English Edition
Dhivehi Edition

ނަޒްރާ އޭނާގެ މުއްސަނދި ފިރިމީހާ ޝިޔާމަށް ހެނދުނުގެ ސައި ތައްޔާރު ކުރަނީ އެވެ. އޭނާ ކޮންމެ ދުވަހަކުވެސް އާ ގޮތަކަށް ބިސްގަނޑު އަޅައި ޖޫސް ގިރައި ކޮފީ ތައްޔާރުކޮށް ހަދައެވެ. އޭނާއަކަށް އެހެން ކަމެއް ނޯވެއެވެ. ފިރިމީހާ ހިތްއުފާ ކޮށްދިނުން ފިޔަވައެވެ. އެހެން ކަމުން އޭނާ ނުހަނު ފަރުވާ ބަހަށްޓައިގެން ކުރެވުނުހާ ރަނގަޅަކަށް އެމަސައްކަތް ކުރަމުން ދިޔައެވެ.

އާދައިގެ މަތީން ޝިޔާމް ހެނދުނު ސަޔަށް މޭޒުދޮށަށް އައީ އަވަސް އަރައިގެން ހުރެއެވެ. އޭނާއަކީ މެލޭޝިޔާގައި މަލްޓިމިލިއަން ޑޮލަރގެ ކުންފުންޏެއްގެ ޑިރެކްޓަރެކެވެ. ފައިސާ ގިނައެވެ. ވަގުތު މަދެވެ. ރުޅި އިހެވެ.

“އަނެއްކާވެސް މިއޮތީ ބިސްގަނޑު އަޅާފަ. “ އޭނާ ރުޅިއައިސްގެން ތަށި ހޫރާލިއެވެ. “ އަހަރެން ނުބުނަންތަ ކޮންމެ ދުވަހަކުވެސް އަހަންނަށް ހުންނަންވާނީ ދެބައިކުޅައެއްބަޔަށް ކެއްކި ބިހޭ.”

ޝިޔާމް ދެދުވަހަކު އެކައްޗެއް ނުކިޔާނެއެވެ. ބިސްކައްކާ ދުވަހެއްވިއްޔާ ބިސް ހަރުވެގެން ނުވަތަ މަޑުވެގެން މައްސަލަ ޖައްސާނެއެވެ. ނޫނީ ބިސްގަނޑު ނާޅައިގެން ޝަކުވާ ކުރާނެއެވެ. ރަނގަޅަށް ކަމެއް ކުރެވޭ ދުވަހެއް ނާދެއެވެ. ކުރާނެ ޝަކުވާއެއް ނެތިއްޔާ އެއީ ވެސް މައްސަލައެކވެ.

މުއްސަނދި ފިރިހެނެއްގެ އަތްނބަކަށް ވުމަކީ ގިނަ އަންހެނުން ދެކޭ ހުވަފެނެއް މެއެވެ. ފައިސާ ހުރުމަކީ ހުރިހާ އުފަލެއްގެ ބިންގާ ކަމުގައި ގިނަ އަންހެނުން ދެކެއެވެ. އެކުދީންގެ މައިންބަފައިންވެސް ހަމަ މިގޮތަށް ދެކެއެވެ. އަހަރެންގެ މައިންބަފައިންވެސް ދެކެނީ ހަމަ އެގޮތުގައެވެ.

