English Edition
Dhivehi Edition

މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ ބިލާއި ފަނޑިޔާރުންގެ ގާނޫނަށް ބަދަލުގެނައި ބިލު ބާތިލް ކޮށްދިނުމަށް އެދި އިދިކޮޅު އިއްތިހާދުން ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.

މި ދެ ބިލު ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުއްވިކަން ހާމަކުރެއްވީ އިދިކޮޅު އިއްތިހާދުން މިއަދު ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސާލިހެވެ.

މިއަދު މަޖިލީހުން ފާސްކޮށްފައިވާ ދެ ބިލަކީ ގާނޫނު އަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ އިޖުރާތުތަކާއި މުޅިން ޚިލާފަށް ފާސްކޮށްފައިވާ ދެ ބިލު ކަމަށާއި އެހެންކަމުން މި ދެ ބިލު ބާތިލު ކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށަވެސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވިއެވެ.

ފަނޑިޔާރުގެ ބިލަށް އިސްލާހުގެންނަން ހުށަހެޅި ބިލު ފާސްކޮށްފައިވަނީ މަޖިލީހުގެ 38 މެންބަރުންގެ ވޯޓުން ނެވެ. ސަރުކާރުގެ މެމްބަރުން ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހާއެކު ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެގެން އެ މައްސަލައެއްގެ އިސްތިއުނާފު މަރުހަލާތައް ނިމޭ ހިސާބުން އޮޓަމެޓިކުން މަގާމުން ވަކިވާނެ އެވެ.

އަދި އެންޓި ޑިފެކްޝަން ބިލަށް އިސްލާހުގެނެސް ފާސްކޮށްފައިވަނީ މަޖިލީހުގެ 36 މެންބަރުންގެ އަގުލަބިއްޔަތުންނެވެ. އެންޓި ޑިފެކްޝަން ބިލު ގާނޫނަކަށް ވެއްޖެ ނަމަ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކޮށް ނުވަތަ ޕާޓީން ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފި ނަމަ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ އެވެ

.