English Edition
Dhivehi Edition

އައްޑޫ ސިޓީ އާއި ފުވައްމުލަކުގައި އަމިއްލައަށް ކުނި އުކާ ފަރާތްތަކުން ފީ ނެގުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ނިންމައިފިއެވެ.

އެ ކުންފުނިން ބުނީ ފީ ނެގުމަށް ނިންމާފައިވަނީ ހަތަރު ފުރޮޅުލީ އުޅަނދުތަކުން އެކަނި ކަމަށާއި ފީގެ ގޮތުގައި ނަގާނީ އުކާލާ ކުނީގެ ޓަނަށް ބަލައި ކޮންމެ ޓަނަކުން 100 ރުފިޔާގެ ރޭޓުންކަމަށެވެ.

އުޅަނދުތަކުން ފީއެއް ނެގުމުގެ ބޭނުމަކީ ކުނި އުކުމުގެ މަސައްކަތް ޢާއްމު ފަރާތްތަކުން ކުރުމުގެ ބަދަލުގައި ވެމްކޯ މެދުވެރިކޮށް ރައްކާތެރި ގޮތުގައި ކުރުމަށް ބާރުއެޅުމުގެ ގޮތުންކަމަށް އެކުންފުނިން ބުނެއެވެ. އެގޮތުން ގިނަ ޢަދަދަށް ކުނި އުކަން ބޭނުންވާ ފަރަތްތަކަމަށް ވެމްކޯއިންވަނީ “ކެޕްސް” އަދި “ކެޕްސް ލައިޓް”ގެ ނަމުގައި މީގެ ކުރިންދެ ޚިދުމަތެއް ތަޢާރަފްކޮށްފައިވާކަމަށްވެސް ވެމްކޯއިން ބުނެއެވެ.

ކެޕްސް ލައިޓް ޚިދުމަތުގައި ހިމެނެނީ މައިގަނޑު ތިން ޚިދުމަތެކެވެ. މި ހިދުމަތުގެ ދަށުން ވެމްކޯއިން އުކާލަދެނީ އާއްމުކޮށް ގޭގެއިން ކޮންމެ ދުވަހަކު އުކާލާ ކުނީގެ އިތުރުން، ޓިވީ އާއި ފްރިޖް ފަދަ އިލެކްޓްރޯނިކް ސާމާނާއި ފަރުނީޗަރުގެ ބާވަތްތަކެވެ. މި ޚިދުމަތައް އަގުނަގަނީ މި ތިން ދާއިރާގެ ތެރެއިން އެ ކުންޏެއްގެ ސައިޒައް ބަލައިގެންކަމަށް ވެމްކޯއިން ބުނެއެވެ.

ހަތަރު ފުރޮޅުލީ އުޅަނދުތައް ބޭނުންކޮށްގެން ކުނި އުކުމުގެ މަސައްކަތް މާލޭގައި ކުރާ ފަރާތްތަކުންވެސް ވެމްކޯ އިން އަންނަނީ ފީ އެއް ނަގަމުންނެވެ. އެގޮތުން ކުނީގެ ގޮތުގައި އުކާލާ ކޮންމެ ޓަނަކުން 200 ރުފިޔާގެ ރޭޓުން ނަގައެވެ.