English Edition
Dhivehi Edition

41 ދުވަސް ހިނގައްޖެ ކަމަށާއި، 40 ދުވަހުން ނުވި ކަމެއް މާތްﷲ ގެ އިރާދަފުޅާއެކު ދުވަހަކުވެސް ދެން ނުވާނެ ކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެމްބަރު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެއެވެ.

މިއަދު ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ނިހާން ވިދާޅުވީ 40 ވީމަ ނުވި ކަމެއް ދެން ﷲގެ އިރާދަފުޅުން ދުވަހަކު ވެސް ނުވާނެ ކަމަށެވެ. 16 ވަނަ ދުވަހުގެ ވާހަކަ ދައްކާނެ ކަމެއް ނެތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ހުކުރެއް ހޮނިހިރެއްގެ ވާހަކަ ދައްކާނެ ކަމެއް ނެތް ކަމަށާއި ﷲ އިރާދަ ކުރެއްވިއްޔާ މި ޤައުމު އަމާން ބަނދަރަކަށް ގެންދިޔުމަށް ފުރިހަމައަށް ކަމަރު ބަނދެގެން ވަރުގަދަ ކޮމާންޑަރ އިން ޗީފެއް ހުންނެވި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކަށް އިޝާރާތް ކުރައްވަމުން ނިހާން ވިދާޅުވީ އެހެން ދީންތަކުގެ މިނިވަންކަން މިތާ އޮންނަން ބޭނުން ވެގެން އެފަރާތްތަކުން އެބައުޅޭ ކަމަށެވެ. އެއް ޖިންސުން މީހުންނާ ކައިވެނި ކުރެވޭނެ ކަހަލަ ގޮތެއްވޭތޯ އެވާހަކަ އެފަރާތްތަކުން ތަފާތު ފަހަރު ދައްކަމުން އެބަދާ ކަމަށް ވެސް ވިދާޅުވިއެވެ. ދަޢުލަތާއި އިސްލާމްދީނުގެ އަސްލުތަކާއި ވަކި ކުރަން ނުވަތަ ސެކިއުލަރިޒަމް ނުވަތަ އެބޭފުޅުން އެއަށް ނަންދޭގޮތުން ނަމަ ލާދީނީ ވިސްނުމަކަށް ރާއްޖެ އަނބުރަން، އެއީ މިނިވަން ކަމެއް ކަމަށް، އިދިކޮޅު ފަރާތްތަކާ ގުޅުން ހުރި ޑިމޮކްރެޓިކް އެހެން ޤައުމުތަކުންނާއި އެހެން ތަންތަނުން ވަކާލާތު އެބަކުރާ ކަމަށް ވެސް ނިހާން ވިދާޅުވިއެވެ.

“މިކަމުގެ މައްސަލަ އުޅޭ ފަރާތްތަކަކީ ހަށިގަނޑުގެ ބައްޓަމަށް ބަދަލު ގެންނަން ބޭނުންފުޅުވާ ބައެއް ކަމުގައިވާނަމަ ތިޔަ ޒުމްބާ ކްލާހެއް ހިންގަވަން އަޅުގަނޑުމެން ހުސް ބިމެއް ހޯދައިގެން ދީފާނަމޭ ރޮނގޮ އަޅާފައި.” ނިހާން ވިދާޅުވިއެވެ.

ރައީސް ޔާމީން ހުއްޓުވަން އިދިކޮޅު ފަރާތްތަކުން އުޅޭ ސަބަބު ބެލުމުން މިނިވަންކަން ނުލިބޭތީ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފައިވާ ކަމަށް ނިހާން ވިދާޅުވިއެވެ.

އަދި އިދިކޮޅުން މުޒާހަރާ ކުރަނީ ގާނޫނު އަސާސީގެ 16 ވަނަ މާއްދާއިން 69 މާއްދާއާއި ދެމެދުގައި އޮތް 53 މާއްދާގެ ތެރެއިން ކޮން މިނިވަން ކަމެއް ނުލިބިގެންތޯ ނިހާން ވަނީ ސުވާލު ކުރައްވާފައެވެ.

ޕީޕީއެމް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިދިކޮޅު ފަރާތްތަކުން ބާއްވާ އެއްވުންތަކަށް ނުދިޔުމަށް ދިވެހިންނަށް އިލްތިމާސްކޮށްފައިވެއެވެ.

މިއަދު އިދިކޮޅު ފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެބޭފުޅުން ވަނީ 16 ވަނަ ދުވަސް އައުމުގެ ކުރިން މިރޭ ވެސް ވީހާވެސް ގިނަ ބަޔަކު އެމީހުންގެ މުޒާހަރާގައި ބައިވެރިވާން ގޮވާލާފައެވެ. މިރޭ ވެސް މުޒާހަރާއަށް ނިކުންނާނެ ކަމަށް އެބޭފުޅުން ވަނީ ވިދާޅުވެފައެވެ.

16 ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ކުރުމަށް އިޢުލާން ކޮށްފައިވާ މުޒާހަރާ ކުރިޔަށް ގެންދެވުނަ ނުދެއްވާނެ ކަމަށް ޕޮލިހުން ވަނީ ވިދާޅުވެފައެވެ.