English Edition
Dhivehi Edition

ސާނަވީއާއި މަތީ ސާނަވީއިން ރާއްޖޭގެ ސްކޫލްތަކުން ކޮންމެ އަހަރަކު ހޮވާ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަށް ނުވަތަ ބެސްޓް އޯލްރައުންޑް ސްޓޫޑަންޓަށް، މިއަހަރުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ ހަނދާނީ ފިލައެއް ދެއްވާ ގޮތަށް ހަމަޖައްސަވައިފިއެވެ..
މިކަން އިފްތިތާޙު ކުރެއްވުމުގެ ގޮތުން މިއަހަރު ދެއްވާ ހަނދާނީ ފިލާ، ރައީސުލްޖުމްހޫރިއްޔާ ހަވާލުކޮށްދެއްވީ، ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަނުން މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނު ރ. ރަސްގެތީމު ރަސްވެލި ޢާއިޝަތު މަލްޙާއަށެވެ.

“ރައީސުލްޖުމްހޫރިއްޔާގެ ހަނދާނީ ފިލާ” ދެއްވީ މިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ. މި ފިލާ ޢާއިޝަތު މަލްޙާއާ ހަވާލުކޮށްދެއްވުމަށްފަހު އޭނާއާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި ތަހުނިޔާ ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ބޭރު ޤައުމަކަށް ކިޔަވަންދިޔަކަމުގައި ވިއަސް ޤައުމު ދެކެ ލޯބިވުމަށާއި، ވަޠަނީ މީހަކަށް ވުމަށް ނަޞޭހަތްތެރިވެވަޑައިގެންފައެވެ. އަދި ޤައުމެއްގެ ހައިސިއްޔަތުން ކޮށްދީފައިވާ ޚިދުމަތްތަކުގެ އަގު އަދާކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން، ކޮންމެ ދާއިރާއަކުން ކުރިއަށްދިޔަ ނަމަވެސް އުނގެނިފައިވާ ތަޢުލީމުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފުމަށް ރައީސުލްޖުމްހޫރިއްޔާ ނަޞޭހަތްތެރިވެވަޑައިގަތެވެ. އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވަމުން ޢާއިޝަތު މަލްޙާއަށް އުފާ ފާގަތި މުސްތަޤްބަލަކަށް އެދިވަޑައިގެންނެވިއެވެ.

މިއަދު މި ތަޢާރުފު ކުރެއްވި “ރައީސުލްޖުމްހޫރިއްޔާގެ ހަނދާނީ ފިލާ” މީގެފަހުން ދަރިވަރުންނާ ހަވާލުކޮށްދެއްވާނީ، ސްކޫލްތަކުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި، އެ ޖަލްސާއެއްގެ ޝަރަފުވެރި މެހުމާނެވެ.

ސްކޫލުތަކުން ހޮވޭ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަށް މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ދެއްވަމުން ގެންދެވީ އިނާމެކެވެ.