English Edition
Dhivehi Edition

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް (އެމްއީޑީ) އިން ކާޑުގެ އަގުތައް ހެޔޮކުރުމަށް ނިންމުމާ ގުޅިގެން ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން، އެސްޓީއޯއިން ވިއްކާ ކާޑުގެ ބާވަތްތަކުގެ އަގު ހެޔޮކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު އާއްމުކުރި އިއުލާނެއްގައި ބުނެފައިވަނީ ކާޑުގެ އަގު ހެޔޮވާނީ މާދަމާއިން ކަމަށާއި މާލެ އާއި އެކު ރާއްޖެ ހަތަރު ޒޯނަކަށް ބަހާލައިގެން ކާޑުގެ އަގުތައް ހަމަސައްސާފައިވާ ކަމުގައެވެ.

އެގޮތުން ކާޑުގެ އަގުތައް، 2016 ވަނަ އަހަރު ބޮޑުކުރި އިރު ހުރި އަގުތަކަށް އަގުހެޔޮ ކުރުމަށް ނިންމާފައިވާ ކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ.
މާލޭ ސަރަހައްދުގައި ކާޑުގެ ބާވަތްތައް ވިއްކަމުން ގެންދާނީ ހަނޑޫ ކިލޯއެއް 3.98 ލާރި، ހަކުރު ކިލޯއެއް 4 ރުފިޔާ އަދި ފުށްކިލޯއެއް 3.98 ރުފިޔާއަށް ކަމަށް އެފަރާތުން އާންމު ކުރި އިއުލާނުގައި ވެއެވެ.
މީގެ އިތުރުން ހއ، ހދ އަދި ށ ހިމެނޭ ޒޯން އެކެއްގައި ނާލާއި މަޖޫރީ އަގު އަދި ފައިދާ ހިމަނައިގެން ކާޑުގެ ބާވަތްތައް ވިއްކަމުން ގެންދަންވާނީ ކިލޯއަކަށް 1.02 ރުފިޔާ އަށް ވުރެ އިތުރު ނުވާގޮތަށެވެ.
ޏ އަތޮޅުން ފެށިގެން ތ އަތޮޅާއި ހަމައަށް ހިމެނޭ ޒޯން ދޭއްގައި ނާލާއި މަޖޫރީ އަގު އަދި ފައިދާ ހިމަނައިގެން ކާޑުގެ ބާވަތްތައް ވިއްކަމުން ގެންދަންވާނީ ކިލޯއަކަށް 0.82 ލާރި އަށް ވުރެ އިތުރު ނުވާގޮތަށް ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މާދަމާއިން ފެށިގެން ލ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް ހިމެނޭ ޒޯން ތިނެއްގައި ނާލާއި މަޖޫރީ އަގު އަދި ފައިދާ ހިމަނައިގެން ކާޑުގެ ބާވަތްތައް ވިއްކަމުން ގެންދަންވާނީނީ ކިލޯއަކަށް 1.21 ރުފިޔާ އަށް ވުރެ އިތުރު ނުވާގޮތަށް ކަމަށެވެ.

މި ބަދަލާއެކު ކާޑުގެ ސަބްސިޑީސް އަށް ދުވާލެއްގެ މައްޗަށް ސަރުކާރުން 850،000 ރުފިޔާ ހަރަދު ކުރާނެއެވެ.