English Edition
Dhivehi Edition

އައްޑޫސިޓީއާއި، ފުވައްމުލަކުގައި ޙަރަކާތްތެރިވާ މޯލްޑިވިއަންގެ ސޭލްސް އެޖެންޓުންނަށް ޚާއްސަ ކޮށްގެން “ސޭލްސް ކޮންފަރެންސް” އެއް މިއަދު ބާއްވައިފިއެވެ. އައްޑޫސިޓީ ގަމުގެ އީކުއޭޓަރވިލެޖުގައި ބޭއްވި މި ކޮންފަރެންސްގައި މޯލްޑިވިއަންގެ 11 ޕެސެންޖަރ ސޭލްސް އެޖެންޓު އޮފީހަކުން 20 މީހުން ބައިވެރިވެފައެވެ. “ބިލްޑިން ބްރިޖަސް ޓުގެދަރ” ތީމަކަށް ނަގައިގެން ކުރިއަށް ގެންދިޔަ މި ކޮންފަރެންސުގެ މައިގަނޑު ބޭނުމަކީ ސޭލްސް އެޖެންޓުންނާއި މޯލްޑިވިއަންއާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް ކުންފުނީގެ މައުލޫމާތު އެމީހުންނަށް ފޯރުކޮށްދިނުން ކަމަށް މޯލްޑިވިއަންގެ ހެޑުއޮފް ހިޔުމަންރިސޯސް ހުސައިން ސުހައިލް ވިދާޅުވިއެވެ. “މައިގަނޑު މަގުސަދަކީ އަޅުގަނޑުމެންނާއި ޕެސެންޖަރ ސޭލްސް އެޖެންޓުންނާ އޮންނަ ގުޅުން ބަދަހިކުރުން. އެމީހުންނަށް ދިމާވާ މައްސަލަތައް ބަލައި އެކަންކަމަށް މަޝްވަރާކޮށް ކުރިއަށްދިޔުން. އަނެއް ބޭނުމަކީ މޯލްޑިވިއަންއާ ބެހޭ މައުލޫމާތު އެމީހުންނަށްދީ އޮޕަރޭޝަންތައް ކުރިއަށްދާ ގޮތް ބުނެދިނުން،” ސުހައިލް ވިދާޅުވިއެވެ. މި ކޮންފަރެންސް ނިންމާލުމަށްފަހު އެނބުރި އޮފީހަށްގޮސް އެމީހުންދޭ ޚިދުމަތުގެ ފެންވަރު ތަފާތުވާނެ ކަމުގެ ވަރަށްބޮޑު ޔަގީންކަމެއް އެބައޮތް ކަމަށް މޯލްޑިވިއަންއިން ވިދާޅުވިއެވެ. ސުހައިލް ވިދާޅުވީ ޕެސެންޖަރ ސޭލްސް އެޖެންޓުންނަކީ މޯލްޑިވިއަންއާއި ރައްޔިތުންނާ ދެމެދު މެދުވެރިއެއްގެ ބައިކުޅޭ މީހުން ކަމަށެވެ. “އެހެންވީމާ އަޅުގަނޑުމެން މިކުރަނީ ކީއްކަން އެމީހުންނަށް ވަރަށް ރަނަގަޅަށް އެނގެން އެބަޖެހޭ،” އޭނާ ވިދާޅުވިއެވެ. މިފަދަ ކޮންފަރެންސެއް އަންނަ މަހުވެސް ބާއްވާނެއެވެ. އެ ކޮންފަރެންސް ޚާއްސަކުރާނީ ހުވަދުއަތޮޅު ދެކުނުބުރިއާއި އުތުރުބުރީގެ އެޖެންޓުންނަށެވެ.