English Edition
Dhivehi Edition

ދެމަފިރިންގެ މެދުގައިޖެހޭ ކުދިކުދި މައްސަލަތަކުގެ ހުކުމަކީ މަރުކަމުގައި ވެގެންނުވާނެއެވެ. އެހެންނަމަވެސް އިންޑިއާ މީހަކު އެ ހުކުމް އިއްވައި ތަންފީޒުވެސް ކޮށްފިއެވެ. އޭނާގެ އަންހެނުންގެ ބޮލަށް ބަޑިޖަހައި މަރައިފިއެވެ. އަނބިމީހާކުރި ކުށް އެނގޭ ހެއްޔެވެ؟ ފިރިމީހާ ރާބޮއިގެން ގެއަށްއައުމުން ކާންހެދުމުގެ ބަދަލުގައި އަބަދު ރާބޮއިގެން ގެއަށް އަންނާތީ އެކަމާ ޝަކުވާ ކުރުމެވެ. އަނބިމީހާއަށް އެވަރުގެ ހައްގެއް އޮންނަންވާނެތާއެވެ. މިހާދިސާ ހިނގާފައިވަނީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ ކައިރީގައި އޮންނަ ގާޒިއަބާދު ސިޓީގައެވެ. އިންޑިއާ ފުލުހުން ބުނެފައިވަނީ ނާތަހުޒީބު މިއަމަލު ހިންގާފައިވަނީ އުމުރުން 60 އަހަރުގެ އަޝޯކް ކުމާރު ކިޔާމީހެއް ކަމަށެވެ. އޭނާ އެރޭ ގެއަށްއައީ މަސްތުގެ ހާލުގައި ހުރެގެންނެވެ. އެނާ އަބަދު ރާ ބޮއިގެން ގެއަށް އަންނާތީ 55 އަހަރުގެ އަނބި މީހާ ސުނައިނާ ރޭގަނޑުގެ ކެއުން ހަދައިދިނުމުގެ ބަދަލުގައި ޝަކުވާކުރި ކަމަށް ފުލުހުން ބުންޏެވެ. އަނބިމީހާގެ ބޮލަށް ބަޑިޖަހައި މަރައިލީ އެކަމާއައި ރުޅީގައި ކަމަށް ފުލުހުން ބުންޏެވެ. އަންހެނުންނަށްކުރާ އަނިޔާ އިންޑިއާގައި ވަނީ ރެކޯޑް މިންވަރަކަށް އިތުރުވެފައެވެ. އެންމެ ފަހުގެ ފުރިހަމަ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2015 ވަނަ އަހަރުވެސް އަންހެނުންނަށް އަނިޔާކޮށްގެން 327000 މައްސަލައެއް ވަނީ ފުލުހަށް ހުށައެޅިފައެވެ.