ސަލީމާގެ ފޯންކޯލެއް އަންނަ ކޮންމެ ފަހަރަކު އަހަރެންގެ ހިތް ބާރަށް ތެޅިގަނެއެވެ.
“އޭ މަލާ! އަހަރެން އެސޮރުގެ މައުލޫމާތު ހޯދަން ކުރި އެއްވެސް މަސައްކަތަކުން އެނގުނު އެކައްޗެއް ވެސް ނެތް.” އޭނާ ހެމުން ޖެއްސުން ކުރަމުން ބުންޏެވެ. “ އާސުމާނުން ފޭބި ފަރިޝްތާއެއް.|”
ކިތަންމެ ވަރަކަށް ޖެއްސުމަކަށް ސަލީމާ އެހެން ބުނި ކަމުގައި ވިޔަސް އެއީ ދޮގެކޭ ބުނެވޭކަށް ނެތެވެ. އެއީ ހަމަ އަސްލުގައިވެސް އެފަދަ ފަރިޝްތާއެކެވެ.
ބާމަތި އެހާ ފުޅަލެވެ. އުނަގަނޑާހަމައިން ހިނދިފައި ހުރިވަރުން ބިންދައިގެން ހިނގައިދާނެހެން ހީވެއެވެ. މިނިކާވަގެއްގެ ހުންނަ ފަދަ ވަރުގަދަ ދެއަތެވެ. އެހާ ދިގު ވަރުގަދަ ދެފައެވެ.
އަހަންނަށް އޭނާ ފެނުނީ ރައްޓެހި ކުދިންނާއެކު މިދިޔަ ހަފްތާގައި ކަނޑިހެރައަށް ދިއުމުގެ ތެރޭގައެވެ. އަހަރެމެން ދިޔައީ ކާއެއްޗެހި ތައްޔާރުކޮށްގެންނެވެ. ސައި ކެއްކީ ދަރު އުނދުން ޖަހައިގެންނެވެ. އަހަރެމެން މޫދުން އަރައިގެން އައިސް ސައިބޯން ތިއްބާ ފަރިޝްތާމެން އައި ލޯންޗް ގާތް ކުރިތަން އަހަންނަށް ފެނުނެވެ. ލޯންޗުގައި ހުއްޓާ ދުރުން ފެނުމާއެކު އަހަންނަށް އޭނާގެ ހަށިގަނޑުގައި ލޯ އަޅައިގަތް ގޮތަށް ނައްޓައެއް ނުލެވުނެވެ. ވަރުގަދަ ބުޅި އިސްތަށިގަނޑެކެވެ. ބުމަ އެހާ ވަރުގަދައެވެ. ހަށިގަނޑުގެ ވަރުގަދަ ކަމާ ބަލާފައި ހަރަކާތްތައް ހަލުތްވެއެވެ. ހީވަނީ ކޮންމެވެސް ފިލްމެއްގެ ބަތަލެއް ހެންނެވެ.
އޭނާ ލޯންޗުން އެއްގަމަށް ފޭބި ވަގުތު އަހަންނަށް ސިފަވީ މިޝަން އިމްޕޮސިބަލްގެ މަންޒަރަކާއެވެ.
އަހަރެން ބަލާލިއިރު ސަލީމާވެސް ހުރީ ސޮނިފައިބާފައެވެ. ދެން ތިބި ކުދިންގެ ހާލުވެސް ވަކި ސަހަލެއް ނޫނެވެ.
ރަށަށް ފޭބުމާއެކު އޭނާގެ އަތުގައި އޮތް ނިތްގަނޑުލީ ފޮތި ތޮއްޕެއް ބޮލުގައި އަޅައިލިއެވެ. އަދި ގަދަފެހި ކުލައިގެ އަވިއައިނަކުން އެސާފު ދެލޯ ފޮރުވާލިއެވެ. އެމީހުން ހިނގައިގަތީ އަހަރެމެންނާ ދުރަށެވެ. އަހަރެންނާ އެއްވަރަކަށް ދެންތިބި ކުދިންވެސް ނާއުންމީދުވިއެވެ. އެކަން އެމީހުން ލައްވާލި އަޑުންނާއި ކުރި ހަރަކާތްތަކުން އެނގުނެވެ. “އަޅެ އައި ނަމަ ސައިބޯން! ” ރާމިޒާ ބުނެލިއެވެ.
ކޮންމެ ކުއްޖެއްގެ ހިތުގައިވެސް އޭނާގެ ސޫރަ ފެވިގެން ދިޔަަކަން އެނގުނެވެ.