ނަޒްރާގެ މައިންބަފައިންނަކީ މުއްސަނދި ނޫނަސް ތަނަވަސް ބައެކެވެ. އެމީހުންގެ ގެ ހުންނަނީ ފޭދޫގެ އަލަށް ހިއްކި ބިމާ ނުހަނު ކައިރި ހިސާބެއްގައެވެ. އެއީ ދެބުރިއަށް ހަދާފައި ހުރި ގެއެވެ. އޭނާގެ ތިބެނީ ދެބޭންނެވެ. ދޮށީ ބޭބެއަކާ އޭނާއެވެ. މައިންބަފައިން ހެޔޮ ހާލުގައި ގަދަވެ ތިބި އިރު އެދެބޭންނަށް ކިޔަވައިދޭން މަސައްކަތް ކުރިއެވެ. އެކަމަކު އޭނާގެ ބޭބެގެ ކިބައިގައި ދަސްކުރުމުގެ އުނިކަމެއް ހުރުމުގެ ސަބަބުން މާ ބޮޑަކަށް ތައުލީމީ ގޮތުން ކުރިއަރައިގެންނެއް ނުދިޔައެވެ. ނަޒްރާއަކީ އަންހެން ކުއްޖެއްކަމަށްވާތީ ރަށުން ކިޔަވާ ނިމުނީމާ އިތުރަކަށް ކިޔަވާކަށް މައިންބަފައިން ބާރެއް ނޭޅިއެވެ. އޭރު ރަށުގައި ހުރި އެންމެ ތަނަވަސް އެންމެ ކުރިއަރާފައި ހުރި ޒުވާނަކީ ޝިޔާމް ކަމަށްވުމުން މައިންބަފައިން އޭނާގެ ކާވެނި ރާވައި އަވަސް ކުރިއެވެ. ކާވެނި ކުރެވުނުތާ މާ ގިނަ ދުވަހެއް ނުވެ ޝިޔާމް ނަޒްރާ ގޮވައިގެން މާލެ ހިނގައްޖެއެވެ.

ޝިޔާމަކީ އަބަދުވެސް ވިޔަފާރި ދާއިރާގައި އުޅޭ މީހެއްކަމުން ނަޒްރާއާއެކު މާ ގިނަ ވަގުތުތަކެއް ހޭދަ ކުރާކަށް ނުލިބެއެވެ. ހެނދުނު ހެނދުނާ އޮފީހަށް ދެއެވެ. ގެޔަށް އަންނަނީ ދަންވާ ފަހުންނެވެ. ރަނގަޅު ކިޔަމަންތެރި އަތްނބަކަށް އޮންނާނީ ފިރިމީހާއަށް ޚިދުމަތް ކުރުން ނޫންހެއްޔެވެ؟ ނަޒްރާ އެކަންތައް ބަރާބަރަށް ކުރަމުން ގެންދިޔައެވެ. ގަޑިން ގަޑިއަށް ކައްކައި ހެދުންތައް ދޮވެ އިސްތިރިކޮށްދީ ހަދައެވެ. މާލޭގައި ދިރިއުޅެނީ ކުއްޔަށް ހިފާފައިވާ ތަންކޮޅެއްގައި ކަމުން އޭނާއަށް އެހީވާކަށް މީހަކު ނުހުރެއެވެ. އޭނާ ކުރަން ޖެހޭ މަސައްކަތަށް ލުޔެއް އަންނަ ދުވަހެއް ނާދެއެވެ. ހަފްތާގެ ކޮންމެ ދުވަހަކުވެސް އޭނާ ހުންނަނީ ޑިއުޓީގައެވެ. ބަލިވިޔަސް އަރިދަފުސް އެޅިޔަސް އެހެން ކަމެއް ވިޔަސް އެކަން ދަންނާނެ މީހަކު ނުހުރެއެވެ. ޝިޔާމް ގެޔަށް އަންނަ އިރު ހުންނާނީ މޫޑް ސަކަރާތްވެފައެވެ. އޮފީހުގައި ހިނގާ ކޮންމެވެސް ކަމަކާ ހެދި ރުޅި ގަދަވެފައެވެ. ގިނަ ދުވަހު އެރުޅި ބާލާނީ އޭނާއަށެވެ. އޭނާ އުޅެން ޖެހިފައިވަނީ ޝިޔާމު ގެންގުޅޭ ނޯކަރަކަށް ވުރެންވެސް ދަށު ދަރަޖައެއްގައެވެ.

ނަޒްރާ ކުރާ އެއްކަމެއްވެސް އެއް އިރަކުވެސް ޝިޔާމަށް ކަމުދާކަމަކަށް ނުވެއެވެ. ރަނގަޅޭ ބުނާ އެއްކަމެއްވެސް ނެތެވެ. ރީއްޗޭ ބުނާއެއްވެސް ސިފައެއް އޭނާ ގެކިބައިން ޝިޔާމަކަށް ނުފެނެއެވެ.

