English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލިހުގެ އިދާރާގައި މިއަދު ހިނގި ހަމަނުޖެހުން ތަކުގައި ސިފައިންގެ އެހީ ހޯދީ ރައްޔިތުން މަޖިލިސް ހިމާޔަތް ކުރަން ކަމަށް ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ. ބޭރުގެ ނޫހެއް ކަމަށްވާ “ނިއުސް އިން އޭޝިޔާ”އަށް ދެއްވި އިންޓަވިއުއެއްގައި މޫސަ ވިދާޅުވީ މަޖިލީހުގެ ޖަލްސާއެއް މިއަދު ނުބޭއްވުމަށް އެ އިދާރާއިން ނިންމާފައިވީ ނަމަވެސް ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް މައްސަލަ ކުރިޔަށް ގެންދަން ކަމަށް ބުނެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތެރެއަށް ވަދެގަތް ކަމަށެވެ. މޫސަ ވިދާޅުވީ މި ދުވަސްވަރު މަޖިލީސް ޗުއްޓީގައި އޮތް ނަމަވެސް އަންނަ ހަފްތާގެ ހޯމަ ދުވަހުން ފެށިގެން މަޖިލީހުގެ ޖަލްސާތައް ފަށާނެކަމަށެވެ. އަދި ސިފައިންގެ އެހީ ހޯދީ އެއްވެސް ގޮތަކަށް މަޖިލީސް ހިސޯރު ކުރާކަށް ނޫންކަމަށާއި އެއީ މަޖިލީހުގެ އިދާރާއަށް ވަން އިދިކޮޅު މެންބަރުން ނެރުމަށް ފަހު ކަންކަން އާންމު ހާލަތަކަށް ގެނައުމަށްކަމަށް މޫސަ ވިދާޅުވި އެވެ. ނިއުސް އިން އޭޝިޔާއަށް މޫސަ އިންޓަވިއު ދެއްވަވާފައިވާއިރު މިއަދު ބޭރުގައުމުތަކުގެ ގިނަ މީޑިއާތަކުން މި ޚަބަރުތައް ވަނީ ގެނެސްދީފައެވެ. ބައިނަލްއަގުވާމީ ބޮޑެތި ޓީވީ ޗެނަލްތަކާއި އިންޓަނެޓް ވެބްސައިޓްތަކުގައި ވެސް ދިވެހި ސިފައިން ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް އެ މީހުންގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ބުނެފައިވެ އެވެ. ފުލުހުންގެ ސަފުތައް ފަޅާލުމަށް ފަހު މަޖިލީސް މެންބަރުން މަޖިލީހުގެ އިދާރާއަށް ވަތް މައްސަލަ ތަހުގީގުކޮށްދިނުމަށް އެ އިދާރާއިން ހުށަހަޅާފައިވީ ނަމަވެސް އެ މައްސަލާގައި މިހާތަނަށް އެއްވެސް މަޖިލީސް މެންބަރަކު ހައްޔަރެއް ނުކުރެ އެވެ. މަޖިލީހުގެ ބައެއް މެންބަރުން ފުލުހުންގެ ސަފުތައް ފޫއަޅުވާލައި ފުލުހުންގެ ކޯޑަން ތެރެއަށް ވަތް މައްސަލަ ތަޙްޤީޤުކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.