English Edition
Dhivehi Edition

ގދ. މާވަރުލު އެއާޕޯޓު އެޅުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.

މިއަދު ޓޫރިޒަމް މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި މާވާރުލުގައި އެއާޕޯޓު އެޅުމުގެ މަސައްކަތްތައް ސަރުކާރުގެ ފަރާތުން އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރެވެ. އަދި އެމްޓީސީސީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އެކުންފުނީގެ ސީއީއޯ އިބްރާހިމް ޒިޔަތެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޓްއަރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ މާވާރުލުގައި އެއާޕޯޓެއް އެޅުމަކީ ރައީސް ޔާމީން ވަރަށް ބޭނުންފުޅުވި ކަމެއް ކަމަށެވެ. އަދި އެއާޕޯޓް ހަދަން ބޭނުންވާ ފައިސާ ބަޖެޓްގައި ހިމެނުމަށް އެމަނިކުފާނު އެދިވަޑައިގަތް ކަމުގައެވެ.

އެގްރިމެންޓްގައި ސޮއިކުރެވުނު ދުވަހުން ފެށިގެން 160 ދުވަސްތެރޭގައި ނިންމާ ސަރުކާރާ ހަވާލުކުރާގޮތަށް ހަމަޖެހިފައިވާ މާވާރުލުގެ އެއާޕޯޓްގެ ރަންވޭގެ ދިގުމިނުގައި10220 ފޫޓް ހުންނާނެ އެވެ. އެއާޕޯޓް އެޅުމަށް ޖީއެސްޓީއާއި އެކު 57 މިލިއަން ދިވެހި ރުފިޔާ ހަރަދުވާނެ ކަމަށްވެސް މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ. މާވާރުލުގައި ހަދާ އެއާޕޯޓާއި އެކު ކުޑަ ޖެޓީއަކާއި ޓެކްސީވޭ އެއްވެސް ހެދުމަށް ވަނީ ހަމަޖެހިފައެވެ.

އެމްޓީސީސީ އިން ބުނީ، މާވަރުލު އެއާޕޯޓުގެ މަސައްކަތްތައް ނިންމަން ފަސް މަހުގެ މުއްދަތެއްދީފައިވީ ނަމަވެސް އޭގެކުރިން އެމަސައްކަތް ނިންމާލެވޭނެ ކަމަށެވެ. މީގެކުރިން ވެސް އެރަށުގައި އެއާޕޯޓު އެޅުމަށް އެކި ފަހަރުމަތިން އެކި ފަރާތްތަކާއި ހަވާލުކޮށްފައިވެއެވެ.