ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ މުވައްޒަފުން މާލެ އާއި ކ.ތިލަފުއްޓާއި ދެމެދު ދަތުރު ކުރުމައްޓަކައި ފެރީގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފިއެވެ.
ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުން މިއަދު ކުރި އިއުލާނެއްގައި ބުނީ ފެރީގެ ހިދުމަތް ފޯރުކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 6 ވަނަ ދުވަހުގެ މެންދުރު 15:00 ގެ ކުރިން ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރ ކުރުމުގެ ކަންތައް ކުރިއަށްދާނީ ޖީ.އެމް.އައި.ޒެޑް.އެލް ހެޑް އޮފީސް ފެން ބިލްޑިންގް/ 4ވަނަ ފަންގިފިލާ ގައެވެ.
މި ޕްރޮޖެކްޓްގެ ޕްރީބިޑް ބައްދަލުވުން އޮންނަނީ މި މަހުގެ 7 ވަނަ ދުވަހުގެ މެންދުރު 14:00 ގައި ޖީ.އެމް.އައި.ޒެޑް.އެލް ހެޑް އޮފީސް ފެން ބިލްޑިންގް/ 4ވަނަ ފަންގިފިލާ ގައެވެ. އަދި ބިޑު ހުށަހެޅުމާއި ބިޑު ހުޅުވުން އޮންނާނީ މި މަހުގެ 13 ވަނަ ދުވަހުގެ ހެނދުނު 10:30 ގައި ޖީ.އެމް.އައި.ޒެޑް.އެލް ހެޑް އޮފީސް ފެން ބިލްޑިންގް/ 4ވަނަ ފަންގިފިލާ ގައެވެ.
ބީލަން ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ ބީލަމެއް ކަމަށާއި ހުށަހަޅައިފައިވާ ބީލަން ބާޠިލްވާ މުއްދަތު މަދުވެގެން 90 ދުވަހަށް ވާންވާނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ. މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު އެ ކުންފުންޏަށް ލިބިގެންވާ ކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.
ބީލަން ހުށަހެޅޭނީ ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރ ވެފައިވާ ފަރާތްތަކަށް ކަމަށާއި ބީލަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައި ކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.
މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން ޕްރޮކިއުމަންޓް ޑިޕާރޓްމަންޓަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް އެ ކުންފުނިން އެދެއެވެ.
ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑަކީ ތިލަފުށީ ކޯޕަރޭޝަނާއި ގުޅީފަޅު އިންވެސްޓްމަންޓް އެއްކޮށްލައިގެން ސަރުކާރުން އުފައްދަވާފައިވާ ކުންފުންޏެކެވެ.