އެމީހުންގެ ކާވެނި ކުރެވުނީ މައިންބަފައިންގެ ރޭވުމުގެ ދަށުން ކަމުގައި ވިޔަސް އޭރު ޝިޔާމަށް ނަޒްރާ ވަރެއްނެތެވެ. ނަޒްރާ ބުނެފިއްޔާ ނުބާލައިދޭނެ ތަރިއެއް އުޑަކުނުވެއެވެ. ސާދަވިލޭރޭގެ ހަނދަށް ވުރެން އޭނާ ފުރިހަމަކަމަށް ބުނެއެވެ. ވިޔަސް ކާވެނި ކުރެވުނުތާ މަހެއް ވެސް ނުވަނީސް މާލެއައިސް އޭނާ ނަޒްރާ ލީ ކޮށްޓަކަށެވެ. ދަންނަ މީހަކު ނެތެވެ. ހުރި މީހެއް ނަމަ ހުރި ތަނެއް ނޭނގެއެވެ. އޭނާ ގެޔަށް ގުޅާ ފަހަރެއްނަމަ އާދައިގެމަތީން މައިންބަފައިން ސުވާލު ކުރެއެވެ. އޭނާ ކާވެނި ކުރީ އެމީހުންގެ އުފަލަށްޓަކައެވެ. އެހެންކަމުން އޭނާ ދެނީ އެމީހުން އުފާވާކަހަލަ ޚަބަރުތަކެވެ. “ހުރިހާ ކަމެއްވެސް ރަނގަޅު. ފިރިމީހާ ވަރަށް ހެޔޮ. ވިޔަފާރީގެ ގޮތުން އޭނާ ދަނީ ކުރިޔަށް. “

ބައްޕަގެ ހިތުގެ ކޮންމެވެސް ކަހަލަ މައްސަލައެއް ހުންނަކަން ނަޒްރާއަށް ވަނީ އެނގިފައެވެ. އެހެން ކަމުން އަމުދުން އޭނާގެ ހިތުގެ ހާލު ބައްޕައަށް އަންގާކަށް ބޭނުމެއް ނުވެއެވެ.

ނަޒްރާގެ ބޭބެ މުޝްތާގުގެ ކޯހެއް ހަދަން އިންޑިއާގެ ނިއުދިއްލީއަށް ދިއުމަށްފަހު އޭނާ އެތަނުން މީހަކާ އިނދެގެން ދިރިއުޅެން ފެށީއެވެ. އެކަން މަންމަގެ ފަރާތުން ނަޒްރާއަށް ފަހުން އެނގުނެވެ.

އޭރު ޝިޔާމްގެ މުއްސަނދިކަން ދުވަހެއް ދުވަހަކަށް ކުރިއަރަމުން ދިޔައެވެ. އެއާއެކު އޭނާގެ ހަރުކަށިކަމާއި އަމުރުވެރިކަން ނަޒްރާގެ މައްޗަށް ބޮޑުވަމުން ދާން ފަށައިފިއެވެ. ނަޒްރާއަކީ އެއްވެސް މީހެއް ނޫން ކަމުގެ އިހްސާސް ކުރެވެން ފަށައިފިއެވެ. ނަޒްރާ ކިތަންމެ ވަރުބައްޔެއް ވިޔަސް އަދި ބައްޔެއް ވިޔަސް އެކަން ބަލާކަށް ބޭނުމެއް ނުވެއެވެ. ގޭގެ ޚަރަދަށް ދޭ ލާރިކޮޅު ފިޔަވައި އެއްވެސް އެއްޗެއް ނުމެ ދޭމެއެވެ. އަތްނބަކަށް ވުރެން ބޮޑަށް ނަޒްރާއަކީ ޝިޔާމް ގެންގުޅޭ ނޯކަރެއް ނުވަތަ އަޅެއް ކަމުގައިވެ ނިމިއްޖެއެވެ.

