އޭއޯ ނިއުސް އިން އިންތިޒާމު ކޮށްގެން ކޮންމެ އަހަރެއްގެ ރަމަޟާން މަހަކު ބާއްވާ “އޭއޯ މަދަޙަ މުބާރާތް” ގެ ފަޚުރުވެރި ވަނައަކާ އެކު ލިބިގެން ދިޔަ އޮސްޓްރޭލިއާ ސްޓަޑީ ޓުއަރ އަކީ އައްޑޫ ވިމެންސް އެސޯސިއޭޝަން (އަވަ) އިން ސ.ހިތަދޫ ގްރީންގޭ އީޝާ އަށް ދެއްވި ފުރުސަތެކެވެ.
މުޅި މުބާރާތުގެ 2 ވަނަ އަށް އަވައިން ހުށަހެޅި މި އިނާމު ގައި އީޝާ ވަޙީދު އޮސްޓްރޭލިއާއަށް ދިޔައީ މާޗް މަހުގެ 23 ވަނަ ދުވަހުގައެވެ. އެއް ހަފްތާގެ މި ދަތުރަށް ފަހު އީޝާ ބުނީ މިއީ ހީކުރި ވަރަށް ވުރެ ވެސް މާސަޅި އަދި ގިނަ މައުލޫމާތު ތަކެއް ލިބިގެން ދިޔަ އުފާވެރި ދަތުރެއް ކަމަށެވެ.
އީޝާ އާއެކު މިދަތުރުގައި އޭއޯނިއުސް އިންނާއި އަވައިން ވަނީ ބައިވެރިވެފައެވެ. އަވައިގެ ރައީސާ ޑރ މަރިޔަމް ޝަކީލާ ދެއްވެވި މި ދަތުރުގައި އަވައިގެ ނައިބު ރައީސާ ޖުވެއިރިއްޔާ ވަޖުދީ ( ޖުވޭ) ވެސް ވަނީ ބައިވެރިވެފައެވެ.
“އެންމެ އުފާވި އެއްކަމަކީ ޝަކީލާއްތަގެ ގޭގައި ތިބުމުގެ ފުރުސަތު ލިބުނު ކަން. އެހާ ރީތި ގެއެއްގައި އަމިއްލަ ގޭގައި އުޅޭހެން އުޅުމުގެ ފުރުސަތު ލިބުނު. އެގޭގެ އެންމެން ވަރަށް ހެޔޮ. އަދި ޝަކީލާއްތަ ވަރަށް ރަނގަޅު. ކުރީގައި މީހުން ބުނާ އަޑު އިވޭ ޝަކީލާއްތަ ވަރަށް ފްރެންޑްލީ ވެފައި ހިތް ހެޔޮ ވާނެއޭ. އެކަމަކު މީހުން ބުނާ ވަރަށް ވުރެން މާބޮޑަށް ވެސް ރަނގަޅު. ޝަކީލާއްތަގެ ބިޒީ ޝެޑިއުލްގެތެރެއިން އެއްހަފްތާ އެކީގައި އީޝާމެންނަށް ހުސްކޮށް ދީފައި އޮތީ. އެއްވެސް ފޫހިކަމެއް ނެތި އީޝާމެން ގޮވައިގެން އެކިތަންތަން ދައްކަން އަމިއްލަ ކާރުގައި ގޮސް ދިނީ. އަބަދުވެސް އެ ހެޔޮކަން ހަނދާން ހުންނާނެ” ދަތުރު ނިންމާލުމަށް ފަހު އަމިއްލަ ގައުމަށް އައި މަގުމަތީގައި މަތިންދާ ބޯޓުގައި އިނދެގެން އީޝާ ކިޔައިދިނެވެ.
އީޝާގެ މި ދަތުރުގައި ދިޔައީ އޮސްޓްރޭލިއާގެ ޕާތަށެވެ. އެއްހަފްތާގެ މި ދަތުރުގައި ޕާތުގެ ގިނަ ތަންތަން ބަލާލުމުގެ ފުރުސަތު އީޝާއަށް ލިބިގެން ދިޔައެވެ.
” އެހާ ކުޑަ ދުވަސްކޮޅެއް ވީމާ ހުރިހާ ތަނެއް ދެން ނުބެލޭނެތާ. އެކަމަކު ވަރަށް ގިނަ ތަންތަން ބަލާ ގިނަ ތަޖުރިބާ ކުރެވިއްޖެ” އީޝާ ބުންޏެވެ.
އީޝާ އެންމެ އުފާވި އެއްކަމަކީ މޭވާ ދަނޑުތަކަށް ގޮސް އަމިއްލަ އަތުން މޭވާ ބިނދެގެން ކެވުމުންނެވެ. ދަނޑުތަކުގައި މޭވާ ގަސްތައް އިންދާފައި ހުންނަ ގޮތާއި ފާމު ތަކުގައި މަސައްކަތް ކުރާ ގޮތް ބެލުމަށް ފަހު އަމިއްލަ އަށް ގަހުން ބިނދެގެން ކެއި މޭވާތަކުގެ ރަހަ މީރުވެފައި ވަރަށް ތަފާތު ކަމަށް އީޝާ ބުންޏެވެ.
