އަދި މި ދީނުގެ އަލިކަމުގެތެރެއަށް ގިނައިން ވަންނަމުންދަނީ ވެސް ކިޔަވައިގެންތިބޭ މީހުންނެވެ. އެއީ، ކީއްވެތޯ އެވެ؟ މިއީ، ފުރިހަމަ ދީން ކަމުގައިވާތީ އެވެ. ވިސްނުން ފަސޭހަ ލުއި ދީނެއްކަމުން މީހުންގެ ބުއްދި ޤަބޫލުކުރަނީ އެވެ.
ދެން އަޅުގަނޑު ދަންނަވައިލާނީ، ތިން ޔޫރަޕިއަނުން އިސްލާމްވީ ގޮތެވެ. ތިންމީހުންނަކީވެސް ކިޔަވައިގެން ތިބި، އަރާ ތިބި މީހުންނެވެ. އެކަކީ، ޑޮކްޓަރއެކެވެ. އަނެކަކީ، ފިލްމު ޑިރެކްޓަރއެކެވެ. ތިންވަނައީ، އޮފިސަރއެކެވެ.
ޑޮކްޓަރ ޖަރްމާނޯސް އިސްލާމްވީ ހަމަ އޭނާގެ އަމިއްލަ ވިސްނުމުން އޭނާއަށް މިދީނުގެ ފުރިހަމަކަން ވިސްނިގެންނެވެ. ދީނާ ދޭތެރޭ ލިޔެފައިހުންނަ ފޮތް ކިޔައި އަދި ޤުރްއާން މުޠާލަޢާ ކޮށްގެންނެވެ.
އޭނާ ބުނެފައިވެއެވެ. “އަހަރެން ކުޑައިރުއްސުރެ ވެސް އިސްލާމީ ރަށްރަށަށް ގޮސްލާހިތްވެއެވެ. އަހަންނަކީ، ޔޫރަޕްގެ މީހެއްކަމުގައި ވިޔަސް އަހަރެމެންގެ ދިރިއުޅުންވަނީ، ރަނަށާއި މާއްދާއަށެވެ. އިސްލާމް ދީނުގެ ފަސޭހަކަން މަގޭ ހިތް ދަމައިގެންފި އެވެ. އަހަރެމެންގެ ދުނިޔޭގެ މޮޅުތަކުން، ހިތްގައިމުކަން ލިބެނީ ހަމައެކަނި ހަށިގަނޑަށެވެ. މިއިރު އިސްލާމް ދީނުގައި ފުރިހަމަކަން ހޯދައިދެނީ ފުރާނައަށާއި ނަފްސަށެވެ.
ކިހާބޮޑު ތެދެއްތޯއެވެ؟ ޔޫރަޕް މީހުން އެހާ ކުރިޔަށް ގޮސްފައި ތިބި އިރު އަމާންކަން މަތީގައި ދިރިނުއުޅެވެނީ ކީއްވެތޯ އެވެ؟ އެއީ، އެ ބައިމީހުންގެ ދީނެއް ނުވާތީ އެވެ. އިންސާނުންނަށް ވުރެ ވަރުގަދަ ބާރެއް ވާކަން ތެދުނުކުރެވޭ ހިނދު ހިތުގެ އަރާމުކަމެއް ހޯދޭނީ ކިހިނެއްތޯއެވެ؟ އެމީހުން ބުނެއުޅެއެވެ. “އިސްލާމް ދީނަކީ އެދީނަށް އީމާންވީ މީހުން ހަލާކުކޮށްލި އެއްޗެކެވެ.” މިއަށް ޑޮކްޓަރ ޖަރްމާނޯސް ޖަވާބު ދީފައިވެއެވެ. “އަހަރެން ކީރިތި ޤުރްއާން އެކުގައި ކިޔައިފީމެވެ. އޭގެ އެންމެ ކަލިމައަކުން ވެސް އިންސާނާ ދުނިޔޭގައި ކުރިއެރުމެއް މަނައެއް ނުކުރައްވައެވެ. އަދި ކިއެއްތޯއެވެ؟ އެ ދީނަށް ވަދެގެން އެމީހާގެ މުދަލަކަށް އަދި ދަރަޖައަކަށް އަންނާނެ ގެއްލުމެއް ވެސް ނެތެވެ. މި މާތް ދީނުގައި ހުރިހާ އިންސާނުން ވެސް ހަމަހަމައެވެ. އަދި އެކަކު އަނެކަކަށް ބަލަނީ އެއްބަނޑުއެއްބަފާ މީހުންގެ ކަމުގައެވެ.” ޔޫރަޕްގެ މީހުން މިފަދަ ނަޒަރަކުން ފުރަތަމަ ބަލަންފެށީ ފްރެންޗް ރިވޮލިއުޝަންގައެވެ. އިސްލާމް ދީނުގައި މިފަދައިން ކަންތައް ހިގާތާ އޭރުވާނީ އެއްހާސް އަހަރުވެފައެވެ. ހަމައެފަދައިން ސޯޝަލިޒަމާއި ޑިމޮކްރަސީ ޔޫރަޕަށް އައިސްފައިވަނީ މާފަހުންނެވެ. އިސްލާމް ދީނުގައި މީގެ ހާސް އަހަރު ކުރިންނެވެ. ޑޮކްޓަރ ޖަރްމާނޯސް ބުނެފައިވެއެވެ. “އިސްލާމް ދީނުގައި އަންހެނުންގެ މިނިވަންކަންވެސް ކްރިސްޓިއަން ދީނަށްވުރެ މާބޮޑެވެ.” މީނާ ނިންމާލުމުގެ ކުރިން ބުނެފައި ވެއެވެ. “މިހާރު ދުނިޔޭގައި މިހިނގާ ހަނގުރާމަތަކާއި މުޝްކިލާތައް ހަމަޖެއްސޭނީ މި ޒަމާނުގެ ޝިވިލިޒޭޝަން އިސްލާމް ދީނުގެ އުޞޫލުގެ މައްޗަށް ބިނާ ކޮށްގެންނެވެ.”
ދެވަނަ މީހަކީ، ހޮލީވުޑްގެ ފިލްމު ޑިރެކްޓަރއެކެވެ. އޭނާގެ ނަމަކީ، ރެކްސް އިންގްރަމްއެވެ. މީނާ ވެސް ބުނެފައި ވަނީ ހަމަ ޑޮކްޓަރ ބުނި ފަދައިން އިސްލާމް ދީނަކީ މީހާގެ ރޫޙަށް ހިތްގައިމުކަން ހޯދައިދޭ ދީނެއްކަމުގައެވެ. މީނާ އިސްލާމް ވެފައިވަނީ އަކީ، ކުއްލިއަކަށް ދީން ދޫކޮށްފައި އަނެއް ދީނަކަށް ވަންނަ ގޮތަކަށް ނޫނެވެ. މީނާ ވަނީ ދީނާއި ދޭތެރޭ ފޮތްފޮތް ކިޔައި މިއާ ދޭތެރޭ އެތައް އަހަރެއް ވަންދެން ވިސްނާފައެވެ. އަދި ކީއްތޯ އެވެ؟ މީނާ މި ދީން އިޚްތިޔާރުކުރީ މީނާގެ ޙަޔާތުން ވޭތުވެފައިވާ، އުޅުނު މަޖާ ގޮތާއި މޮޅު ގޮތްތަކުން އޭނާގެ ހިތަށް އެއްވެސް އުފަލެއް ނުލިބިގެންނެވެ.