އަހަރެމެން ދާން ތައްޔާރުވެ ފާލަން މަތީ މަޑުކޮށްލި ވަގުތަކީ ފަރިޝްތާއާއި އޭނާގެ ރައްޓެހީންވެސް ފުރަންވެގެން އައި ވަގުތެވެ. އަހަރެން އެނބުރި ބަލާލީ އޭނާ އެހާ ކައިރީގައި ހުރި ކަމަކަށް ނޫނެވެ. އަހަންނަށް ސިއްސައިގެން ދިޔައީ އަތްޖެހޭ ހިސާބު ކައިރީގައި އަހަރެންގެ ފުރަގަހުގައި އޭނާ ހުރިތަން ފެނުމުންނެވެ. އެވަގުތު އަހަންނަށް އޭނާގެ ލޮލަށް ބަލާލެވުނެވެ. އޭރު އޭނާގެ އައިނު ހުރީ ނިތްކުރި މައްޗަށް އުފުލާލާފައެވެ. އެތޫނު ދެލޮލުން ހީވީ އަހަރެންގެ ލޮލުގެ ތެރެއަށް ލޭޒަރުގެ އައްޔެއް ފޮނުވާލިހެންނެވެ. އަހަންނަށް ލޯ މަރައެއްވެސް ނުލެވުނެވެ. އެސްފިޔައެއްވެސް ނުޖެހުނެވެ. އެގޮތަށް އަހަރެންނަށް ހުރެވުނު އިރެއް ވެސް ނޭނގުނެވެ.
އަހަރެން ހަރަކާތް ހުއްޓިފައި ހުރިތަން ނުފެންނަ އެކަކުވެސް އަހަރެމެންގެ ގުރޫޕަކު ނެތެވެ. އަދި ފަރިޝްތާއާއެކު އައިސްތިބި ދެމީހުންނަށް ވެސް އެކަމެއް ނުފޮރުވުނެވެ. އަހަރެންނަށް މީހަކު ފެނިގެން މިއަދު މިވީ ކަހަލަގޮތެއް ދުވަހަކުވެސް ވެފައެއް ނުވެއެވެ.
ލޯންޗަށް އެރިގޮތަށް އަހަރެން ރަކިވެ ބަސްހުއްޓިފައި އިނީއެވެ. މިދަތުރު ނާދެވުނު ނަމައޭ އަހަރެންގެ ހިތަށް އެރިއެވެ. މަރަދުއަށް ލެފެންދެން ސަލީމާމެން ވައްބަހުން ޖަހަމުން އަހަރެންގެ ފާރުވެފައިވާ ހިތަށް ތިނޯސް ހަރަމުން ގެންދިޔައެވެ. އަހަރެމެން ވަކިވުމުގެ ކުރީގައި ސަލްމާ އަހަރެންގާތު “އޭނާ ވީތަނެއް ބަލާދޭނަމޭ ހާސްނުވާށޭ” ބުންޏެވެ. ނޫނެކޭވެސް ބުނާނެ ހިތްވަރެއް އަހަރެންގެ ކިބަޔަކު ނެތެވެ. އަހަރެން ޒޮމްބީއެއްހެން ލަސް ހަރަކާތެއްގައި ގަޮސް ކޮޓަރިއަށް ވަން ގޮތަށް ހެދުންވެސް ބަދަލުނުކޮށް އިރު އަރަންދެން އޮވެއްޖެއީމެވެ. މުޅިރޭ ހަތަރުދަމު އެންމެ ލޮލުފިޔައެއް ވެސް ނުޖަހަމެވެ.
މުޅި އެހަފްތާ ދެފައި އެއްތާކު ނުޖަހާ ފަރިޝްތާ ހޯދަން ސަލްމާ އުޅުނެވެ. ނުކުތް އެއްވެސް ނަތީޖާއެއް ނެތެވެ.
އެއީ ހުވަފެނެކެވެ. ބިލާހެކެވެ. އަވާ މެންދުރެކެވެ. ވިޔަސް އެދުވަހުން ފެށިގެން އަހަރެން އުޅެމުން ދިޔައީ އެ ހުވަފެނުގައި އެބިލާހުގައި އަދި އެއަވާ މެންދުރުގެ ފަހަތުންނެވެ.
