English Edition
Dhivehi Edition

މަރުގެ އަދަބު ތަންފީޒުކުރުމަށް ބޭނުންވާ ނިޒާމު ވަރަށް އަވަހަށް ނިމޭނެކަމަށް ހޯމް މިނިސްޓަރ އަޒްލީން އަހްމަދު ވިދާޅުވެއްޖެ އެވެ. މިކަމާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ހޯމް މިނިސްޓަރު ވިދާޅުވީ މަރުގެ ހުކުމް ތަންފީޒު ކުރުމަށް ބޭނުންވާ ހުރިހާ ސާމާނެއް ރާއްޖެ ގެންނަން މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ މަހެއްހާ ދުވަސްތެރޭގައި މަރުގެ އަދަބު ތަންފީޒުކުރުމަށް ބޭނުންވާ ނިޒާމު ގާއިމްކޮށް ނިމޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް އަޒްލީން ވަނީ ވިދާޅުވެފައެވެ. ނަމަވެސް ތަންފީޒު ކުރާނެ ވަކި ދުވަހެއް ހާމަ ކުރަން ދަތިވަނީ ކަމާ ބެހޭ މާހިރުން ނެތުމުން ކަމަށް ހޯމް މިނިސްޓަރު އަޒްލީން ވިދާޅުވިއެވެ. “އެކަމުގެ ބާވަތުގެ ގޮތުން ތަންފީޒު ކުރާނެ ސީދާ ދުވަހެއް ބުނަން ދަތިވަނީ ޓެކްނިކަލް މާހިރުން ރާއްޖޭގައި ނެތުމުން. ނަމަވެސް ވަރަށް އަވަހަށް އެކަން ތަންފީޒު ކުރެވޭނެ ކަމަށް އުންމީދުކުރަން” އަޒްލީން ވިދާޅުވި އެވެ. އަޒްލީން ވިދާޅުވީ، މަރުގެ އަދަބު ތަންފީޒު ކުރުމަށް ބޭނުންވާ ކަންކަން ފުރިހަމަ ކުރުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހަވާލު ކުރައްވާފައިވަނީ އޭނާއާ ކަމަށާއި، އެހެން ކަމުން އެކަން ފުރިހަމަކުރަން ކުރަންޖެހޭ ކަންތައްތައް ކުރަމުން ދާ ކަމަށެވެ. “އެހެން މީހުންގެ ހައްގުތަކަށް އަރައިގަނެ ދިރިހުރުމުގެ ހައްގު މީހެއްގެ ކިބައިން ނިގުޅައިގަތުމަކީ، ގަބޫލު ކުރެވޭނެ ކަމެއް ނޫން . އިސްލާމް ދީނުގައި އޮންނަ ގޮތަށް އެ މީހުންނަށް އަދަބު ދޭންޖެހޭނެ އަދި އެ މަސައްކަތް ކުރަމުންދާނެ” މިނިސްޓަރު ވިދާޅުވި އެވެ. މިދިޔަ އޭޕްރީލް މަހު ރައީސް ޔާމީން ވިދާޅުވީ، މަރުގެ ހުކުމް ތަންފީޒު ކުރާނެ ހާއްސަތަނެއް ގާއިމްކޮށްފައިވާ ކަމަށެވެ. އަދި މަރުގެ ހުކުމް ތަންފީޒު ކުރުމަށް ބޭނުންވާ ސާމާނު ލިބުމުން މަރުގެ ހުކުމް ތަންފީޒު ކުރާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ރާއްޖޭގައި މިހާތަނަށް ތިން މީހެއްގެ މައްޗައް މަރުގެ ހުކުމް އިއްވައި އެ ހުކުމްތަކަށް ސުޕްރީމް ކޯޓުން ވަނީ ތާއީދު ވެސް ކޮށްފަ އެވެ. އެއީ، ޑރ. އަފްރާޝިމް އަލީގެ ގާތިލް ހ. ލޮބީ ހުސެއިން ހުމާމު އާއި 2012 ވަނަ އަހަރު ގާނޫނީ ވަކީލް އަހުމަދު ނަޖީބު މަރާލި ކަމުގެ ކުށް ސާބިތުވި މ. މަސްރޫރާ، މުއްރަތާއި އަބްދުﷲ ފަރުހާދު މަރާލިކަން ސާބިތުވެ، ގ. ރީފް މުހައްމަދު ނަބީލެވެ.