English Edition
Dhivehi Edition

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އައްޑޫ ސިޓީ ކައުންސިލްގެ 4 ކައުންސިލަރަކު އެއްމަސް ދުވަހަށް ކުރި ސަސްޕެންޝަނުގެ މުއްދަތު ހަމަވެ ކައުންސިލަރުން މިއަދު އިދާރާއަށް ނިކުމެއްޖެއެވެ.

މުސާރައާއި އެހެނިހެން އިނާޔަތްތައް ނުލިބޭ ގޮތަށް މޭޔަރ އަބްދުﷲ ސާދިގް (ސޯބެ) އާއި ޑެޕިއުޓީ މޭޔަރ މުހައްމަދު ޔަސްރިފާއި، ހިތަދޫ މެދު ދާއިރާގެ ކައުންސިލަރ ޖަމްޝީދާ މުހައްމަދާއި، ފޭދޫ ދާއިރާގެ ކައުންސިލަރ އަލީ ފަހުމީ ސަސްޕެންޑް ކުރައްވައިފައިވަނީ މިދިޔަ މާރޗު 18 ވަނަ ދުވަހުން ފެށިގެންނެވެ.

ސަސްޕެންޝަނުގެ މުއްދަތު ހަމަވެ އަލުން މަސައްކަތަށް ނިކުންނެވުމާ ގުޅިގެން “އޭއޯ ނިއުސް” އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޑެޕިޔުޓީ މޭޔަރ ޔަސްރިފް ވިދާޅުވީ ރާއްޖޭގައި އުފެދިފައިވާ ގާނޫނުތަކާއި ލާމަރުކަޒީ ގާނޫނާއި، ގާނޫނު އަސާސީއާއި ޚިލާފަށް އެލްޖީއޭއިން ދުވާލެއްގެ މައްޗަށް ކައުންސިލެއް ސަސްޕެންޑް ކުރާ މައްސަލައަކީ ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. އަދި ލޯކަލް ގަވަމެންޓު އޮތޯރިޓީން ކައުންސިލްތައް ސަސްޕެންޑު ކުރުމަށް ބޭނުންކުރާ އުސޫލު ބާތިލްކޮށްދެއްވުމަށް އެދި ހައިކޯޓަށް ހުށަހެޅި މައްސަލަ އަދިވެސް ބަލައިގަތް ކަމެއް ނުވަތަ ނޫންކަމެއް ވެސް ނޭނގޭ ކަމީ ކަންބޮޑުވާ ކަމެއް ކަމަށް ޔަސްރިފް ވިދާޅުވިއެވެ.

“ކައުންސިލް ތަކަށް މިގޮތަށް ފިޔަވަޅު އަޅަން ގާނޫނީ ގޮތުން ބާރު ނުލިބި މިގޮތަށް އެލްޖީއޭއިން ކަންތައް ކުރާ ކުރުމަކީ ވަރަށް ދެރަ ކަމެއް”

ކުރިއަށް އޮތީ ރަމަޟާން މަސް ކަމަށް ވާއިރު ރޯދަމަސް އަންނަން ވާއިރަށް ކުރަން ހުރި ގިނަ މަސައްކަތްތަކެއް މި މެދުކެނޑުމުގެ ސަބަބުން ހުއްޓިފައިވާތީ އެކަން ޔަސްރިފް ވަނީ ފާހަގަކުރައްވަވާފައެވެ.

“ރޯދައިގެ ކުރިން ނިންމަން ޕްލޭން ކުރި ކަންކަން މުޅި އެއްމަސް ދުވަހަށް މިދިޔައީ ޑިލޭ ވެގެން. ރޯދަ މަހަކީ އެއްވެސް ދުވަސްވަރެއްގައި މާގިނަ މަސައްކަތްތަކެއް އެއްވެސް ބަޔަކު ކުރާ ދުވަސްވަރެއް ނޫން. މިއަހަރަކީ ރިޔާސީ އިންތިޚާބުގެ އަހަރަށް ވެފައި ރޯދައިގެ ކުރިން ގިނަ ކަންތައްތަކެއް ނިންމަން ޕްލޭންކޮށްފައި ހުރީ. އަދި އެންމެ ބާރު ފުލް ސްޕީޑުގައި މަސައްކަތް ކުރަން ހަމަ ޖައްސާފައި އޮތް ދުވަސްވަރު ހުރިހާ ކަމެއް މަޑުޖައްސާލަން ޖެހުނު ޖެހުމަކީ ކައުންސިލްގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެޅުނު ބޮޑު ހުރަހެއް” ޔަސްރިފް ވިދާޅުވިއެވެ.