“ކެންގަރޫ ތަކުގެ ކާރިއަށް ގޮސް އަމިއްލަ އަށް އެތަކެއްޗަށް ކާން ދިނުންވެސް އެއީ ވަރަށް މަޖާވި ކަމެއް. އެންމެ ފުރަތަމަ ވަރަށް ބިރުގަތް. އެކަމަކު ފަހުން އޯކޭވި. އަދި ކޯލާބެއަރ އެއް އުރާލަން ވެސް ފުރުސަތު ލިބުނު. ވޫލް ހަދާ ގޮތާއި ޝީޕް ތަކުން ވޫލް ބާލާ ގޮތް ގާތުން ބެލުމުގެ ފުރުސަތު ލިބުނު. ވަރަށް ގިނަ ތަފާތު އެނިމަލްސް ތައް ވަރަށް ކައިރިން ބަލައި އަތްލާނެ ފުރުސަތު ލިބުނު. ” ތަންކޮޅެއް ކުރިން ސްރީލަންކާގެ ޒުލަކަށް ދިއުމުގެ ފުރުސަތު ލިބުނު ނަމަވެސް މިގޮތަށް އެއްވެސް އެއްޗެއްގައި އަތްލައި ބެލޭނެ ފުރުސަތު މީގެ ކުރިން ލިބިފައި ނުވާ ކަމަށް އީޝާ ބުންޏެވެ.
“ބަސަލްޓަން އަކީ ވެސް ވަރަށް ރީތި ތަނެއް. އެތަނަށް ދެވުނީ ވަރަށް ގިނަ ވަގުތު ވަންދެން ކާރު ދުއްވައިގެން އެކަމަކު އެތަނަށް ގޮސް ސަދަން ހެމިސްފެއަރ ގެ އެންމެ ދިގު ފާލަމަށް އެރުމުން ހުރިހާ ވަރުބަލިކަމެއް ފިލައިގެން ދިޔަ. އެއީ ވަރަށް ސަޅި ތަނެއް. އެތަނަށް ދިޔަ މަގުމަތީގައި އޮސްޓްރޭލިއާ މީހުންގެ އާންމު ދިރިއުޅުމުގެ ކަންތައްތައް ވެސް ވަރަށް ކައިރިން ފެނުނު. ލިބޭ ޗުއްޓީ ތަކުގައި ކޭމްޕިން ހޮލިޑޭ ހަދާ ގޮތާއި ކަންޓްރީ ސައިޑްގެ ދިރިއުޅުން ވަރަށް ރީތިކޮށް ފެނިގެން ދިޔަ.” އީޝާ އޭނާގެ ދަތުރުގެ ތަޖުރިބާ ކިޔައިދިނެވެ.
ދަތުރުގައި އީޝާ އަށް އެންމެ ފާހަގަކުރެވުނު އެއްކަމަކީ ތަރައްގީ ވެފައިވާ ތަންތަނުގައި މީހުންގެ އުޅޭ މީހުންގެ އަޚުލާގު ރަނގަޅު ކަމާއި ތަނުގެ ސާފުތާހިރު ކަމެވެ. އެކަކު އަނެކަކަށް އިހުތިރާމު ކުރުމާއި ހިތް ހެޔޮކަމެވެ.
“ބައެއް ތަންތަނުގައި އެހުންނަނީ އަމިއްލަ އަށް ގޮސް ޚިދުމަތް ލިބިގަނެގެން އަމިއްލަ އަށް ލާރި އަޅާލާފައި އަންނަން. އެއްވެސް މީހަކު ބަލާކަށް ނުހުރޭ. އެކަމަކު އެއްވެސް މީހަކު މަކަރެއް ނަހަދާ. އެއީ ވަރަށް ހައިރާން ވި މަންޒަރެއް” އީޝާ ބުންޏެވެ.
ދެވުނު ހުރިހާ ތަންތަނުގެ ތެރެއިން އީޝާ ދެވަނަ ފަހަރަށް ވެސް ދާހިތްވި ތަނަކަށް ވީ އޮސްޓްރޭލިއާގެ ކާޓިން ޔުނިވަރސިޓީއެވެ.
“އުއްމީދަކީ ސްކޫލް ނިންމާލާފައި އެތަނަށް ކިޔަވަން ދެވުން. ދުނިޔޭގެ ނަން މަޝްހޫރު ޔުނިވަރސިޓީއަކަށް ވަދެލެވުމުގެ ފުރުސަތު ލިބުމުން ވެސް އީޝާ ވަރަށް އުފާވެއްޖެ. އެތަނުގެ ދަރިވަރަކަށް ވާން ވަރަށް ބޭނުންވި” މިހާރު ޝަރަފުއްދީން ސްކޫލުގެ ގްރޭޑް 10 ގައި ކިޔަވަމުންދާ އީޝާ ބުންޏެވެ.