ދުނިޔޭގެ މިހަޔާތުގައި އެކިމީހުންނަށް ހުރީ އެކި ގޮތެވެ. މުދާ ހުރެމެ ހިތްދަތި ދިރިއުޅުމެއް އުޅެން ޖެހިފައިވާ މީހުން މަދެއް ނޫނެވެ. ހަމަ އެފަދައިން މުދާނެތި އުފަލުގައި އުޅޭ މީހުންނަކީވެސް އުޅޭ ބައެއް މެއެވެ. އެކަމަކު ކޮންމެ ހިތާމައެއްގެ ފަހަތުގައި ގިނަފަހަރު ކޮންމެވެސް ސަބަބުތަކެއް ވެއެވެ. ވިޔަސް ނަޒްރާއަށް މިފަދަ ހިތާމަވެރި ހާލަތެއް މެދުވެރިވީ އޭނާ ކުރި ވަކި މިވެނި ކަމެއްގެ ނަތީޖާއެއްގެ ގޮތުންނޭ ބުނާކަށް ނޭނގެއެވެ. ފަހަރުގައި އޭނާއަށް އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމުގެ ޝައުގުވެރިކަން ބޮޑުވެ މައިންބަފައިން އޭނާ ޝިޔާމް ކަހަލަ މުއްސަންޖަކާ ކާވެނި ކުރުވިކަމުގެ ނަތީޖާކަމަށް ވެސް ވެދާނެއެވެ. ނޫނީ އޭނާއަށް ލޯތްބާ ނުލާ ކާވެންޏަކަށް ރުހޭބަސް ދެވުނީއެވެ. ނުވަތަ މައިންބަފައިންގެ ހުށަހެޅުމާ ދެކޮޅަށް ތެދުވުމަށް އޭނާއަށް ހިތްވަރެއް ނެތުނީއެވެ. އުމުރުން އެންމެ ސޯޅަ އަހަރުގައި އޭނާ ކަހަލަ ކިޔަމަންތެރި އަންހެން ކުއްޖަކަށް މައިންބަފައިންގެ ހުށަހެޅުމެއްގައި ކޮޅުފައިން ޖެހިދާނެހެއްޔެވެ؟ މިފަދަ ހާލަތު ދިމާވެފައި ތިބޭ ކިތަންމެ ބަޔަކުވެސް ހަމަ އުޅޭނެތާއެވެ.

ކެތްތެރިވުން ނޫން ގޮތެއް ނެތިފައި ހުރި ނަޒްރާ އޭނާގެ މުޅިހަޔާތް މައިންބަފައިންގެ އުފަލަށްޓަކައި ގުރުބާން ކުރަމުން ދިޔައެވެ.

ނަޒްރާއާއި އޭނާގެ ބޭބެ މައިންބަފައިންނާ އެކުގައި ނުވާކަމީ އެމީހުންނަށް ލިބެމުން ދިޔަ ބޮޑު ހިތާމައެކެވެ. މުޝްތާގުގެ އެއްވެސް ޚަބަރެއް ފަހަކަށް އައިސް ނުލިބެއެވެ. އޭނާގެ މަންމަ އެކަމާ އަބަދު ހާސްވެގެން ނަޒްރާއަށް ގުޅަމުން ދެއެވެ. އެމީހުން ދެން ގުޅާނީ ވަކި ކާކަށްހެއްޔެވެ؟ ތިބީ ދެ ދަރީންނެވެ. އެދަރީން ވަނީ އެމީހުންނާ ދުރުގައެވެ.

ނަޒްރާ އުފަލުގައި އުޅޭކަން އެނގުމުން އެމީހުން ނުހަނު އުފާވެއެވެ. މިއަދު އެމީހުންނަށް ލިބޭ ހަމައެކަނި އުފަލަކީވެސް އެއީ އެވެ. އަދި މައިންބަފައިން އުފަލުގައި އުޅެމުންދާކަން އެނގުން ނޫން އުފަލެއް ނަޒްރާއަކަށް ވެސް ނުމެލިބޭމެއެވެ.

ނަޒްރާއަކަށް އެތަކެއް ހާސް މޭލު ދުރުގައި އޭނާގެ މައިންބަފައިންގެ ގެއިން އިސާހިތަކު ބޭރުވާން އުޅޭކަމުގެ ކުޑަވެސް ހިލަމެއް ނުވެއެވެ. އޭރު މުޝްތާގު ވަނީ އެމީހުންނަށް އެނގުމަކާ ނުލާ މައިންބަފައިންގެ ގެ ބޭންކުގައި މޯގޭޖްކޮށްފައެވެ. އަދި މޯގޭޖް ފައިސާ ބޭންކަށް ދައްކަމުންނެއް ވެސް ނުދެއެވެ. އެންމެ ފަހުން ބޭންކުން އެމުސްކުޅި ދެމަފިރިންނާ އެމައްސަލަ ހިއްސާ ކުރި ދުވަހަކީ ހިތުގެ ބަލީގައި ގިނަދުވަހު އުޅެމުން ދިޔަ ނަޒްރާގެ ބައްޕަ ނިޔާވި ދުވަސް ވެސް މެއެވެ.

