އެމްއެންޑީއެފް ސަދަން އޭރިއާއިން އައްޑޫ ސިޓީގައި ސިފައިންގެ އާއިލީ ހަވީރެއް ބާއްވާގޮތައް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ހާމަކޮށްފިއެވެ.
126 ވަނަ ސިފައިންގެ ދުވަހާއި ގުޅުވައިގެން ބާއްވާ މި އާއިލީ ހަވީރު ބޭއްވުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީ މަރަދޫ ކުޑަކުދިންގެ ޕާކުގައި މިމަހުގެ 11 އަދި 12 ވަނަ ދުވަހުގެ ހަވީރު 16:00 އިން 18:00 އަށެވެ.
މި އާއިލީ ހަވީރުގައި ކުޑަކުދިންނާއި ގުޅޭ ތަފާތު އެކި ކުޅިވަރުތަކާއި ސްޓޭޖް ހަރަކާތްތަކުގެ އިތުރުން ބައެއް އަސްކަރީ ސްޓޯލްތަކާއި ރެޕަލް ކުރުމާއި، ވޯލް ކްލައިންބިންގ، ޓްރެވާސް އަދި އޮބްސްޓިކަލް ރޭހާއި ފޭސް ޕެއިންޓް ކުރުމުގެ ފުރުޞަތު މި އާއިލީ ހަވީރުގައި ކުޑަކުދިންނަށް ލިބިގެންދާނެކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މީގެ އިތުރުން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާރވިސްގެ ސްޓޯލަކާއި އެމްއެންޑީއެފް ކޯސްޓްގާޑްގެ ބައެއް އުޅަނދުތައް ދައްކާލުމާއި ނެވިގޭޝަން ޗާޓް ވޯކް ތަޖުރިބާކޮށްލުމުގެ ފުރުޞަތުވެސް މި އާއިލީ ހަވީރުގައި ލިބިގެންދާނެކަމަށާއި ރާއްޖޭގެ ސަޤާފީ ބައެއް ހަރަކާތްތައް ދައްކާލުމުގެ ގޮތުން ސަޤާފީ ސްޓޯލަކާއި މެޑިކަލް ސްޓޯލެއްގެ އިތުރުން އެއަރ ރައިފަލް ޝޫޓް ކުރުމުގެ ފުރުޞަތުވެސް އާއިލީ ހަވީރުގައި ލިބިގެންދާނެކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
މީގެ ކުރިންވެސް އެމްއެންޑީއެފުގެ ސަދަން އޭރިއާއިން އައްޑޫގައި މިފަދަ އާއިލީ ހަވީރުތައް ބާއްވައެވެ. އަދި މި ފަދަ ޕްރޮގްރާމުތަކަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެއެވެ.