ގުޅިފައިވާ އިއްތިހާދުން މިއަދު ހަވީރު މާލޭގައި ބޭއްވި އެއްވުމުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި އަދާލަތު ޕާޓީގެ ނާއިބު ރައީސް އަލީ ޒާހިރު ހައްޔަރު ކޮށްފި އެވެ. ފުލުހުން އާޒިމް ހައްޔަރުކޮށްފައިވަނީ ހެންވޭރު ހެދިގޮނޑުދޮށުގެ ކުރިމަތީގައި ހުންނަ އެމްޑީޕީގެ ހަރުގެ ކައިރިއަށް އެއްވެތިބި މީހުންނާ މުޚާތަބު ކުރައްވައި ވާހަކަ ދައްކަވަން ހުންނަވަނިކޮށެވެ. އަލީ ޒާހިރު ވެސް ހައްޔަރުކުރީ އެމްޑީޕީ ހަރުގެ ސަރަހައްދަށް އެއްވި މީހުންނާ ވާހަކަ ދައްކަވައި ނިންމެވިތާ އިރުކޮޅެއް ފަހުންނެވެ. އެ ދެބޭފުޅުން ހައްޔަރު ކުރެއްވީ އަމުރަށް ނުކިޔަމަންތެރި ވެގެންތޯ ދެންނެވުމުން ފުލުހުންގެ މީޑިއާއިން ވިދާޅުވީ މިވަގުތު އިތުރު މައުލޫމާތެއް ދެވެންނެތް ކަމަށެވެ. މިއަދުގެ އެއްވުގައި ފުލުހުންވަނީ އިތުރު ދެމީހަކުވެސް ހައްޔަރު ކޮށްފައެވެ. އެމީހުންނާ ބެހޭ ގޮތުންވެސް ފުލުހުން ތަފްސީލެއް ނުދެއްވައެވެ. މިއަދުގެ އެއްވުން ރޫޅާލުމަށް ފުލުހުންވަނީ ޕެޕަރސްރޭ ޖަހައިފައެވެ.