އޮންނާނެކަމަށް އެ ކުންފުނިން ޢާއްމުކޮށް އިއުލާނުކޮށްފައިވާއިރު، ކުއްޔަށް ހިފަން އެދިލައްވާ ކޮންމެ ޕްލޮޓަކަށް ވަކިން ބީލަން ހުށަހަޅުއްވަންޖެހޭނެއެވެ. އަދި މި ބީލަމުގައި ބައިވެރިވެވޭނީ 2018 ޖޫން 11 ވާ ހޯމަ ދުވަހުގެ 12:00 ކުރިން ބިޑް ސެކިއުރިޓީ ދައްކަވާފައިވާ ފަރާތްތަކަށް އެކަންޏެވެ.