އެއީ ޖެހިގެން އައި ހޮނިހިރު ދުވަހުގެ މެންދުރެވެ. އަހަރެން ހުރީ ބަދިގޭގައި މަންމައަށް އެހީވާށެވެ. ބެލް ޖެހި އަޑު އިވުމުން އަހަރެން އަވަހަށް ތިރިޔަށް އަތުވެއްޖެއީމެވެ. ދޮރުހުޅުވާލުމާއެކު އަަހަރެންގެ ނޭވާލުން ހުއްޓިއްޖެއެވެ. އަހަރެންގެ ކަކުލުހުޅުން ވާގި ދޫވެއްޖެއްވެ. އޭނާ ނުހިފެހެންޓިނަމަ އަހަރެން ބިންމައްޗަށް ތިރާވީހެވެ.
އަހަރެންގެ ނޭވާލުން ހަމަޔަކަށް އެޅުމުން “ވަނަސް އެންމެ ރަނގަޅުހޭ” އޭނާ އަހާލިއެވެ. “އާއެކެވެ. ވަންނާށެވެ. ވަނުމަށްފަހު ނުކުމެގެން ނުދާށެވެ.” އަހަރެންގެ ހިތް އެހެން ބުންޏެއް ކަމަކު ދުލުން ބަހެއް ބޭރެއް ނުވެއެވެ. އަހަރެން އެތެރެއަށް ވަންނަން ހިނގައިގަތުމުން އޭނާވެސް އަހަރެންގެ ފަހަތުން ހިނގައިގަތެވެ. އެވަގުތު މަންމަ ގޮވާލއަޑު އިވުނެވެ. “މަލާއިކާ. ކާކުތަ އައީ.”
އައީ ކާކު ކަން ބުނާކަށް އަހަންނަކަށް ވެސް ނޭނގެއެވެ. “ފަރި… ރައްޓެއްސެއް އަހަރެން އަވަހަށް ބުނެލީމެވެ.
ނަސީބަކުން މަންމަގެ ހިލަމެއް ދެނެއް ނުވިއެވެ. އެހެންވެ އަހަރެން ސޯފާގެ އެއްކޮޅުގައި އިށީނީމެވެ. އަހަރެން އިށީންނާށޭ ބުނޭތޯއެއް އޭނާ ދެނެއް ނުބެއްޔެވެ. އޭނާ އިށީނީ އަހަންނަށް އުނދަގޫވާހާ ކައިރީގައި ވެސް މެއެވެ.
“އަހަރެންގެ ނަމަކީ ފާރިސް. ” އޭނާ ބުނެލިއެވެ. “ތިއީ މަލާއިކާ. އަހަރެންގެ ހިތް އަހަރެންގެ އަތުން ގެއްލުވާލި އަންހެން ކުއްޖާ.”
ފުރަތަމަ ނަޒަރުން ލޯބިވާ ވާހަކަ މީހުން ބުނެއުޅެއެވެ. އަހަރެން އަބަދުވެސް އެކަމާ ދެކޮޅުހަދަމެވެ. އެކަމަކު ކިތަންމެ ގިނަ ދުވަހަކު ލޯބިވެެގެން އުޅެއުޅެފައި ވެސް ހަމަ އިންނަތަނުން ވަރިކޮށްލާފައި ދިއުމަކީ ފިރިހެނުންގެ އާދައެކެވެ. މީ އަމުދުން އަހަރެން ދަންނަވެސް މީހެއް ނޫނެވެ. އަހަރެން ދޭނީ ކޮން ޖަވާބެއްހެއްޔެވެ؟ މިފަހަރު އަހަންނަކަށް އޭނާގެ މޫނަށް ބަލާކަށްވެސް ކެތެއް ނުކުރެވުނެވެ. އަދި ތެދުވެގެން ދުރަށް ދާކަށްވެސް ބޭނުމެއް ނުވިއެވެ. ހިތްބޭނުމީ އަދިވެސް ގާތަށް ޖެހިލުމަށެވެ. ލަދުވެތިކަން އެކަމަށް ހުރަސް އެޅިއެވެ.
“އަހަންނަށް މަލާއިކާގެ ހިތް ލިބިދާނެތަ؟” އޭނާގެ ކިބައަކުން ސަމާސާއެއް ނުފެނުނެވެ. ރާގު އެހާ ސީރިއަސް އެވެ. “މަލާއިކާ ގެންދިޔަ އަހަރެންގެ ހިތުގެ ބަދަލުގައި.”
