ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް ގެ ސްޕީޑް ބޯޓު (ޓީ.އައި.ޒެޑް 1) ގެ ހަލް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ދެވަނަ ފަހަރަށް އިއުލާންކޮށްފިއެވެ.
ތިލަފުށީ ކޯޕަރޭޝަނާއި ގުޅީފަޅު އިންވެސްޓްމަންޓް އެއްކޮށްލައިގެން ސަރުކާރުން އުފައްދަވާފައިވާ ކުންފުނި،ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެގެން މީގެ ކުރިން ހުޅުވާލި ފުރުޞަތުގައި އެކަށީގެންވާ ތަރުޙީބު ލިބިފައި ނުވާތީވެ އެ އިޢުލާން ބާޠިލްކޮށް އަލުން މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލާ ކަމަށް އެކުންފުނިން ބުނެއެވެ.
ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުން މި މަހުގެ 9 ވަނަ ދުވަހު ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރަން ޖެހެނީ މެއި 9 ވަނަ ދުވަހުން ފެށިގެން މެއި 15 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކުވެސް ހެނދުނު 9:00 އިން 15:00 ކަމަށެވެ. އަދި މައުލޫމާތު ކަރުދާސް ދޫކުރުން ހަމަޖެހިފައިވަނީ ޖީ.އެމް.އައި.ޒެޑް.އެލް ހެޑް އޮފީހުގައި( ފެންބިލްޑިންގ ގެ 4 ވަނަ ފަންގިފިލާ ) މެއި 20 ވަނަ ދުވަހުގެ 13:00 އިން ފެށިގެންކަމަށާއި ޕްރީ ބިޑް މީޓިން އޮންނާނީ އެ އޮފީހުގައި 21 މެއި ވާ އާދިއްތަ ދުވަހު 11:00 ގައި ކަމަށް އެކުންފުނިން ބުނެފައިވެއެވެ. މި މަސައްކަތާ ގުޅޭ ގޮތުން ބިޑް ހުށަހަޅާ ފަރާތްތަކުގެ ބިޑް ހުށަހެޅުމާއި އަދި ބިޑް ހުޅުވުން އޮންނާނީ މެއި 24 ވަނަ ދުވަހުގެ 11:00 ގައެވެ.
” ބީލަން ހުށަހެޅޭނީ ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރ ވެފައިވާ ފަރާތްތަކަށެވެ. ބީލަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ މި ކުންފުނީގެ ހެޑް އޮފީހުގައި ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކާއި އެކުއެވެ. މި ބީލަމަށް މާކްސް ދެވޭނެ މިންގަނޑު މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.” އެކުންފުނިން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވެއެވެ.
މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން ޕްރޮކިއުމަންޓް ޑިޕާރޓްމަންޓަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް އެ ކުންފުނިން އެދެއެވެ.