ޓްރެފިކް ބާރު ބޮޑު ކަމުން ހެންވޭރު ބޯޅަ ދަނޑު ކައިރީގައި އޮތް ޓެކްސީއެއްގައި އޮތް ހާލު ބޮޑު ކުޑަ ކުއްޖަކު ކޮނޑަށް ލައިގެން ދުވެފައި އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްދިން ފުލުހަކަށް އެތައް ބަޔަކު ތައުރީފު ކުރަމުން އެބަ ގެންދެއެވެ.
އެފުލުސް މީހާއަށް މިއަދު އެތައްބަޔަކު ތައުރީފު ކުރަމުން ދަނީ ހާލު ބޮޑުވި އެކުއްޖާގެ މަންމަ އެފުލުސްމީހާ ހޯދަން މީސްމީޑިއާ ގައި ޕޯސްޓް ކުރުމުންނެވެ.
އުމުރުން އެންމެ ހަތަރު އަހަރު ގެ އެތުއްތު ކުއްޖާގެ މަންމަ މީސް މީޑިއާގައި ބުނެފައި ވާގޮތުގައި، އެމީހުން ތިބި ޓެކްސީ ހެންވޭރު ބޯޅަ ދަނޑު ކައިރީގައި ޓްރެފިކާ ހެދި ނުދެވިފައި އޮއްވާ އެ ކުއްޖާއަށް ސީޒަ އެޓޭކް ޖެހެން ފެށުމުން ރޮއެ އާދޭސް ކުރަމުން ދިޔަ ކަމަށެވެ. އަދި އެ ފުލުސް މީހާގެ އެހީ ލިބުނީ އޭނާ ކާރު ކައިރިން ދަނިކޮށް އެދުމުން ކަމަށް އެ ކުއްޖާގެ މަންމަ ބުނެފައިވެއެވެ. އެއްވެސް ޖެހިލުމެއް ނެތި އެ ފުލުސް މީހާގެ ކޮނޑުމަތީގައި އެ ކުއްޖާ އޭޑީކޭގެ އެމަޖެންސީއާއި ހަމައަށް ދުވެފައި ގެންގޮސްދިން ކަމަށާއި އެ ކޮށް ދިން ހެޔޮ ކަން ދުވަހަކު ވެސް ހަނދާން ނުނެތޭނެ ކަމަށާއި ހިތުގެ ފުން މިނުން ޝުކުރު އަދާ ކުރާ ކަމަށް އެ ކުއްޖާގެ މަންމަ ބުނެފައިވެއެވެ.
“ހުރިހާ ފުލުހުންނަކީ ގޯސް ބައެއް ނޫން ކަން އެ ދުވަހުގެ ހާދިސާއިން ހާމަކޮށް ދެއްވައިފި. އިންޝާ ﷲ މި ފުލުސް މީހާ ހޯދާ އޭނާއަށް ޕާސަނަލީ ޝުކުރު އަދާ ކުރާނަން. ތި އަދާކޮށްދިނީ ފަރުދީ ޒިންމާއެއް. ތި ދައްކުވާ ދިނީ ރައްޔިތުންގެ ހިދުމަތުގައި ހުންނާނެ ފުލުހެއްގެ ކިބައިން ފެންނަންވާނެ ނަމޫނާ ހިދުމަތެއް، އަދި އެސިފަވެސް ދުވަހަކުވެސް ހަންދާން ނުނެތޭނެ” އެ ކުއްޖާގެ މަންމަ ބުނެފައިވެއެވެ.
އެ ފުލުސް މީހާ ހޯދަން ކުއްޖާގެ މަންމަ ފޭސްބުކްގައި ޖެހުމާއެކު އޭނާއަކީ ކާކުކަން ބައެއް މީހުންވަނީ ފޮޓޯއާއެކު ފޭސްބުކާއި ޓްވިޓާގައިވެސް ހާމަކޮށްފައެވެ.
ހާލުބޮޑު އެ ކުއްޖާ ހޮސްޕިޓަލާ ހަމައަށް ގެންގޮސްދީފައިވަނީ ޓްރެފިކް ޕޮލިހުގައި މަސައްކަތް ކުރާ ލާންސް ކޯޕްރަލް މުހައްމަދު ރިފާއުއެވެ.