“އޭނާ ދައްކާ ހުރިހާ ވާހަކައަކުންވެސް އަހަންނަށް ލިބެނީ ހާސްކަމެވެ. ފެނުނީ އިހަށްދުވަހުއެވެ. ބައްދަލުވީ މިއަދުއެވެ. އެހުށަހެޅީ ހިތް ބޭނުންވެގެންނެވެ. އަހަރެން އާނއެކޭ ބުނާނީ ކިހިނެއްހެއްޔެވެ. ނޫނެކޭ އަމުދުން ބުނެވޭނެހެއްޔެވެ. އަހަރެންގެ ހުވަފެނުގެ ފަރިޝްތާއަށް އަހަރެންގެ ހިތްވަނީ ފުރަމަ ނަޒަރުގައިވެސް ދެވިފައެވެ.
އެނާޒުކު ދަނޑިވަޅު މަންމަ ގޮވާނުލި ނަމައެވެ. “ މަލާއިކާ!” ދެން އިވުނީ މަތީބުރީގެ ދޮރު ހުޅުވުނު އަޑެވެ. އަހަރެން ތެދުވެ އަވަހަށް ފާރިސް ފޮނުވާލުމަށް އުޅެގަތީމެވެ. އެކަމަކު އޭނާ ހަމަ ނުދާން ގަދަ ހަދަނީ އެވެ.
“ނޫން. އަވަހަށް ދޭ.” އަހަރެންނަށް ބުނެވުނެވެ. އޭރު މަންމަގެ ފިޔަވަޅުގެ އަޑު އިވެން ފަށައިފިއެވެ. އަހަންނަށް އިޚްތިޔާރެއް ނެތި އޭނާގެ ކޮނޑުގައި ހިފާ ބޭރަށް ނުކުންނަށް ދޮރާ ދިމާއަށް ގެންދެވެން ފަށައިފިއެވެ. އެކަން ވީ އަލިފާނަށް ޕެޓްރޯލް އެޅުން ފަދަ ކަމަކަށެވެ. އޭނާ އެނބުރުނީ އަހަންނާ ދިމާއަށެވެ. ކޮއްޕަން އަހަރެންލީ ބާރަށްވުރެން އޭނާ އަހަންނާ ކައިރިއަށް ޖެހިލަންލީ ބާރު ގަދައެވެ. އެއާއެކު އޭނާގެ ބާރުގަދަ މުލައްދަނޑި އަހަރެންގެ ބުރަކަށީގެ ވަށައިގެން އަޅުވާލިއެވެ. އަހަރެންނަށް ހާސްވެ ތެޅިގަނެވުނެވެ. އަހަރެން އޭނާގެ މޭމަތީ އަތްއަޅާ ކޮއްޕާލީމެވެ. އެއަށް ވުރެން ބާރަށް އޭނާ އަހަރެން ބޮނޑިކޮށްލިއެވެ. “ފޯންނަމްބަރު ބުނެދީ.” އޭނާގެ އަތަށް ބާރުކޮށްލިއެވެ.” ދޫކޮށްލާނީ އޭރުން.؟”
އަހަރެން އުޅުނީ ކޮންމެވެސް ނަމްބަރެއް ބުނެލަން ކަމަށެވެ. އެކަމަކު އަހަންނަށް ބުނެވުނީ އަސްލު އަހަރެންގެ ފޯން ނަމްބަރެވެ. މަންމަ އައިސް އެތަނަށް ނުކުތްއިރު ދޮރު ހަމަ ކިރިޔާ ލެއްޕުނީއެވެ. އެކަމަކު އަހަރެން ހުރިހާލު މަންމައަށް ފޮރުވާނީ ކިހިނެއްހެއްޔެވެ؟
“އެއީ ކޮން ގެއެއްގެ ކާކުތަ؟”
އަހަރެން ކިތަންމެ ވަރަކަށް ކުލާސް ކުއްޖެކޭ ބުންޏެއްކަމަކު މަންމަ ގަބޫލު ކުރާނެހެއްޔެވެ؟ އަދި އަހަންނަކަށް މަންމަގާތު އެއީ ނުވެސް ދަންނަ މީހެކޭ ވެސް ބުނެވިދާނެ ހެއްޔެވެ؟ މީގެ ކުޑައިރުކޮޅެއްގެ ކުރީގައި އެހިނގި ކަންތައް އެއީ މަންމަގެ ލޯމަތީގައި ހިނގި ކަންތަކެއްހެން މަންމައަށް ސިފަވެގެން ހިނގައްޖެއެވެ.
އޭނާގެ ފޯން ކޯލްތައް ނުނަގާވެސް އަހަންނަކަށް ނުހުރެވެއެވެ. އަނގައިން ނުބުނަން ހުއްޓަސް ނުބުނެވެސް ނުހުރެވެއެވެ. އެއްޗެއް ބުނާކަށް ނުވެސް ކެރޭމެއެވެ. ކިތަންމެ އިރެއްވިޔަސް ފޯނު ބާއްވާކަށް ވެސް ނުމެކެރެއެވެ. މިކަހަލަ ހާލެއްގައި އެތައް ދުވަހެއް އެތައް ރެއެއް ފާއިތުވެއްޖެއެވެ. އެނެމެފަހުން ރެސްޓޯރެންޓަކަށް ދާންވެސް ދައުވަތު އަތުވެއްޖެއެވެ.
ކޮންމެއަކަސް އަހަރެންގެ ހާލު ބަޔާން ކޮށްދޭކަށް ބަސްތަކެއް ބޭކާރު ކުރާނެ ކަމެއްނެތެވެ. ކިޔުންތެރީންނަށް ހަމަ ރަނގަޅަށްވެސް އެނގޭނެއެވެ.
ޖެހިގެން އައި ހަފްތާ ބަންދުގައި އަހަރެންނަށް އިނދެވުނީ ޝަންގްރިލާ ރިސޯޓްގެ ރެސްޓޯރެންޓްގެ އެއްކަނުގައި ހުރި ކުޑަމޭޒެއްގެ ދޮށުގައެވެ. އެރޭ އިރުއޮއްސުނު ދަޅަ ނުކެނޑެނީސް ފުރިހަމަ ހަނދެއް އިރުމަތީ ފަރާތުން އަރައިގެން އެމޭޒާ ދިމާއަށް އުފުލެމުން ދިޔައެވެ. އެމަންޒަރުގެ ރީތިކަން ކިތަންމެ ބަލަން ބޭނުން ވިޔަސް އަހަންނަށް ބެލެނީ އަހަރެންގެ ކުރިމަތީގައި އިން ފަރިޝްތާގެ ޖާދުވީ ދެލޮލަށެވެ. އެއަކަށް ވުރެން ވަކި ހިތްގައިމު އެހެން މަންޒަރެއް އަހަންނަކަށް ނެތެވެ.
އަހަރެން ހައިރާންވިއެވެ. އަހަންނަށް މިތަނަށް މިހާ ފަސޭހައިން މިއާދެވުނީ ކިހިނެއްހެއްޔެވެ؟ މަންމައާ ރައްޓެހީންގެ ގައިދުޚާނާގެ ޗެންޗޭނުގެ ދަށުން އަހަންނަށް މިހާ ފަސޭހައިން ބޭރުވެވުނީ ކިހިނެއްހެއްޔެވެ؟
ކޮންމެއަކަސް މިމިނިވަންކަން އަހަންނަށް ވަރަށް ކަމުދިޔައެވެ. ފުރަތަމަފަހަރަށް ރަށުން ބޭރަށް ދެވުނީމައެވެ. އަދި ނުވެސް ދަންނަ މީހަކާއެކު ރިސޯޓަކަށް އާދެވުނީމައެވެ.
ބައްޕަ ނިޔާވިފަހުން އަހަންނަކީ މަންމަ ކޮށްޓަކަށް ލައިގެން ގެންގުޅޭ ގުރައެއް ފަދަ މީހަކީމެވެ. އިރެއްގައި ބައްޕައަކީ މުއްސަންޖެއް ކަމުން މިހާރުވެސް އަހަރެމެން އުޅެމުން ދަނީ ނުހަނު ތަނަވަސްކޮށެވެ. ރީތިކޮށް ހަދައި ނިންމާފައި ހުރިގެއެކެވެ. ތިރީބައިގަ ފިހާރައެއް ހުރުމުން ގެޔަށް ބޭނުންވާ ޚަރަދަކަށް ދަތިކަމެއް ނެތެވެ. މަންމަ އަހަރެން ގެންގުޅެމުން އަންނަނީ ރާނީއެއް ފަދައިންނެވެ.
