English Edition
Dhivehi Edition

އެމްޑީޕީގެ ހަރުގޭގައި މިއަދު ބޭއްވި އެޕާޓީގެ އެތެރޭގެ އިންތިޚާބަށް އެއްވެސް ސިފައެއްގައި ހުރަސްއަޅައިފައި ނުވާނެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން އެހެން ވިދާޅުވީ އެމްޑީޕީގެ ހަރުގޭގައި މިއަދު އެޕާޓީން ބޭއްވި އެތެރޭގެ އިންތިޚާބަށް ފުލުހުން ހުރަސްއަޅައިފައިވާ ކަމަށް އެޕާޓީން ބުނެފައިވަނިކޮށްނެނެވެ. އިންތިޚާބު ކުރިއަށްދަނިކޮށް ފުލުހުން ހަރުގެއަށްވަދެ އެތަނުން މީހުންނެރެފައިވާ ކަމަށްވެސް އެމްޑީޕީގެ އިސް ބައެއް ބޭފުޅުންވަނީ ވިދާޅުވެފައެވެ. މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާއިން ވިދާޅުވެފައިވަނީ “އެމްޑީޕީ ހަރުގޭގައި މިއަދު ބޭއްވުނު އެޕާޓީގެ އެތެރޭގެ އިންތިޚާބަށް ޕޮލިހުން އެއްވެސް ސިފައެއްގައި ހުރަސްއަޅާފައެއް ނުވާނެ،” ކަމަށެވެ. އަދި އެފަދަ އިންތިޚާބެއް ހަރުގޭގައި އިންތިޒާމް ކުރެވިފައިވާކަން ރަސްމީކޮށް ފުލުހުންނަށް ކުރިން އަންގާފައިނުވާކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ. “ކުރިން ރޭވިގެން ބޭއްވޭ ހަރަކާތްތަކުގެ މައުލޫމާތު ފުލުހުންނަށް އެނގުމަކީ އެފަދަ ހަރަކާތްތައް ކުރިއަށް ގެންދިއުމަށާއި، ފުލުހުންގެ ގާނޫނީ ވާޖިބު އަދާކުރުމަށް ފަސޭހަ ވެގެންދާނެ ކަމެއް،” ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައިވެއެވެ. އިދިކޮޅު ފަރާތްތަކުން މާލޭގައި މިއަދު ހަވީރު ބޭއްވި އެއްވުމުގައި ފުލުހުންވަނީ 4 މީހަކު ހައްޔަރު ކޮށްފައެވެ. އޭގެ ތެރޭގައި އަދާލަތު ޕާޓީގެ ނާއިބު ރައީސް އަލީ ޒާހިރާއި، މެދުހެންވާރު ދާއިރާގެ މަޖިލިސް މެންބަރު އަލީ އާޒިމް ހިމެނި ވަޑައިގަންނަވައެވެ.

ޓެގު