ދީނަށް ވަން ގޮތް މީނާ ކިޔައިދީފައި ވަނީ، މިފަދައިންނެވެ. ޑިރެކްޓަރ ރެކްސްގެ ފިލްމެއް ކުޅެނީ އެވެ. މި ފިލްމުގައި ބަންގި ގޮވާ މަންޒަރެއް ވެއެވެ. މި މަންޒަރު ކުޅެން ގެނެވިފައިވަނީ ދިގު ޗާލު ޢަރަތްބެކެވެ. މީނާ ވަރަށް ރީތި އަޑަކުން ބަންގިގޮވާން ފެށުމުން ކުއްލިއަކަށް ރެކްސްގެ ހިތަށް އެ ތޮރުފިގެން ދިޔައީ ވަރަށް ވެސް ތޫނު ގޮތަކަށެވެ. ފޮޓޯނަގާ މީހުން ފޮޓޯ ނަގަމުން ދިޔައިރު މީނާ ހަމަހުރީ ކަނުލައި އަހާށެވެ. މަންޒަރު ނިމުމުން ރެކްސް ބަންގިގޮވި މީހާ ގޮވައިގެން ދިޔައީ އޭނާގެ އޮފީހަށެވެ. އޮފީހުގައި އޭނާއާ ދިނާ ބެހޭ ގޮތުން ސުވާލުކުރީ އެވެ. ޖަވާބުތަކަށް އަހައި ނިމުނު އިރު މީނާ ވަނީ އިސްލާމް ދީނަށް ވަރަށް ލޯބި ޖެހިފައެވެ. ނަމަވެސް ވިސްނަން ޖެހިފައިވަނީ މީނާގެ މުޅި ދިރިއުޅުމާ ދީނާ ދެމެދަށެވެ. އެއީ، ކީއްވެތޯއެވެ؟ ހޮލީވުޑްގައި ކުރިން އުޅެމުން ގެންދިޔަ ގޮތަށް މަޖަލުގައި އަދި މަޖަލުގައި އިސްލާމެއް ކަމުގައި ހުރެވޭނީ ކިހިނެއްތޯ އެވެ؟ ދެން ވޭތުވެގެން ދިޔައީ ވަރަށް ފިކުރު ބޮޑު ދުވަސްތަކެކެވެ. ރެކްސް ވަނީ އިސްލާމް ވެފައެވެ. ނަމަވެސް އިޚްތިޔާރުކުރާނީ މަޖާ ދިރިއުޅުންތޯ ނުވަތަ ދީންތޯ އަދި ވެސް ވަތްކެއް ނުވެއެވެ. ވަރަށްގިނަ ރޭރޭ ވިސްނައިގެން ވެސް ހަމަ މޮޅުވަނީ ދީނެވެ. މިހާރު މީނާއަކީ، ފުރިހަމަ އިސްލާމެކެވެ.
މީނާ ބުނާގޮތުން މިހާރު އޭނާގެ ޙަޔާތުގައި ކުރީ ލިބިފައި ނުވާފަދަ އުފާވަނީ ލިބިފައެވެ.
ކެޕްޓަން ވިލްސަން އަކީ، ސްކޮޓްލެންޑްގެ ވަޒަންވެރިއެކެވެ. ބައްޕައާއި މަންމަ އައިސްފައިވަނީ، އިގިރޭސި ނަސްލަކުންނެވެ. ބައްޕަ 1900 ވަނަ އަހަރުގެ ބޫއަރގެ ހަނގުރާމާގައި، މަރުވުމުގެ ސަބަބުން މީނާ ހަނދާނެއް ނުހުރެއެވެ. އެއްވަނަ ބޮޑުހަނގުރާމައާ ޖެހެންދެން އުޅެމުން އައީ އާދައިގެ އުޅުމެކެވެ. ހަނގުރާމަ ފެށުމުން ފަރަންސޭސިވިލާތަށް ގޮސް އެތާނގެ ސިފައިންގެތެރޭގައި ބައިވެރިވީއެވެ. ހަނގުރާމައިގެ އަނިޔާތަކާއި ނުރައްކާތައް ވަރަށް ގިނަ ފަހަރަށް މީނާއަށް ކުރިމަތިވި އެވެ. ސިފަ ނުކުރެވޭފަދަ މަންޒަރުތައް ފެނި އަދި ނުރައްކާތެރި ބައިތައް އަދާކުރާން