އަހަންނަށް މިދަތުރު އާދެވުނީ މަރަދޫގައި އުޅޭ އަހަރެންގެ ކަޒިން ސިސްޓަރެއްގެ އެހީގައެވެ. އަހަރެން އައީ އެގޭގައި ދެދުވަހަކު ހުރެލާށެވެ. އާދަވެގެން އެގެއަށް އަހަރެން އަންނަނީ މަންމައާ އެކުގައެވެ. މިއަދު އަހަރެން ޓެކްސީގައި ދަތުރުކުރަން މަންމަ ހުއްދަ ދިނީ ކިހިނެއްކަމެއް ވެސް ނޭނގެއެވެ. މައްސަލައަކީ މީނދަ ފަރިޝްތާއެވެ. ހުއްޓާ ނުލާ ކުރަމުން އައި އާދޭހާއި އަޅަމުން ދިޔަ ބާރުގެ ސަބަބެވެ. އަހަންނަށް ނޫނެކޭ ނުބުނެވުނީ ކީއްވެހެއްޔެވެ؟ މީނާގެ ދެލޮލުގެ ޖާދޫ އަހަންނަށް މިވަރަށް ޖެހުނީ ކީއްވެހެއްޔެވެ؟
އަހަރެން ސަލީމާގެ ގާތުވެސް މިދަތުރުގެ ވާހަކައެއް ނުބުނަމެވެ. އަހަރެންނަށް އެކެއްގެ ފަރާތުންވެސް މިކަމަށް ހުރަހެއް އެޅޭކަށް ބޭނުމެއް ނުވިއެވެ. އެންމެ ފަހުން ސަލީމާ ކުރި ފޯން ކޯލްގައިވެސް ބުނެފައިވަނީ ފިރިހެނުންނަކީ މަކަރުވެރި ބައެއް ކަމަށެވެ. ވަރަށް ވިސްނާފައި ނޫނީ ކައިރި ނުވުމަށެވެ.
އަހަރެން ވިސްނާނީ ކިހިނެއް ހެއްޔެވެ؟ އަހަންނަށް މީނައާ ބެހޭގޮތުން އެނގޭނީ ކޮން ކަމެއްހެއްޔެވެ؟ ފިރިހެނެއްގެ އެއްވެސް ތަޖްރިބާއެއް އަހަންނަކަށް ލިބިފައެއް ނުވެއެވެ. އަހަންނަށް މީގެ ކުރީގައި އެއްވެސް ފިރިހެނަކު މުހިންމެއް ނުވިއެވެ. ބޭނުމެއް ވެސް ނުވިއެވެ. އެކަމަކު މިއަދު އަހަންނަށް އަހަރެންގެ ނަފްސަށް ވުރެން މީނދަ ޖާދޫގަރު މުހިންމު ވެއްޖެވެ.
ގެނައި މީރު ކާތަކެތީގެ އެއްވެސް ރަހައެއް އަހަންނަކަށް ނުލައެވެ. އިނގިލިކުރިން ހިފުނު ކުޑައެތިކޮޅެއް ނޫނީ އަހަރެން ނުކަމެވެ. އެހެންނަމަވެސް ގެނެވުނު ވެނީލާ ބަބްލް ޗޮކްލެޓް އައިސްކްރީމް ތަށިން އަހަންނަކަށް އަތް ދޫކޮށެއް ނުލެވުނެވެ. އަހަރެން ގަޔާވެފައި އެ އައިސްކްރީމް ކަމުން ގެންދިޔަތަން އޭނާ ކަޅިވެސް ޖަހާނުލާ ބަލަމުން ދިޔައެވެ. އަހަރެން ރަކިވީވަރު އަދި ވަކީން ބޮޑުވިއެވެ.
އަހަރެން އައިސް ކުރީމް ކެއުމުގެ ތެރޭގައި އިންދައި އޭނާ އަހަންނާ ކައިރިއަށް ރީތި ފެހިކުލައިގެ ހަދިޔާ ފޮށްޓެއް ދިއްކޮށްލިއެވެ.
“ހުޅުވައި ބަލާބަލަ!” އޭނާ ބުނެލިއެވެ.
އެކަމަކު އެއީ އަހަންނަށް ކުރެވޭނެ ކަމެއް ހެއްޔެވެ؟ އަހަރެން ހަރަކާތް ހުއްޓިފައި އިނދެވުނީއެވެ.
އެވަގުތު ކޮންމެވެސް މީހަކު ފާރިސްއަށް ނުހަނު އަދަބުވެރި ގޮތަކަށް އިޝާރާތް ކޮށްލުމުން އޭނާ ތެދުވެ އެހެން މޭޒަކަށް ހިނގައްޖެއެވެ. އެއީ ކުރީދުވަހު ކަނޑިހެރެއަށް ދިޔަ މީހުންގެ ތެރޭން ފެނުނު މީހެކެވެ. އެދެމީހުން ވާހަކަ ދައްކަން ތިބި އިރު އަހަންނަށް ފެނުނީ ފާރިސް އަކީ ކޮންމެވެސް އޮފީހެއް ނުވަތަ ކުންފުންޏެއްގެ އިސް މީހެއްގެ ސިފައިގައެވެ. އޭނާގެ ކުރިމަތީގައި އިން މީހާ އެއިނީ ހިމަވެފައެވެ. ވެރިމީހާގެ ކުރިމަތީގައި އިން ނޯކަރެއްގެ ސިފައިގައެވެ.
