ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި އެންޓި ޑިފެކްޝަން ބިލް ރައީސް ޢަބްދުﷲ ޔާމީން މިއަދު ތަސްދީޤް ކުރައްވައިފިއެވެ.
ގޮނޑި ގެއްލޭގޮތަށް ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި އެންޓި ޑިފެކްޝަން ބިލް ރައީސް ޢަބްދުﷲ ޔާމީން މިއަދު ތަސްދީޤް ކުރެއްވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑި ގެއްލިއްޖެއެވެ.
މިބިލް ތަސްދީޤް ކުރެއްވުމާއި ގުޅިގެން ގޮނޑި ގެއްލުނު 12 މެމްބަރުންނަކީ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު ޢަބްދުﷲ ސިނާނާއި ،ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަޙްމަދާއި، ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ޢަބްދުﷲ އަޙްމަދާއި، ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން އާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުޙައްމަދު ވަޙީދު އިބްރާހީމްއައި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ އިތުރުން ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަތީފް މުޙައްމަދާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސަޢުދުﷲ ޙިލްމީ އާއި ހަނިމާދޫ ދާއިރާގެ މެމްބަރު ޙުސެއިން ޝަހުދީ އަދި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޢަބްދުﷲ (މުހަންމާ) އާއި ތިމަރަފުށީ ދާއިރާގެ މުޙައްމަދު މުޞްޠަފާ އަދި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު އެވެ.
އިއްޔެ ރައްޔިތުންގެ މަޖިލީހުން މި ބިލް ފާސްކޮށް މިއަދު ރައީސް ޔާމީން ތަސްދީޤް ކުރެއްވި އިރު އިދިކޮޅު ފަރާތްތަކުން އިއްޔެ ވަނީ މި ބިލް ބާޠިލް ކޮށް ދިނުމަށް އެދި ސުޕްރީމް ކޯޓަށް އެ މައްސަލަ ވައްދާފައެވެ. އިދިކޮޅު ފަރާތްތަކުންވިދާޅުވަނީ އިއްޔެ އެ ބިލް ފާސްކޮށްފައިވަނީ ޤާނޫނާއި ޚިލާފަށް ކަމަށެވެ.