English Edition
Dhivehi Edition

ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ފަސް މީހަކު ހޯދަން ފަށައިފިއެވެ.

ފުލުހުން މިއަދު އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، މިފަސް މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަންފެށީ މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާ ތީ ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާ ގުޅިގެން ކަމަށެވެ.

މި އަމުރުތަކާ ގުޅިގެން ހޯދަމުންދަނީ ރ.މަޑުއްވަރި، ތޯތާގެ، މުޙައްމަދު ނަހްޔާން (26އ) އާއި ރ.މަޑުއްވަރި، ސަންލައިޓް، މުޙައްމަދު ނާޢިލް (35އ) އާއި ރ.މަޑުއްވަރި، މީޒާން، އިސްމާޢީލް ސިރުހާން (22އ) އާއި ރ.މަޑުއްވަރި، ނޫރަންގެ، ޢަބްދުއްޝަހީދު ޢަބްދުލްހާދީ (33އ) އަދި ރ.މަޑުއްވަރި، ވައިމަތި، ޙުސައިން ކައުޘަރު (31އ) އެވެ.

މިފަސް މީހުންގެ ތެރެއިން މުޙައްމަދު ނަހްޔާން ހޯދަމުންދަނީ ދަޢުލަތުން ދަޢުވާކުރާ އަމަން ނަގާލުމުގެ ކުށުގެ ދަޢުވާއާއި ގުޅިގެންނެވެ. މުޙައްމަދު ނާޢިލް ހޯދަމުންދަނީ ދަޢުލަތަން ދަޢުވާކުރާ ވައްކަންކުރުމުގެ ކުށުގެ ދަޢުވާއާއި ގުޅިގެން ގުޅިގެންނެވެ .އިސްމާޢީލް ސިރުޙާން ހޯދަމުންދަނީ ދަޢުލަތުން ދަޢުވާކުރާ ފުލުހުުންގެ ދައުރު އަދާކުރަން ހުރިމީހަކަށް ޙަމަލަދިނުމުގެ ކުށުގެ ދައުވާއާއި ގުޅިގެންނެވެ. ޢަބްދުއްޝަހީދު ޢަބްދުލްހާދީ ޙޯދަމުންދަނީ ދަޢުލަތުން ދަޢުވާކުރާ ޑައިމޯފިން ބޭނުންކުރުމުގެ ކުށުގެ ދަޢުވާ އާއި ގުޅިގެންނެވެ. އަދި މީގެ އިތުރުން ޙުސައިން ކައުޘަރު ޙޯދަމުންދަނީ ދަޢުލަތުން ދަޢުވާކުރާ އިތުބާރުކުރެވޭ މަޤާމެއްގައިހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލު ހިންގުމުގެ ކުށުގެ ދަޢުވާ އާއި ގުޅިގެންނެވެ.

މިފަސް މީހުންނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަމްބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދިފައިވެއެވެ. އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވާ ކަމަށްވެސް ފުލުހުން އާންމު ކުރި އިއުލާނުގައި ބުނެފައިވެއެވެ.