English Edition
Dhivehi Edition

ވައިފުޅި އަޅައިގެން އެންހިފަން ފީނަން އުޅުމުގެ ތެރޭގައި “ޑައިވިންގ ޑީކޮމްޕްރެޝަން ސިކްނެސް” (ޑީކޯ) ވި މީހަކު އެމްއެންޑީއެފް ސަދަން އޭރިއާގެ އެހީތެރިކަމާއެކު އެމްއެންޑީއެފް ކުރަނގި ހެލިކޮޕްޓަރުގައި އައްޑޫ ސިޓީ ގަމަށް ގެންގޮސްދީފިއެވެ.

ޑީކޯ ވެގެން ގދ. ފިޔޯރީ ސިއްޙީ މަރުކަޒުގައި ފަރުވާދެމުންދިޔަ މި ފިރިހެން މީހާގެ އުމުރަކީ 30 އަހަރެވެ.

ޑީކޯވި މީހާ އެމްއެންޑީއެފް ކުރަންގި ހެލިކޮޕްޓަރުގައި އައްޑޫ ސިޓީ ގަމަށް ގެންގޮސްދީފައިވަނީ މިރޭ 00:00 ހާއިރުއެވެ. މި މީހާ އައްޑޫ ސިޓީ ގަމަށް ގެންގޮސް އިތުރު ފަރުވާދޭން ޝަންގްރިއްލާ ރިސޯޓަށް ސީ އެމްބިއުލާންސްގައި ވަނީ ގެންގޮސް ދީފައެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި މިމީހާ ވަނީ މިއަދު 50 މީޓަރުގެ ފުންމިނަށް ތިން ފަހަރު ފީނާފައެވެ. އަދި މިއިން ކޮންމެ ފީނުމެއްގައި 20 މިނެޓާއި 35 މިނެޓާއި ދޭތެރޭގެ ވަގުތު ހޭދަކޮށްފައިވާކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

އެމްއެންޑީއެފް ކުރަންގި ހެލިކޮޕްޓަރުގައި މި މީހާ އައްޑޫ ސިޓީ ގަމަށް ގެންގޮސްދީފައިވަނީ ގދ. ފިޔޯރީ ސިއްޙީ މަރުކަޒުގުން ބެއްލެވި ޑޮކްޓަރުން މި މީހާ އިތުރު ފަރުވާއަށް އައްޑޫ ސިޓީ ގަމަށް ގެންދިއުމަށް ލަފާދެެއްވުމާ ގުޅިގެންނެވެ.