ފަހުވަގުތު ރޮނާލްޑޯ ޖެހި ދެ ލަނޑުން ރޭ މިސްރުގެ މައްޗަށް އެންމެ ފަހުގެ ޔޫރަޕްގެ ޗެމްޕިއަން ޕޯޗުގަލް ކުރި ހޯދައިފިއެވެ.
މި ދެޓީމު ރޭ ކުޅުނު ރަހުމަތްތެރިކަމުގެ މެޗު ޕޯޗުގަލުން ކާމިޔާބު ކުރީ 2-1 ގެ ނަތީޖާއަކުންނެވެ.
ޕޯޗުގަލްގެ ޒިއުރިކުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމުން ވެސް ވަނީ ލަނޑު ޖަހާނެއް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށް ބޭކާރު ކޮށްލާފައެވެ. އެހެން ނަމަވެސް ފުރަތަމަ ހާފް އާއި ހިލާފަށް ދެވަނަ ހާފްގައި މިސްރު އަދި ޔޫރަޕްގައި ވެސް ހުރި އެންމެ މޮޅު އެއް ފޯވާޑްގެ ގޮތުގައި ހިމެނޭ މުހައްމަދު ސަލާހް ވަނީ މިސްރަށް ލީޑު ނަގާދީފައެވެ.
ސަލާހުގެ މި ލަނޑުން އެންމެ ފަހުގެ ޔޫރަޕް ޗެމްޕިއަން އަތުން މިސްރު މޮޅުވާން ދަނިކޮށް މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަތަރު މިނެޓްގެ ތެރެއިން ދެވަނަ މިނެޓްގައި ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރު ހޯދާފައިވާ ރޮނާލްޑޯ ވަނީ ޕޯޗުގަލް އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
ރޭގެ މެޗުގެ އެންމެފަހު މިނެޓްގައި ރޮނާލްޑޯ ކާމިޔާބުކުރީ އޮފްސައިޑް ލަނޑެއް ކަމަށް އެސިސްޓަންޓް ރެފްރީ ނިންމި ނަމަވެސް، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ރެފްރީ ނިންމީ އެއީ ރަނގަޅު ގޯލެއް ކަމަށެވެ.
އެކުވެރިކަމުގެ އިތުރު މެޗެއް އަންނަ ހޯމަ ދުވަހުގެރޭ ވެސް އެޓީމުން ކުޅޭނެއެވެ. އެ މެޗުގައި ޕޯޗުގަލް ބައްދަލުކުރާނީ ނެދަލޭންޑްސްއާއެވެ.
ރޭގެ މެޗުގައި ރޮނާލްޑޯ ކާމިޔާބުކޮށްދިން ދެ ގޯލާއި އެކު އޭނާ ޕޯޗުގަލް ގައުމީ ޓީމަށް ޖަހައިދިން ގޯލުގެ އަދަދު މިހާރު ވަނީ 81 އަށް އަރާފައެވެ.