English Edition
Dhivehi Edition

އައްޑޫސިޓީ މަރަދޫ ހިޔައު ޖަމީއްޔާގެ ފަސްވަނަ ދައުރުގެ ރައީސާއި ނާއިބު ރައީސް ހޮވައިފިއެވެ. އެޖަމިއްޔާގެ ފަސްވަނަ ދައުރަށް މެންބަރުން އިންތިޚާބު ކުރުމަށް މިއަދު ބޭއްވި އިންތިޚާބުގައި ރައީސަކަށް ހޮވާފައިވަނީ މަރަދޫ، ކާރުނޭޝަންގޭ، ފަހުދު ނަސީރެވެ. އާނާ އެމަގާމަށް ހޮވާފައިވަނީ 414 ވޯޓުންނެވެ. އޭނާއާ ވާދަކުރި މަރަދޫ، ފިޔާތޮށިގޭ ހުސައިން އައުޒާރަށް ލިބިފައިވަނީ 312 ވޯޓެވެ. ހިޔައު ޖަމިއްޔާގެ ނާއިބު ރައީސަކަށް އިންތިޚާބުކޮށްފައިވަނީ މަރަދޫ، ދޮންވެލި، މުހައްމަދު އަތުފާން ޚާލިދެވެ. އޭނާ އެމަގާމަށް ހޮވާފައިވަނީ ވޯޓުލީ މީހުގެތެރެއިން 398 މީހުންގެ ވޯޓުންނެވެ. އޭނާއާ ވާދަކުރި އެރަށު މޫންލައިޓް، އަހްމަދު ނިޝާނަށް ލިބިފައިވަނީ 337 ވޯޓެވެ. ހިޔައު ޖަމިއްޔާގެ ފަސްވަނަ ދައުރުގެ އިންތިޚާބު މިއަދު ބޭއްވިއިރު ރައީސާއި ނާއިބު ރައީސްގެ މަގާމަށް ފިޔަވައި ވޯޓުލައިފައެއް ނުވެއެވެ. އެހެން މަގާމުތަކުގެ ތެރެއިން ކޮންމެ މަގާމަކަށް އެކަކު ކުރިމަތި ލައިފައިވުމުން އެމަގާމުތަކަށް އެމީހުންވަނީ ވޯޓަކަށް ނުގޮސް އޮޓޮމިޓިކުން ހޮވިފައެވެ. ރައީސާއި ނާއިބު ރައީސްގެ މަގާމު ފިޔަވައި ވޯޓަކަށް ނުގޮސް ޖުމްލަ 24 މަގާމަކަށްވަނީ މީހުން ހޮވިފައެވެ. މިއަދުގެ އިންތިޚާބު ފަށައިފައިވަނީ މެންދުރުފަހު 2:30 ގައެވެ. އިންތިޚާބު ނިންމައި ވޯޓުފޮށި ބަންދުކޮށްފައިވަނީ މިރޭ 8:00 ގައެވެ. ވޯޓުލުން ކުރިއަށް ދިޔައީ މަރަދޫ އަމާން ޕްރީސްކޫލުގައެވެ. މި އިންތިޚާބުގައި ވޯޓުލުމަށް އައިމީހުންގެ އަދަދު ގިނަކަމުން ބައެއްމީހުން ބުނެފައިވަނީ މިއީ އައްޑޫސިޓީގެ ތާރީޚުގައިވެސް އަމިއްލަ ޖަމިއްޔާއެއްގެ ހިންގާ ކޮމެޓީ ހޮވަން އެންމެގިނަ މެންބަރުން އައިސް ވޯޓުދިން ފަހަރުކަމަށް ވެދާނެ ކަމަށެވެ. މި އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވަނީ ޖުމްލަ 1123 މީހުންނަށެވެ. އޭގެ ތެރެއިން 769 މީހުން ވަނީ ވޯޓު ލައިފައެވެ. އޭގެތެރެއިން ބާތިލް ވޯޓުގެ ޖުމްލައަކީ 34 އެވެ. މި އިންތިޚާބުގައި ވޯޓު ލެވޭނީ ޖަމިއްޔާގެ މެމްބަރުންނަށް އެކަންޏެވެ. މި އިންތިޚާބުގައި ހިޔައު ޖަމިއްޔާއަށް ނިސްބަތްވާ މެންބަރުން އައްޑޫސިޓީގެ ހުރިހާ ރަށަކުންހެން ވޯޓުލާން ގޮސްފައިވެއެވެ. ވޯޓުގެ އިންތިޒާމާއި އެހެނިހެން ކަންކަން ގޮސްފައިވާ ގޮތާމެދު ހިތްހަމަޖެހޭ ކަމަށް އަލަށް ހޮވުނު ރައީސާއި ނާއީބު ރައީސް ވަނީ ވިދާޅުވެފައެވެ.