އައްޑޫ ސިޓީ ކައުންސިލްގެ 4ކައުންސިލަރަކު ސަސްޕެންޑްކުރުމާއި ގުޅިގެން، އައްޑޫ ސިޓީ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ނުރުހުން ފާޅުކުރައްވައިފިއެވެ
މިކަމާއި ގުޅިގެން ރޮޒައިނާ ކުރެއްވި ޓުވިޓެއްގައި ވިދާޅުވެފައިވަނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީ(އެލްޖީއޭ) އިން ނެރެފައިވާ ޣައިރު ޤާނޫނީ އަމުރުތަކަށް ކައުންސިލްތަކުން ކިޔަމަންވާން ނުޖެހޭނެކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ އަމުރެއް ތަންފީޒު ކުރަން ގޮވާލުމަކީ ކުށެއް ނޫން ކަމަށާއި، އެއީ ޤާނޫނީ ގޮތުން އެލްޖީއޭ އިން ވެސް ތަބާވާން ޖެހޭ އަމުރެއް ކަމަށެވެ
ލޯކަލް ގަވަރމަންޓް އޮތޯރިޓީން(އެލްޖީ) އެއް މަސްދުވަހަށް ސަސްޕެންޑް ކުރި 4 ކައުންސިލަރުންނަކީ އައްޑޫ މޭޔަރ އަބްދުﷲ ސޯދިގު އާއި ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް އާއި ހިތަދޫ މެދު ދާއިރާގެ ކައުންސިލަރ ޖަމްޝީދާ މުޙައްމަދުގެ އިތުރުން ފޭދޫ ދާއިރާގެ ކައުންސިލަރ އަލީ ފަހުމީއެވެ
1 ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު ތަންފީޒުކުރުމަށް ގޮވާލައި އައްޑޫ ސިޓީ ކައުންސިލުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އަމުރު ތަންފީޒު ނުކޮށް ލަސްކުރުމަކީ އައްޑޫގެ ރައްޔިތުން ކަންބޮޑުވާކަމެއް ކަމަށެވެ. މި ބަޔާނާއި ގުޅިގެން އައްޑޫސިޓީ ކައުންސިލްގެ ޒިންމާދާރުވެރިޔާ މުހައްމަދު ސައުދީ ހަސަން އަށް އެޑްރެސްކޮށް އެލްޖީއޭ އިން ފޮނުވި ސިޓީގައި ބުނެފައިވަނީ ގާނޫނު ނަންބަރު 7/2010 (ލާމަރުކަޒީ ގާނޫނު) އިން ކައުންސިލްތަކަށް ލިބިދީފައިވާ ބާރާއި އިހްތިޔާރުގެ ބޭރުން އައްޑޫ ސިޓީ ކައުންސިލުން ނޫސް ބަޔާނެއް ނެރެފައިވާ ކަމަށެވެ. އަދި މި ދަރަޖައިގެ ކުށެއް ދެން އިތުރަށް ކޮށްފިނަމަ އައްޑޫ ސިޓީ ކައުންސިލް ރޫޅާލުމަށް ހައިކޯޓަށް ހުށަހަޅާނެ ކަމުގެ އިންޒާރު އައްޑޫ ސިޓީ ކައުންސިލަށް ދޭ ކަމަށްވެސް ސިޓީގައި ވެއެވެ