English Edition
Dhivehi Edition

މަސްވެރިކަމަށް ނުކުމެ ސ.މަރަދޫ ކޮންކޯޑު ދޯނީގެ ޚަބަރެއް ނުވުމާއި ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެ ދޯނި ހޯދުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

ދޯނީގެ ފަޅުވެރިއެއްގެ އާއިލާއިން ރޭ އެ ދޯންޏާ ގުޅުނު ކަމަށާއި އަދި އެމްއެންޑީއެފަށް ވެސް އެ ޚަބަރު ފޯރުކޮށް ދެވިފައިވާ ކަމަށް މައުލޫމާތު ދިންނަމަވެސް މި ދޯނީގެ ޚަބަރެއް ނުވެގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައި ވަނީ މިއަދު ހެނދުނު 9:20 ހާއިރުގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މަރަދޫ އިން މިދިޔަ ހުކުރު ދުވަހު 18:00 ގައި މަހަށްފުރި “ކޮންކޯޑް” ނަމަކަށް ކިޔާ މި ދޯންޏާ އެންމެ ފަހުން ގުޅިފައި ވަނީ ސެޓްލައިޓް ފޯނުން ރޭ 18:10 ހާއިރު ކަމަށާއި އަދި ދޯނީގެ އިންޖީނަށް ދިމާވި މައްސަލައެއް ހައްލުކުރުމަށްފަހު ދަތުރުކުރަމުން ދާކަމަށް، މި ދޯންޏާއި ގުޅުންހުރި މީހެއްގެ ފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް ވަނީ މަޢުލޫމާތު ދީފައިކަމަށް އެފަރާތުން ބުނެއެވެ.

ދިގުމިނުގައި 108 ފޫޓު ހުންނަ މިދޯނީގައި 25 ދިވެހިން ތިބިކަމަށް މައުލޫމާތު ލިބެއެވެ.

މިދޯންޏަކީ ދޯނީގެ ބޭރުގައި ނޫކުލައިގެ ދަވާދު ލާފައިވާ އަދި ގެގަނޑުގައި ހުދު ކުލައިގެ ދަވާދު ލާފައިވާ ދޯންޏެއްކަމަށާއި މިއުޅަނދާއި ބެހޭ މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުއްވައި ދެއްވުން އެދޭ ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.