English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ފަހަތްޕުޅުގައި ތިއްބަވަނީ އެމަނިކުފާނަކީ ގައުމާއި ރައްޔިތުންނާއި ދީންދެކެ ލޯބިވާ ވެރިއަކަށްވާތީ ކަމަށް ޕީޕީއެމްގެ ނާއިބު ލީޑަރު ވިދާޅުވެއްޖެއެވެ. ޕީޕީއެމްގެ ނާއިބު ލީޑަރު އަދި ފޮނަދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުއްރަހީމް އަބްދުﷲ އެހެން ވިދާޅުވެފައިވަނީ އޭނާ މިއަދު ކުރައްވާފައިވާ ޓްވީޓެއްގައެވެ. “އަޅުގަނޑުމެން ރައީސް ޔާމީންގެ އަރިހުގައި ސާބިޔުވެ މިތިބީ ދީނާއި، ގައުމާއި، ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރައްވާ ގައުމުދެކެ ލޯބިވާ ލީޑަރަކަށްވާތީ،” އޭނާގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ. އަބްދުއްރަހީމް ވިދާޅުވެފައިވަނީ ރައީސް ޔާމީން ގެންދަވަނީ ވަކިކުލައަކަށް ބެއްލެވުމެއްނެތި އެހްމެހާ ދިވެހި ރައްޔިތުންނަށް ތަރައްގީ ހޯއްދަވައި ދެއްވަމުން ކަމަށެވެ. އެހެންނަމަވެސް މިހާރު ފެނިގެންދަނީ ގައުމާއި ރައްޔިތުންގެ ތަރައްގީއަށް ރައީސް ޔާމީން ކޮށްދެއްވާ މަސައްކަތްތައް ހުއްޓުވުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުންގެންދާ ތަންކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ. ރާއޖޭގެ ސިޔާސީ މައިދާނުގައި ހަމައެކަނި އެއްގޮތެއްގެ މަތީގައި ދެމިހުންނެވި ސިޔާސީ ލީޑަރަކީވެސް ރައީސް ޔާމީން ކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން އެމަނިކުފާނު ކުރިއަށްގެންދަވާ ތަރައްގީގެ މަސައްކަތްޕުޅުތައް ރައްޔިތުންވަނީ ބަލައިގެންފައި ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.