English Edition
Dhivehi Edition

ރައީސް ޢަބްދުﷲ ޔާމީންގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރަކީ ވަރަށް ބުރަކޮށް އުޅުއްވާ އެ ބޭކަނބަލަކަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާ ބޭކަނބަލެއްކަން ޔަޤީނެވެ. އަބަދުވެސް އަޑު އިވެނީ އެކަމަނާ ކޮންމެވެސް ލަފައެއް އަރުވާ ވާހަކަ އެވެ. އެކަމަކު މި ފަހަރު ލަފާ އެރުވުމުގެ ބަދަލުގައި އެ ކަމަނާގެ ތަފާތު ހުނަރެއް ވަނީ ދައްކަވާފައެވެ. އެ ކަމަނާ މިވަނީ ލޯބީގެ ހިތްގައިމު ލަވައެއް އެކަމަނާގެ އަޑުން ކިއުއްވާފައެވެ.

މަޝްހޫރު ލަވަކިޔުންތެރިޔާ އަދި މިއުޒީޝަން ޙުސައިން ސޮބާޙް އަދި ސޮބާޙްގެ އަނބިކަނބަލުންގެ ވީޑިއޯ ލަވައެއް ދާދި ފަހުން ޔޫޓިއުބަށް ލާފައިވާ އިރު މި ލަވަ ޙުސައިން ސޮބާޙްއާއިއެކު ކިޔުއްވާފައިވާ އަންހެން ބޭކަނބަލަކީ އާޒިމާ ކަން ޤަބޫލު ކުރަން ގިނަ ބަޔަކަށް އުނދަގޫ ވާނެކަން ޔަޤީނެވެ. އެހެން ނަމަވެސް ހަޤީޤަތަކީ އެއީއެވެ. މީގެ އަހަރު ތަކެއް ކުރިން ދިވެހިންގެ ތެރޭގައި މަޝްހޫރު ވެގެން ދިޔަ ލަވަ އެއް ކަމަށްވާ “ކައިވެނީގެ އަމާޒު ކަމުގާ” މި ލަވައިގެ ރީމޭކް ގައި އާޒިމާގެ އަޑު ވަރަށް ހިތްގައިމެވެ.

އާޒިމާގެ ފުރަތަމަ ރެކޯޑް ކުރެވުނު މި ލަވަ ގިނަ ބައެއްގެ މަޤްބޫލުކަން ހޯދާނެ ކަމަށް ބެލެވެއެވެ. ސިޔާސީ ދާއިރާއިން ވަރަށް ސީރިއަސްކޮށް ފެނިގެންދާ އާޒިމާގެ ދިރިއުޅުމުގައި އެކަމަނާ އަކީ ވަރަށް ސަމާސާ ކުރައްވާ މަޖާކޮށް އުޅުއްވާ ކަނބަލެއް ކަމަށް ވެއެވެ.