English Edition
Dhivehi Edition

ރާއްޖޭގައި މަރުގެ ޙުކުމް ތަންފީޒުކުރަން ސަރުކާރުން އަލުން މަސައްކަތް ފަށާފައިވާތީ ޔޫރަޕިއަން ޔޫނިއަންގެ ޕާލަމެންޓުން ކަންބޮޑުވުން ފާޅުކޮށްފަވީނަމަވެސް، މަރުގެ ޙުކުމް ތަންފީޒުކުރަން ޖެހިއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރ އަލްއުސްތާޛާ އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.

ޕީ.އެސް.އެމް ނިއުސްގެ، “ދެން ކޮން ސުވާލެއް” ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އާޒިމާ ވިދާޅުވީ ދިގު މާޒީއަކަށްފަހު މަރުގެ ޙުކުމް ތަންފީޒުކުރަން ސަރުކާރުން މަސައްކަތް ކުރަމުން މިދަނީ ރާއްޖޭގެ ކުށުގެ ޙާލަތު މިހާރު ބަދަލުވެފައިވާތީ ކަމަށެވެ.

50 އެތައް އަހަރެއް ފަހުން ރާއްޖޭގައި އަލުން މަރުގެ ޙުކުމް ތަންފީޒު ކުރަނީ އިސްލާމީ ޝަރީޢަތުގައި އެގޮތަށް އޮތުމުން ކަމަށާއި، އިސްލާމީ ޝަރީޢާ ތަންފީޒުކުރުމަށް ކުރާ މިފަދަ ކަންކަމަށް ބޭރުގެ ގޮވާލުންތަކާ ގުޅިގެން ބަދަލުކުރެވެން ނޯންނާނެކަމަށް އާޒިމާ ވިދާޅުވިއެވެ.

ކުށުގެ ވެއްޓަށް ވޭތުވެދިޔަ ދުވަސްތަކުގައި ވަރަށް ބޮޑަށް ބަދަލުވެފައިވާކަން ތަފްސީލް ކޮށްދެއްވައި އާޒިމާ ވިދާޅުވީ، ކޮންމެ ޤައުމެއްގައި ވެސް ޖިނާއީ ޢަދުލުގެ ނިޒާމް ބިނާކޮށްފައި އޮންނަނީ އެޤައުމަކުން ޤަބޫލުކުރާ ކަންތައްތަކުގެ މައްޗަށް ކަމަށެވެ. އަދި ބައެއް ޤައުމުތަކުގައި ޖިނާއީ ކުށަކަށްވާ ކަންކަން އަނެއްބައި ޤައުމުތަކުގައި ކުށަކަށް ނުވެ ހިނގައިދާނެކަމަށް އާޒިމާ ވިދާޅުވިއެވެ. އެގޮތުން އެއްޖިންސުން ގުޅުން ހިންގުމުގެ ފުރުޞަތު ރާއްޖޭގައި ދިނުމަށް ގޮވާލުންފަދަ އިސްލާމް ދީނާ ޚިލާފު ކަންކަން އަދި ރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމުން ބޭރުކަންތައްތައް، ބޭރުގެ ފަރާތްތަކުން ގޮވާލާ ގޮވާލުމަކުން ބަދަލު ނުކުރެވޭނެކަމަށް ވެސް އާޒިމާ ވިދާޅުވިއެވެ.

މީގެ އިތުރުންވެސް މި ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އާޒިމާ ވިދާޅުވީ ޤައުމެއްގެ ހައިސިއްޔަތުން ރާއްޖެއިން ނިންމަންޖެހޭ ދާޚިލީ ކަންކަމަށް ބޭރުގެ ނުފޫޒުގެ ސަބަބުން ބުރުއަރާކަމަށް ވިދާޅުވެފައެވެ.