English Edition
Dhivehi Edition

އިނގިރޭސި ވިލާތަށް ނިސްބަތްވާ 8 މުސްލިމަކު ބައިސްކަލުގައި ހައްޖަށް ދިއުމަށް ފުރައިފިއެވެ. މިމީހުން މައްކާއަށް ދިއުމަށް ފުރީ، ލަންޑަންގެ އީސްޓް ލަންޑަން މިސްކިތް ކައިރިންނެވެ. ބައިސްކަލުގައި ސައުދީ އަރަބީއްޔާ ހަމައަށް ދެވެނީ ޖުމްލަ ހަތް ގައުމު ހުރަސް ކުރުމަށް ފަހުގައެވެ. އެމީހުން ލަފާ ކޮއްފައިވާ ގޮތުގައި 6 ހަފްތާ ތެރޭ 2000 މޭލު ކަޑައްތުކޮށް ކުރެވޭނެއެވެ. މިދަތުރުގައި ޖުމްލަ އަށް ގައުމުގެ މަގު ހިމެނެއެވެ. އެމީހުން އިނގިރޭސި ވިލާތުން ފުރައިގެން ދާނީ ފްރާންސް އަށެވެ. އެއަށް ފަހު ޖަރުމަނަށް ގޮސް ދެން ދަނީ ސްވިޓްޒަލޭންޑަށެވެ. އެތަނުން ދެން ދާން ހަމަޖެހިފައިވަނީ އިޓަލީ ހުރަސްކޮށް ގްރީސްއަށެވެ. ގްރީސް އިން ކަނޑު ބޯޓެއްގައި ދެން ދަތުރު ކުރާނީ މިސްރަށެވެ. އެމީހުން ފުރަތަމަ ބޭނުންވީ ތުރުކީ މަގުން ސީރިއާ ހުރަސްކޮށް ސައުދީ އަރަބީއްޔާއަށް ދާށެވެ. ނަމަވެސް ސަލާމާތީ ކަންކަމަށް ބަލާ ކަނޑުމަގުން މިސްރަށް ގޮސް ސައުދީ އަރަބީއްޔާ އަށް ދާން ނިންމީއެެވެ. މި ދަތުރުގެ މަޤްސަދާއި ބެހޭގޮތުން ދަތުރުގެ ބައިވެރިއެއް ކަމަށްވާ މައުލާނާ އަބްދުލް މުކިތް ބުނެފައިވަނީ އެމީހުންގެ ދަތުރުގެ މައިގަނޑު މަޤްސަދަކީ، ސީރިއާގެ ހަނގުރާމައިގައި ހާލުގައި ޖެހިފައިވާ މުސްލިމް އަޚުންނާއި އުޚްތުންނަށް އެއް މިލިއަން ޔޫރޯގެ އެހީ ހޯދުމަށެވެ. އެނާ އިތުރަށް ބުނެފައިވަނީ މިއީ މިބާވަތުގެ ފުރަތަމަ ދަތުރު ކަމަށާއި، ކުރިއަށް އޮތްތަނުގައި އެހެން މީހުންވެސް މިފަދަ ދަތުރުތައް ކުރާނެ ކަމަަށް އުއްމީދު ކުރާ ކަމުގައެވެ. މިމީހުން ސައުދީއަށް ދާން ފުރާތަން ބަލަން އީސްޓް ލަންޑަން މިސްކިތް ކައިރިއަށް ވަރަށް ގިނަ މީހުންވަނީ ޖަމާވެފައެވެ.