އޭރު ފާރިސްގެ ފޯނަށް މެސެޖްތަކެއް އަންނަމުން ދިޔައެވެ.
ފޯނު އޮތީ ހުޅުވާފައި އަހަރެންނަށް ފެންނަ ހިސާބުގައި ކަމުން އަހަންނަށް އެމެސެޖްތައް ރީއްޗަށް ފެންނަމުން ދިޔައެވެ. އެއީ ކޮންމެވެސް އަންހެނަކު އޭނާއަށް ކުރާ މެސެޖްތަކެވެ.
އެކޮޅުން މެސެޖް ފޮނުވަނީ “ރޯޒީ” އެކެވެ. “ޑިއަރީ ، އައިމިސްޔޫ ސޯ މަޗް އެވެ.”
އެއީ އަހަރެންގެ ހިތަށް ވިދާ ގުގުރުމާއެކު ހޮނު އެޅި ފަހަރެވެ. އަހަރެން ބޭނުންވާ ހުރިހާ ކަމެއް މިއޮތީ އެނގިފައެވެ. ސަލީމާ ބުނެފައިވާ ފަދައިން ފިރިހެނުންނަކީ އަބަދުވެސް ރީތި އަންހެން ކުދީންގެ ހިތާ ކުޅެން އުޅޭ ބައެކެވެ. އެމީހުންނަށް ލިބޭ އެންމެ ބޮޑު އުފަލަކީ އެއީ އެވެ.
ފާރިސް އޭނާގެ ޖާދުވީ ހިނިތުންވުމާއެކު އެނބުރި އައިސް އިށީނެވެ. މީގެ ކުޑަ އިރުކޮޅެއްގެ ކުރީގައި އޭނާ އަހަރެންގެ ކުރިމަތީގައި ބެހެއްޓި ހަދިޔާ ފޮށި އަހަރެން އޭނާއާ ދިމާއަށް ކޮއްޕާލީމެވެ.
“މިއީ ފާރިސް އަހަރެން ގަތުމަށް ދިން ހަދިޔާއެއް ނޫންތަ؟ ” އަހަރެން ބުނެވުނު ގޮތް ވެސް ނޭނގެއެވެ. “މިއަތޮޅުގައި އަހަރެން ނޫނަސް އަންހެން ކުދީން އުޅޭނެ. އަހަރެން ތިޔަ މަޅީގައި ޖައްސަން ތިޔަ އުޅެނީ ކީއްވެ؟ ފާރިސް އަހަންނަށް ތިޔަ އަނިޔާ ދޭން ތިޔަ ރާވަނީ ކީއްވެ؟”
އަހަރެން މިފަދަ އެއްޗެއް ބުނެލާނެކަމަކަށް ފާރިސް އިނީ ތައްޔާރަކަށް ނޫނެވެ.
“މަލާއިކާ!” އޭނާ ހައިރާން ކަމާއެކު ބުނެލިއެވެ. “ އަހަންނާ ދޭތެރޭ ތިޔަ ފަދަ ގޮތަކަށް ދެކެން ޖެހުނީ ކީއްވެ؟ އަހަންނަކީ އެފަދަ ދަށު ދަރަޖައިގެ މީހެއްތަ؟
އަހަރެން މަލާއިކާ މި ރިސޯޓަށް ގެނައިއަކީ އެފަދަ އެއްވެސް މަގްސަދެއްގައެއް ނޫން. އަހަރެންނަށް މަލާއިކާ ފެނުނު ވަގުތުން ފެށިގެން އަހަންނަކަށް އެހެން މީހެއްގެ މައްޗަކުން ޚިޔާލެއް ވެސް ނުކުރެވުނު. އަހަރެން މަލާއިކާގެ ލޯބީގެ ކަނޑަށް ޣަރަގުވެގެން ދިޔައީ އަހަރެންގެ އެއްވެސް އިޚްތިޔާރެއްނެތި.”
“ރޯޒީގެ ލޯބީގެ ކަނޑަށް ޣަރަގުވެފައިވަނީ ވެސް އިޚްތިޔާރެއް ނެތި ދޯ! “
“ރޯޒީ!” އޭނާ ފެށީ ހޭނށެވެ. “އާނ. ރޯޒީގެ ލޯބީގެ ކަނޑަކުން އަހަންނަކަށް އެރޭކަށް ނޯންނާނެ. އެއީ ހަމަ އަހަރެންގެ ލޯބި. ރޯޒީ ނަގާފައި މަލާއިކާ ނޫން އެހެން ލޯތްބެއް އަހަންނަކަށް ނެތް.”|
“އަހަރެންމީ މީސްމީހުންގެ ލޯބި ބަހާލައިގެން އުޅޭނެ މީހެއްނޫން. ފާރިސް ތިޔަ ކުޅިގަނޑު އެހެން މީހަކާ އެކު ކުޅޭ. އަހަރެންގެ ހާލަށް އަހަރެން ދޫކޮށްލާ!”
