English Edition
Dhivehi Edition

އައްޑޫ އިންޓަރ ސްކޫލް ނެޓްބޯޅަ މުބާރާތް 2018ގެ 17 އަހަރުން ދަށުގެ ފުރަތަމަ ސެމީ ފައިނަލް މެޗްގައި މިއަދު އައްޑޫ ހައި ސްކޫލާއި ހިތަދޫ ސްކޫލް ބައްދަލު ކުރި މެޗުން މޮޅުވެގެން ހިތަދޫ ސްކޫލް ޓީމް ފައިނަލަށް ދަތުރު ކޮށްފިއެވެ.

މި މެޗް ފެށިގެން އައްޑޫ ހައި ސްކޫލުން މޮޅު ކުޅުމެއް ދައްކާ މެޗުގެ ލީޑް ނެގި ނަމަވެސް ފަހަތުން އަރާ ހިތަދޫ ސްކޫލް ވަނީ ގިނަ ޕޮޓްތަކެއް ކާމިޔާބުކޮށް އައްޑޫ ހައި ސްކޫލްގެ މައްޗަށް ކުރިހޯދާފައެވެ. މި މެޗް 18 ޕޮޓް 8 ޕޮޓްގެ ނަތީޖާއަކުން ހިތަދޫ ސްކޫލް ކާމިޔާބު ކުރިއިރު މެޗްގެ ފަހު ތިން ކުއާޓާރ ގައި ހިތަދޫ ސްކޫލް ޓީމުން ވަނީ ތަފާތު ކުޅުމެއް ދައްކާފައެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ހިތަދޫ ސްކޫލްގެ ސެންޓަރ ގެ މަޤާމަށް ކުޅޭ ދަރިވަރު އާމިނަތު ޖަނާ ޖިހާދުއެވެ.

މި މެޗުން ބަލިވުމުގެ ސަބަބުން އައްޑޫ ހައި ސްކޫލްވަނީ މުބާރާތަށް އަލްވަދާޢު ކިޔާފައެވެ. ފައިނަލްގައި ހިތަދޫ ސްކޫލްއާއި ބައްދަލު ކުރާނެ ޓީމެއް ސެމީ ފައިނަލްގެ ދެވަނަ މެޗްގައި ސީނު އަތޮޅު ސްކޫލް އާއި ޝަރަފުއްދީން ސްކޫލް ބައްދަލުކުރާ މެޗް ނިމުމުން އެނގިގެންދާނެއެވެ.

މި މުބާރާތުގެ ސެމީ ފައިނަލް ހުރިހާ މެޗެއް މިއަދު ކުޅޭ ގޮތަށް ވަނީ ތާވަލު ކުރެވިފައެވެ. ފައިނަލްގެ މެޗްތައް ކުޅެން ހަމަޖެހިފައިވަނީ މާދަމާއެވެ.