ކ.ތިލަފުށި 1 ގައި ގާއިމު ކޮށްފައިވާ ނަރުދަމާގެ ނިޒާމު އިތުރަށް ހަރުދަނާކޮށް މައްސަލަތައް ހައްލުކުރުމަށް ކޮންސަލްޓެންޓަކު ބޭނުންވެގެން އިއުލާންކޮށްފިއެވެ.
ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުން މި މަހުގެ 6 ވަނަ ދުވަހު ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މި މަސައްކަތް ކޮށްދިނުމަށްޓަކައި ސަރުކާރުގެ ޤަވާޢިދުތަކާއި އެއްގޮތްވާގޮތުގެ މަތީން މި ކަމުގެ ތަޖުރިބާއާއި ޤާބިލްކަން ހުރި ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލާ ދަޢުވަތުއަރުވާ ކަމަށެވެ.
ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރަން ޖެހެނީ މެއި 7 ވަނަ ދުވަހުން ފެށިގެން މެއި 9 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކުވެސް ހެނދުނު 9:00 އިން 15:00 އަށެވެ. އަދި މައުލޫމާތު ކަރުދާސް ދޫކުރުން ހަމަޖެހިފައިވަނީ ފޖީ.އެމް.އައި.ޒެޑް.އެލް ހެޑް އޮފީހުގައި( ފެންބިލްޑިންގ ގެ 4 ވަނަ ފަންގިފިލާ ) މެއި 10 ވަނަ ދުވަހުގެ 14:00 އިން ފެށިގެންނެވެ. ހަމަ އެއާއެކު ޕްރީ ބިޑް މީޓިން އޮންނާނީ މި އޮފީހުގައި 13 މެއި ވާ އާދިއްތަ ދުވަހު 14:00 ގައި ކަމަށް އެކުންފުނިން ބުނެފައިވެއެވެ. މި މަސައްކަތާ ގުޅޭ ގޮތުން ބިޑް ހުށަހަޅާ ފަރާތްތަކުގެ ބިޑް ހުށަހެޅުމާއި އަދި ބިޑް ހުޅުވުން އޮންނާނީ މެއި 20 ވަނަ ދުވަހުގެ 11:00 ގައެވެ.