އަހަރެން ތެދުވެގެން ދާން ދިމާ ކުރުމުން އޭނާ މޭޒުގެ އަނެއް ފަރާތަށް އައިސް އަހަރެންގެ ކޮނޑުގައި ހިފައި ގޮނޑީގައި ބޭންދިއެވެ. އަދި އޭނާގެ ފޯން ހުޅުވާފައި ރޯޒީގެ މެސެޖް އަހަންނަށް ދެއްކިއެވެ. “މައި ޑިޔާރ! އައިކާންޓް ވެއިޓް. ކަމް ސޫން މައި ސްވީޓް ބްރޮދާރ!”
“ރޯޒީ އަކީ އަހަރެންގެ ފެވް ޔަަންގެސްޓް ސިސްޓަރ|. އޭނާގެ މެސެޖް ހުންނާނީ އެހެން. އަހަރެން ތަނަކަށް ދިޔަކަ ނުދޭނެ. ގޮއްސިއްޔާ އެތާކު ހުރިއަކަ ނުދޭނެ.”
އަހަންނަށް ފާރިސްއާ ދޭތެރޭ ދެންމެގަ ކުރެވުނު ޝައްކާއި އެރި ރުޅި އާތްވަށް އަރައިގެން ދިޔައެވެ. ލިބުނު އުފަލަކުން އަހަރެންގެ ލޮލުން ކަރުނަ އައެވެ.
ފާރިސް މޭޒުގެ އަނެއްފަރާތަށް ގޮސް އިށީނެވެ. އަދި ކައިރީގައި ހުރި ފެންތަށިން ކޯވަރެއް ބޮއިލާފައި ގޮނޑިއަށް ލެނގިލިއެވެ. އަހަރެން ނުދާނެކަން އެނގުމުން އޭނައަށް ލިބުނު އުފާ އެކަމުން ފާޅުވެގެން ދިޔައެވެ.
އަހަރެން ދުރަށް ޖައްސާލި ހަދިޔާ ފޮށި އަހަރެން ނަގާ ހުޅުވާލީމެވެ. އަހަންނަށް ލިބުނީ ހައިރާން ކަމެކެވެ. އޭގައިވަނީ އަހަރެން ހީކުރި ކަހަލަ އަގުބޮޑު ހަދިޔާއެއް ނޫނެވެ. އޭނާ ކުރަހާފައިވާ އަހަރެން ސޫރައެކެވެ. “މައި ޑިއަރ މަލާއިކާ. ބީ މައި ވައިފް! “ އޭގައި ލިޔެފައި އޮތެވެ. އެއަކަށް ވުރެން އަގުބޮޑު ހަދިޔާއެއް އަހަންނަކަށް ނެތެވެ.
އޭގެ ބަރާބަރު އެއްމަސް ފަހުން އަހަރެންގެ ކާވެނި އިންތިހާއަށް އުފާވެރިކަން އެކުލެވޭ ގޮތުގައި ކުރެވުނެވެ. ޕާޓީ ބޭއްވީ ވެސް ހަމަ އެރިސޯޓްގައެވެ.
ފާރިސް އޭނާގެ އަސްލު ކާނަލް ޔުނިފޯރމްގައި މެޑެލްތަކާއެކު އެކާވެނި ޕާޓީއަށް އައި މެހުމާނުންނަށް ސަލާން ކުރަމުން ދިޔައެވެ. ރާއްޖޭގެ ސިފައިންނާއި އިއްޒަތްތެރީންގެ ހާޒިރުގައެވެ.
ކާވެނީގެ ހަދިޔާއެއް ފަދައިން އަހަރެމެންނަށް އެރޭ ލިބިގެން ދިޔަ ޚަބަރަކީ ފާރިސްއަށް ޑިފެންސް ޗީފުގެ މަގާމު ލިބުނު ޚަބަރެވެ.
އެއަކަށް ވުރެން އުފާވެރި ރެއެއް އަހަރެންގެ ހަޔާތުގައި އައިސްފައެއް ނުވެއެވެ.
ނިމުނީ.