ނަޒްރާގެ ފޯންކޯލް އޭނާގެ މަންމައަށް އައީ ވެސް އެދުވަހުއެވެ. މަންމަ ނުރޯން ހިތްވަރު ކުރަމުން ދިޔަ ތަނެއް ނަޒްރާއަކަށް ނުފެންނާނެއެވެ. ނަޒްރާގެ ހިތަށް ދަތިކަމެއް ނުދީ އެފޯން ކޯލް ނިންމާލެވުނީ އޭނާގެ މަންމަގެ ނުހަނު ގަދަ ހިތްވަރުންނެވެ.

ނަޒްރާ ކިތަންމެ ހިތްދަތި ކަމާއެކުގައި އުޅެމުން ދިޔައެއް ކަމަކު އޭނާގެ އާއިލާ އުފަލުގައި ތިބިކަން އެނގުމުން ލިބޭ އުފާ ނުހަނުވެސް ބޮޑެވެ. އެނޫން އުފަލެއް އޭނާގެ ހަޔާތުގައި ލިބުމެއް ނުވެސް ނެތް މެއެވެ.

ކޮންމެ އުފަލަކީވެސް ނިމުން އަންނަ އެއްޗެއް ކަމުން ނަޒްރާއަށްވެސް އޭނާއަށް ލިބެމުން ދިޔަ ކުޑަ އުފާކޮޅުގެ ނިމުން އައުމުގެ ވަގުތު ޖެހިއްޖެއެވެ. އޭނާގެ ފިރިމީހާ ނުހަނު ޒުވާން މެލޭޝިއާގެ އަންހެން ކުއްޖަކު ގޮވައިގެން ގެޔަށް އަތުވެއްޖެއެވެ. އެދެމީހުންނަށް މެންދުރުގެ ކެއުން ތައްޔާރު ކުރުމަށް އެންގުމަށްފަހު އެކުއްޖާ ގޮވައިގެން ޝިޔާމް އެމީހުން ނިދާ ކޮޓަރިއަށް ވަދެއްޖެއެވެ.

ކިޔަމަންތެރި އަނބި ނަޒްރާ އެމީހުންނަށް މެންދުރުގެ ކެއުން ކައްކައި ތައްޔާރު ކުރިއެވެ. އަދި ކެއުން ތައްޔާރުވީ ވާހަކަ ބުނަން ކޮޓަރި ދޮރާހަމަޔަށް ދިޔައިރު އޭނާއަށް ފެނިގެން ދިޔައީ އޭނާގެ ލޮލަށް ކެތްވާ ކަހަލަ މަންޒަރެއް ނޫނެވެ. ކިތަންމެ ނުބަލަން ހުރި ނަމަވެސް އޭނާގެ ފިރިމީހާ އޭނާގެ އެނދުގައި ހިލޭ އަންހެނަކާއެކު ކުރަމުންގެންދިޔަ އެފާހިޝް އަމަލުތަކުން އޭނާގެ ލޯ ނައްޓުވައެއް ނުލެވުނެވެ. އަދި ބަލަން ހުންނާކަށް ކެތެއްވެސް ނުވިއެވެ. އޭނާ ހުރި ފިޔަވަޅުމަތީގައި ގުޑާވެސް ނުލާ ހުރެވުނީއެވެ.

އެއީ ނަޒްރާގެ މަންމަގެ ކޯލް އައި ވަގުތެވެ. އޭނާ ފޯން ނެގިއެވެ. އެކަމަކު ދުލުން ބަހެއް ނުބުނެވުނެވެ. އޭނާގެ އަރުތެރޭން އަޑެއް ބޭރެއް ނުވިއެވެ. މަންމައަށް ކަމެއް ގޯސްވެއްޖެކަން މިވަގުތު އެނގޭނެ ކަން ކަށަވަރެވެ. މިއަށް ވުރެން ބޮޑަށް ކަންތަކެއް ގޯހެއް ނުވާނެއެވެ. އޭނާގެ މިހިތްދަތި ދުނިޔެއަށް އަލްވަދާއު ކިޔަންވީ ވަގުތު އައިސް މިޖެހުނީއެވެ.