މީގެ އިތުރުން މޫސުމަށް އަންނަ ބަދަލު ތަކާއި ތަފާތު މޫސުމާއެކު މީހުންގެ ދިރިއުޅުމާއި ކަންކަން އީޝާއަށް ވަނީ ތަޖުރިބާ ކުރެވިފައެވެ.
މި ދަތުރުގައި އަވައިގެ ފަރާތުން ވަނީ ޕާތުގައި ދިރިއުޅޭ ދިވެހިންނާއި އީޝާ އާއި ބައްދަލުކުރުވައި ދީފައެވެ. ޖުވޭގެ ކެއްކުމުގެ ސެޝަނަކާއެކު ކުރިއަށް ގެންދިޔަ މި ހަފްލާގައި އީޝާ ވަނީ ރީތި މަދަޙައެއް ވެސް ހުށަހަޅައި ދީފައެވެ. އީޝާގެ މަދަހައަށް އެންމެންގެ ފަރާތުން ހޫނު ތަރުހީބެއް ލިބިގެން ދިޔައެވެ.
ސިންގަޕޫރުގައި ޓްރާންސިޓް ދަތުރަކާއެކު ހަމަޖެހުނު އޮސްޓްރޭލިއާ ދަތުރުގައި ސިންގަޕޫރު ބަލާލުމުގެ ފުރުސަތުވެސް އީޝާ އަށް ވަނީ ލިބިގެން ގޮސްފައެވެ.
“އަވައިގެ ސްޓަޑީ ޓުއާގައި އީޝާ އަށް މި ލިބުނީ 2 ގައުމު ބަލާލުމުގެ ފުރުސަތު. އޮސްޓްރޭލިއާ އާއެކު ސިންގަޕޫރަށް ވެސް ދެވިއްޖެ” ދަތުރު ނިންމާލަމުން އުފަލުން އިނދެ އީޝާ ކިޔައިދިނެވެ.
އީޝާގެ ދެން އޮތް އުންމީދަކީ މިއަހަރު އޭއޯގެ މަދަހަ މުބާރާތުގައި ބައިވެރިވެގެން ފަޚުރު ވެރި އެއްވަނަ އާއެކު އުމުރާ ދަތުރެއް ހޯދުމެވެ. މިކަމަށްޓަކައި މިހާރުވެސް މަސައްކަތް ކުރަމުންގެންދާ ކަމަށް އީޝާ ބުންޏެވެ.
އޭއޯގެ މަދަޙަ މުބާރާތުގައި ކޮންމެ ފަހަރަކުވެސް ވަނަ ހޯދަމުން އަންނަ އީޝާ މިހާރު ބޭނުމީ މުބާރާތުގެ އެއްވަނަ އެވެ. މިކަމުގައި އެންމެ ބޮޑަށް އެހީތެރިވެދެނީ މަންމަ ކަމަށް ބުނަމުން އީޝާ ވަނީ މަންމައަށް ވަރަށް ޝުކުރު އަދާކޮށްފައެވެ.
އަވައިގެ ފަރާތުން ކޮންމެ އަހަރަކު އޭއޯގެ މަދަޙަ މުބާރާތަށް ސްޓަޑީ ޓުއަރ ގެ އިނާމު ހުށަހަޅަމުން އަންނަ އިރު މިއަހަރު އޮތީ މެލޭޝިއާގެ ސްޓަޑީ ޓުއާ އެއްގެ އިނާމު ހުށަހަޅާފައެވެ. މީގެ ކުރިން މަދަހަ މުބާރާތުން އެއްވަނަ އަށް އައި އައިހަމް ޝަރީފަށް އަވައިން ދީފައިވަނީ ދުބާއީ ސްޓަޑީ ޓުއަރ އެކެވެ.
އަވައިގެ ރައީސާ ޑރ މަރިޔަމް ޝަކީލާ ވިދާޅުވީ އަވައިން މިފަދަ ފުރުސަތުތައް ޒުވާނުންނަށް ހުޅުވާލާފައިވަނީ ޒުވާޏުންނަކީ ތަރައްގީވަމުން އަންނަ ދުނިޔޭގެ ކަންކަމަށް ލޯހުޅުވި އަދި ކަންކަން ދަސްވެ ހޭލުންތެރިވެފައިވާ ބަޔަކަށް ހެދުމުގެ މަގުޞަދުގައި ކަމަށެވެ. އެގޮތުން “އަވަ” ޖަމިއްޔާގެ ފަރާތުން ގިނަ ޒުވާނުންތަކަކަށް މިފަދަ ފުރުސަތުތައް ހޯދައި ދީފައިވާނެ ކަމަށް ޑރ ޝަކީލާ ވިދާޅުވިއެވެ.
“އުއްމީދަކީ ލިބިގެންދާ ތަޖުރިބާތަކުގެ ބޭނުން ދިރިއުޅުމުގައި ހިފައި ކުރިއަށް ދިއުން” ކަމަށް ޑރ ޝަކީލާ ވިދާޅުވިއެވެ.