މިނިވަންކަޕް 2017 ގެ ސެމީ ފައިނަލްގެ ޖާގަ މަންތަރަ އިން ހޯދައިފިއެވެ. ރޭ ހުޅުދޫ ފުޓްސެލް ދަނޑުގައި ކުރިއަށް ދިޔަ މި މެޗު މަންތަރައިން ކާމިޔާބުކޮށްފައިވަނީ މަލްޓިޖީނިއަސް ސިޓީ އާއި ބައްދަލުކޮށް 06 ލަނޑު 2 ލަނޑުންނެވެ. މަންތަރައިގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ތިން މިނިޓް ތެރޭގައި އެ ޓީމުގެ ލިޔާހުވަނީ ދެ ގޯލު ޖަހާ މެޗުގެ ލީޑު ނަގާފައެވެ.މަލްޓި ޖީނިއަސް އިން މަންތަރައިގެ ކުޅުންތެރިން ހިފެހެއްޓުމަށްޓަކައި މަސައްކަތްކޮށްފައިވާއިރު މެޗުގެ ނުވަ ވަނަ މިނިޓްގައި އަލީ ޝިފާއު(ރޮނާ) ވަނީ މެޗުގެ ލީޑު ފުޅާކޮށްދީފައެވެ. މަންތަރައިން މަލްޓި ޖީނިއަސްގެ ޑިފެންސް ލައިން ފޫއަޅުވާލުމަށްފަހު ވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމެން އެއް މިނިޓަށްވެފައިވަނިކޮށް ޝިނާޒު(ހެޓޭ) ޖެހި ލަނޑާއެކު އެ ޓިމުން ވަނީ ހަމަޖެހިލާފައެވެ. މެޗުގެ ދެވަނަ ހާފްގައި މަލްޓި ޖީނިއަސް އިން މެޗުގެ ކުޅުން ރަގަޅު ކޮށް ލަނޑެއް ކާމިޔާބުކުރުމަށްވަނީ މަސައްކަތްކޮށްފައެވެ. މި މެޗުގައި މަލްޓި ޖީނިއަސްގެ ފުރަތަމަ ލަނޑު ޖަހައިދިނީ އެ ޓީމުގެ ޝާނީޒްއެވެ. އެ ޓީމުން ކާމިޔާބުކުރި ފުރަތަމަ ލަނޑުޖެހިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި މަންތަރައިގެ ރޯނާ ނަގައިދިން ހުރަހަކުން ލިޔާއުވަނީ މަންތަރައަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީފައެވެ. މި މެޗުގައި މަލްޓި ޖީނިއަސް އަށް ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ހަސަން އިރްފާނުއެވެ. މަންތަރަ ޓީމުން މަލްޓި ޖީނިއަސް ގެ ގޯލަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާފައިވާއިރު މަންތަރައިގެ ހަވަނަ ލަނޑަކީ ތިރީސްވަނަ މިނިޓްގައި ސަމީނު ކާމިޔާބުކޮށްދިން ލަނޑެކެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މެޗުގައި ތިން ލަނޑު މަންތަރައަށް ކާމިޔާބުކޮށްދިން ލިޔާހު އެވެ. ލިޔާހުވަނީ މި މުބާރާތުގައި ޖުމްލަ 09 ގޯލު މަންތަރަ އަށް ކާމިޔާބުކޮށްދީފައެވެ. މި މުބާރާތުގެ ސެމީ ފައިނަލްގެ މެޗުތައް 24 ޖުލައި ވާ ހޯމަ ދުވަހުގެރޭ ފެށުމަށް ވަނީ ހަމަޖެހިފައެވެ. ސެމީ ފައިނަލްގައި ބައްދަލުކުރާނީ މަންތަރައާއި މަރަދޫ އެފްސީ އެވެ.