English Edition
Dhivehi Edition

އައްޑޫ އިންޓަރ ސްކޫލް ނެޓްބޯޅަ މުބާރާތް 2018 ގެ އިއްޔެ ކުޅެވުނު 17 އަހަރުން ދަށުގެ މެޗުން އިރުޝާދިއްޔާ ސްކޫލްގެ މައްޗަށް އައްޑޫ ހައި ސްކޫލްގެ ޓީމް ކުރި ހޯދައިފިއެވެ.

ވަރަށް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗްގައި އައްޑޫ ހައި ސްކޫލްގެ ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މެޗްގެ ފުރަތަމަ ކުއާޓަރ އިން ފެށިގެން އައްޑޫ ހައި ސްކޫލް ވަނީ މެޗްގެ ލީޑު ނަގާފައެވެ. މެޗް ނިމުނު އިރު އައްޑޫ ހައި ސްކޫލްގެ ޓީމް 20 ޕޮޓް އަޅާފައިވާ އިރު އިރުޝާދިއްޔާ ސްކޫލަށް އެޅިފައިވަނީ 7 ޕޮޓެވެ.

މި މެޗްގެ “ކްއީން އޮފް ދަ މެޗް” އަށް ހޮވިފައިވަނީ އައްޑޫ ހައި ސްކޫލް ޓީމްގެ ވިންގް އެޓޭކްގެ މަޤާމަށް ކުޅޭ ދަރިވަރު އާމިނަތު އަޒްކާ އިޤްބާލްއެވެ.

މި މެޗުން މޮޅުވެގެން އައްޑޫ ހައި ސްކޫލުން ވަނީ ސެމީ ފައިނަލުން ޖާގަ ކަށަވަރު ކޮށްފައެވެ. 17 އަހަރުން ދަށުގެ ގްރޫޕް “ބީ” ގެ މެޗްތައް ވަނީ ކުޅެ ނިމިފައެވެ. އެ ގްރޫޕްގެ އެއްވަނަ ޓީމަކަށް ހޮވިފައިވަނީ ސީނު އަތޮޅު މަދަރުސާގެ ޓީމެވެ. އައްޑޫ ހައި ސްކޫލް ޓީމް އަށް ލިބިފައިވަނީ ދެވަނަ އެވެ. އެހެން ކަމުން ސެމީ ފައިނަލްގައި މި ދެޓީމާއި ބައްދަލު ކުރާނެ ޓީމްތައް 17 އަހަރުން ދަށުގެ ގްރޫޕް”އޭ”ގެ މެޗްތައް ކުޅެ ނިމުމުން އެނގިގެންދާނެއެވެ.