ޖެހުނެވެ. މިފަދައިން ހަތަރު އަހަރު ވޭތުކުރުމަށްފަހު އެނބުރިދިޔައީ ރަށަށެވެ. ރަށުން މީނާއަށް ކުރިމަތިލާންޖެހުނީ ހަނގުރާމައިން ވެސް ނުލިބޭފަދަ ހިތާމައާ އެވެ. މަންމަވަނީ މަރުވެފައެވެ. އަދި ވިލްސަންގެ އެއްބަނޑުއެއްބަފާ ތިންބޭންވަނީ ހަނގުރާމައިގައި ޤަތުލުވެފައެވެ. މީނާގެ ހިތާމަ އަޅުގަޑުމެންނަށް ވެސް އިޙްސާސް ކުރެވެއެވެ. އަދި މީނާ އަރާމު ހޯދާން ބޭނުންވެފައިވާ ވަރު ވެސް ވިސްނެއެވެ. ނަމަވެސް މި ހޯދާން އޭނާ ފެށީ އެހެން ދިމާއަކުންނެވެ. ރަށް ދޫކޮށްފައި މުޅި ދުނިޔެ ބަލަން ނިކުތީ އެވެ. މީނާގެ ދަތުރުގައި އިންޑިޔާ، ޖަޕާން، ޗައިނާ އަދިވެސް ވަރަށްގިނަ ރަށްރަށަށް ދިޔައެވެ. އަދި މި ދަތުރުގައި އެކި ދީންދީން ވެސް ކިޔެވުނު ވަރަކަށް ކިޔެވިއެވެ. ނަމަވެސް މިއިން އެއްވެސް ރަށަކުން ވިލްސަން ބޭނުން އެއްޗެއް ނުފެނުނެވެ. ދެން ދިޔައީ ސޫރިޔާއަށެވެ. އެތަނުން ކިޔެވީ ޢަރަބީ ބަހެވެ. އިސްލާމް ދީނެވެ. ޤުރްއާން ކިޔެވުމުން މީނާގެ ހިތަށް މަޑުމައިތިރިކަންވަދެ އުފާވެރިކަން ގެނުވައިދެއެވެ. އަދި ޤުރްއާނުން ބައެއް ނުކިޔާ އެންމެ ދުވަހެއްވެސް ފާއިތެއް ނުކުރެއެވެ. ޤުރްއާން ކިޔެވުމުން އޭނާގެ ރޫޙް ހީވަނީ، ޤުރްއާނުގެ ރޫޙާ ގުޅޭހެންނެވެ.
1930 ވަނަ އަހަރު މީނާ އިސްކަންދަރިއްޔާއަށް ދިޔައެވެ. އަދި މިތަނުން ދަމަންހޫރަށް ވެސް ގޮސްލިއެވެ. މިރަށުގެ މީހުންގެ ހިތްހެޔޮކަމާއި އަދި ވިލްސަން ޔޫރަޕުގެ މީހެއްކަމަށް ވުމާއެކު ވެސް މީނާއަށް އެމީހުން ބަހައްޓާ ޙުރުމަތްތެރިކަމުން މީނާ ވަރަށް އަޖައިބުވި އެވެ. މީނާއަކީ ޔޫރަޕްގެ މީހެކެވެ. މިބައިމީހުން މީ އިރުމަތީގެ ބައެކެވެ. އެހެންވީއިރު ވެސް އެމީހުން މީނާއަށް ވަނީ އެމީހުންގެ ދޮރުތައް ހުޅުވައިލައިފައެވެ. އެމީހުންގެ މޭޒުތައް މަތިން އޭނާ ކެއުމަކީ އެމީހުންނަށް ލިބޭ އުފަލެކެވެ. ޔޫރަޕްގައި މިފަދައިން ބޭރުމީހަކަށް ކަންތައް ބަހައްޓާނެތޯ އެވެ؟ ނޫންކަން ގައިމެވެ. ވިލްސަންއަށް ވިސްނުނީ މިއީ މި މީހުންގެ ދީނުން ލިބިފައިވާ މާތްކަމެއް ކަމުގައެވެ.
މީނާގެ އީމާން ގަދަވި ގަދަވިހެން ހިތާމަތައް ދިޔައީ މަޑުވަމުންނެވެ.