ނަޒްރާ އޭނާގެ ހެދުންތަކާ އެއްޗެހި ދަބަހަށް އަޅައިގެން ދާން ފެށުމުން ޝިޔާމު ނުކުމެ މަލާމާތް ކުރިއެވެ. “ކަލޭތިޔަ ދަނީ ކޮންތާކަށްތަ؟ ދެވޭނީވެސް ވަކި ކޮންތާކަށް ؟ މިއީ މެލޭޝިއާކަން ކަލެއަކަށް ނޭނގޭތަ؟ ކަލޭގެ އަތުގައި ހުރީ ކޮން ފައިސާއެއްތަ؟ މިރަށުގެ މަގުމަތީގައި ބަޔަކު ކަލޭ ރޭޕްކޮށް މަރާލައިފިއްޔާޔޯ؟ ދަންޏާ ދޭ. ކަލޭ ފިލައިގެން ދިޔަ ކަމުގެ ރިޕޯޓް އަހަރެން ޕޮލިހަށް ކުރާނަން”.

ނަޒްރާއަކަށް މިއަދު އަލަކުން ދެއްކޭނެ ބިރެއް ނެތެވެ. މިއަދު އޭނާ އެވަނީ ކަނޑުވެފައެވެ. ކަނޑުވީމާ ބިރުކެނޑިދެއެވެ. އޭނާގެ ރައްޓެއްސަކަށް މެލޭޝިއާގައި ހުރި ސަމީރާގެ އެހީތެރިކަމާއެކު ހަމަ އެދުވަހު ފުރައިފިއެވެ.

ނަޒްރާއަށް އޭގެ އަނެއް ދުވަހު ރަށަށް އައުމަށްފަހު ލަހެއް ފަހެއް ނުކޮށް އައިސް ގެޔަށް ވަދެއްޖެއެވެ.

އޭނާގެ މަންމައަށް އެވަރުގެ އުފަލެއް ލިބުނު ވަގުތެއް ނާންނަ ފަދައެވެ. އެހެންނަމަވެސް ބައްޕަ ނިޔާވިކަން އެނގުނު ވަގުތަށް ވުރެން ބޮޑު ހިތާމައެއް ނަޒްރާއަކަށް ނެތްފަދައެވެ.

ހުރިހާ ކަމެއްގެ ހަގީގަތް ނަޒްރާއަށް އެނގުމުން އޭނާ ނުހަނު ކަންބޮޑު ވިއެވެ. ވިޔަސް މިއަދު އޭނާއަކީ މެލޭޝިޔާގައި ހުރި އިރު އޮންލައިން އިން މަތީ ތައުލީމު ހާސިލްކޮށްފައިވާ މީހެކެވެ. އޭނާއަށް ގިނަ ދުވަހެއް ނުވެ ބޭންކުން ވަޒީފާއެއް ލިބިއްޖެއެވެ. އަދި ގޭގެ މޯގޭޖް ފައިސާ ދެއްކޭނެ ގޮތް ހަދައި ބޭންކަށް ގެ ނަގަން ނުޖެހޭނެ ގޮތް ހަމަ ޖެއްސިއެވެ.

ނަޒްރާ އެނބުރި އައުމުން އޭނާގެ ބައްޕަ ނެތުމުގެ ހިތާމަތައް މަންމަގެ ހިތުން ފަނޑުވެ އަލުން އުފާވެރިކަމާއެކު ހިނިތުން ވާނެ ފުރުސަތު ލިބިގެން ދިޔައެވެ. އުފަލަކީ ހަމަ އެކަނި މުއްސަނދިމީހެއްގެ އަތްނބަކަށް ވުމުން ލިބޭނެ އެއްޗެއް ނޫންކަމަށް ނަޒްރާ ނިންމިއެވެ. އެހެންކަމުން އޭނާ އާހަޔާތަކާއެކު އާލޯތްބެއް ހާސިލް ކުރުމާ ދިމާއަށް މިސްރާބު ޖަހައިފިއެވެ. އުފާވެރިކަން އޮތީ ލޯތްބާއެކު ދިރިއުޅެވޭ ހަޔާތެއްގައެވެ.

ނިމުނީ

1 ކޮމެންޓް
ކަނބޫ
އޭޕްރީލް 16, 2018
މީ ސާވްދާން އިންޑިޔާ އެޕިސޯޑަކި ކޮޕީ އަށް ؛)