English Edition
Dhivehi Edition

ފެމިލީ ލީގަލް ކްލިނިކްގެ ހިދުމަތް އައްޑޫގައި ތައާރަފް ކުރުމާއި ގުޅިގެން އާއިލީ އަދި ގެވެށި އަނިޔާގެ މައްސަލަތަކާއި ބެހޭގޮތުން މީހުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްއެއް ހުޅުމީދޫގައި ރޭބާއްވައިފިއެވެ.

މި ޕްރޮގްރާމްގައި ހުޅުމީދޫގެ ދެ ޖިންސުގެ އެކި އުމުރުގެ ގިނަބަޔަކު ބައިވެރިއެވެ. ބޮޑުތަރުހީބަކާއެކު ފެށިގެން ދިޔަ މި ޕްރޮގްރާމްގައި ބައިވެރިންނަށް މައުލޫމާތު ދެއްވީ ގާނޫނީ ވަކީލާ ޝަފީއާ ރިޡާ އެވެ.

މިހާރު އައްޑޫގައި ކުރިޔަށް މިގެންދާ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމް ތަކަކީ، 2014އިން ފެށިގެން ފެމިލީ ލީގަލް ކްލިނިކްގެ ފަރާތުން އާއިލީ އަދި ގެވެށި އަނިޔާގެ މައްސަލަތަކުގައި ހިލޭސާބަހަށް ފޯރުކޮށް ދެމުންގެންދާ ގާނޫނީ ލަފާދިނުމުގެ ޕްރޮގްރާމުގެ ހިދުމަތްތައް އައްޑޫގައި ފެއްޓުމަށް ކުރިޔަށް ގެންދާ ތަމްރީން ކުރުމާއި މައުލޫމާތު ދިނުމުގެ ޕްރޮގްރާމެކެވެ

ފެމިލީ ލީގަލް ކްލިނިކްގެ ޚިދުމަތްތައް އައްޑޫގައި ތަޢާރުފްކުރުމުގެ އިތުރުން، އައްޑޫގެ ކޮންމެ އަވަށަކަށް އަމާޒުކޮށްގެން އާންމުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތަކެއް މިހާރުވެސް ކުރިޔަށް އެބަދެއެވެ. މިޕްރޮގްރާމް ތައް އަމާޒު ކުރެވިފައިވަނީ ޢާއިލާ އާބެހޭ ގާނޫނާއި ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ދަށުން ލިބޭ ޙައްގުތަކާއި، ކަމާބެހޭ ކޯޓު ފޯމުތައް ފުރާނެ ގޮތާއި ބެހޭ މައުލޫމާތު ކިޔައި ދިނުމަށެވެ.

މިހިދުމަތް އައްޑޫގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ކޮލަމްބޯގައި ހުންނަ އެމެރިކާ އެމްބަސީގެ ހިލޭ އެހީއާއެކު
ހިންގާ ޕްރޮޖެކްޓެއްގެ ދަށުންނެވެ. މިގޮތުން، ފެމިލީ ލީގަލް ކްލިނިކްގެ ޚިދުމަތްތައް އައްޑޫގައި ތަޢާރުފުކުރުމަށްޓަކައި މިދިޔަ މާރިޗު މަހުގެ ތެރޭގައި، އައްޑު އަތޮޅުގައި ޤާނޫނީ ދާއިރާއިން މަތީ ތަޢުލީމް ޙާސިލުކުރަމުންދާ ދަރިވަރުންނަށާއި މަރަދޫގައި ހިންގާ ގާނޫނީ ވަކީލުންހެ ފާރމެއް ކަމަށްވާ ” ލޯކްރާފްޓް” ގެވަކީލުންނާއި މުވައްޒަފުންނަށް އަމާޒުކޮށްގެން ތަމްރީން ޕްރޮގްރާމެއް ހިންގާފައި ވެއެވެ. މިތަމްރިންގައި ޖުމްލަ 17 ފަރާތަކުން ބައިވެރިވެ، ތަމްރީން ފުރިހަމަ ކޮށްފައި ވެއެވެ.

އައްޑޫ ގައި ފެމިލީ ލީގަލް ކްލިނިކްގެ ހިދުމަތް މާރިޗު މަހު 19 ވަނަ ދުވަހު ފަށާފައި ވާއިރު އެ ކްލިނިކްގެ ޙިދްމަތް ތަށް ފޯރުކޮށްދޭނީ ކޮންމެ ހޯމަދުވަހެއްގެ ރޭ ބޭއްވޭ ލީގަލް ކޮންސަލްޓޭޝަންގެ ބައްދަލުވުން ތައްމެދުވެރި ކޮށްކަމަށް އެކްލިނިކްގެ އެޑްމިނިސްޓްރޭޓަރ އަބްދުﷲ އައްޒާމް “އޭއޯ ނިއުސް” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.

އައްޑޫގައި މިހާރު ކުރިޔަށް ގެންދާ އާންމުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްގެ ފުރަތަމަ ބައްދަލުވުން ބާއްވާފައި ވަނީ، މަރަދޫގައި ދިރިއުޅޭ ރައްޔިތުންނަށް އަމާޒުކޮށްގެން 18 މާރިޗް 2018 ވަނަ ދުވަހުގެ ރޭ 8:00 އިން 22:00 އަށް މަރަދޫގެ ބޮނޑޮ ގޭގައެވެ.

އާއިލީ އަދި ގެވެށި އަނިޔާގެ މައްސަލަތަކާއި ބެހޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަންއެއް ރޭ ހުޅުމީދޫގައި ކުރިޔަށް ގެންގޮސްފައިވާއިރު ދެންއެންމެ އަވަހަށް މީގެ ޕްރޮގްރާމެއް އޮންނާނީ ފޭދޫގައި ކަމަށާއި މި ޕްރޮގްރާމަށް އައްޑޫގެ ރައްޔިތުންގެ ފަރާތުން ބޮޑުތަރުހީބެއް ލިބެމުންދާ ކަމަށް އައްޒާމް ވިދާޅުވިއެވެ.

އައްޑޫގައި ދިރިއުޅޭ ރައްޔިތުން، ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް އެދި ގުޅާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 0900 އިން 1500 އަށް އައްޑޫ އޮފީހުގެ ހޮޓްލައިން 9989881 އަށެވެ.