ކެންދޫ ދާއިރާގެ މެމްބަރު އަދި ޤާނޫނީ ވަކީލު އަލްއުސްތާޛު ޢަލީ ޙުސައިން ސަސްޕެންޑް ކޮށްފިއެވެ.
މިކަން އިޢުލާން ކޮށްފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އިން މިއަދު ނެރުނު އިޢުލާނެއްގައެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބައެއް ނިންމުންތަކުގެ ޞައްޙަކަމާއި މެދު ޢާންމުންގެ މެދުގައި ސުވާލު އުފެދޭ ފަދަ ގޮތަކަށް ވާހަކަ ދައްކައި،އަދި އެފަދަ ވާހަކަ ތަކަށް ހިތްވަރު ދެވޭ ގޮތަށް ޢަލީ ޙުސައިން ދައްކާފައިވާ ވާހަކަ އާއި ގުޅޭ ގޮތުން އޭނާއާއި ސުވާލު ކުރެވުނު ކަމަށް އެ އިޢުލާނުގައިވެއެވެ. އަދި އޭނާއަށް ދެކެވިފައިވާ ވާހަކަ ތަކަކީ ، ކޯޓުގެ ޙުރުމަތް ރައްކާތެރިކުރުމާ ބެހޭ ޤަވާޢިދުގެ 4 ވަނަ މާއްދާގެ (ހ) ގެ (1)ވަނަ ނަމްބަރާއި (4) ވަނަ ނަމްބަރާއި (6) ވަނަ ނަމްބަރާއި (8) ވަނަ ނަމްބަރާ ޚިލާފު ވާހަކަ ތަކެއް ކަމަށް ބެލެވޭ ކަމަށްވެސް އިޢުލާނުގައި ވެއެވެ.
އެހެން ކަމުން އެ މައްސަލަ ތަޙުޤީގު ކުރައްވާ ވަކި ގޮތެއް ކަނޑައަޅުއްވަން ދެން ، ޢަލީ ޙުސައިން ދިވެހިރާއްޖޭގެ ކޯޓު ތަކުގައި ވަކާލާތުކުރާ ޤާނޫނީ ވަކީލުންނާއިބެހޭ ޤަވާޢިދުގެ 3.2 ގެ (ހ) އަދި (ނ) އާ ޚިލާފުވެފައިވާތީ ، އެ ޤަވާޢިދުގެ 6 ވަނަ މާއްދާގެ (ނ) ގެ ދަށުން ، ދިވެހިރާއްޖޭގެ ކޯޓުތަކާއި ޓްރައިބިއުނަލް ތަކުގައި ވަކާލާތު ކުރުން، 12މާރިޗު 2018 ވަނަ ދުވަހުން ފެށިގެން ވަގުތީ ގޮތުން މަނާ ކުރުމަށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމަވާފައިވާ ކަމަށް ލިޔުއްވާފައިވެއެވެ.