English Edition
Dhivehi Edition

ސްވިޓްޒަލޭންޑްގެ ފަރުބަދަމަތީ ރަށެއް ކަމަށްވާ ބާރގަންއަކީ ވަރަށްހިތްގައިމު ޗާލު ރަށެކެވެ. އެ ޗާލުކަމުގެ ސަބަބުން އެރަށުގެ ފޮޓޯތައް ނެގުންވަނީ މަނާކޮށްފައެވެ. އެހައިރީތި ރަށެއްގެ ފޮޓޯނެގުން އެރަށު ކައުންސިލުން ފާސްކުރި ގަވާއިދެއްގެ ފަށުން މަނާކުރީ ކީއްވެހެއްޔެވެ؟ ކައުންސިލުން ބުނެފައިވަނީ އެކަން އެގޮތަށްކުރީ އެރަށުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވުން ހުއްޓުވުމަށް ކަމަށެވެ. އެފަދަ ފޮޓޯތައް ދައުރުވާން ފެށުމުން މީހުން އެރަށަށް ދާހިތްވާނެއެވެ. އެހެންވީމާ އެފަދަ ގަވާއިދެއް ހެދީ އެރަށުގެ ރީތިކަންފެނި ދާހިތްވެ ނުދެވުމުން ދިމާވެދާނެ ހިތްދަތިކަމާއި، ޑިޕްރެޝަނުން މީހުން ސަލާމަތް ކުރުމަށް ކަމަށް ކައުންސިލުންވަނީ ބުނެފައެވެ. ބާރގަންގެ ފަތުރުވެރިކަމާބެހޭ އިދާރާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ރީތިތަންތަނުގެ ފޯޓޯތައް މީހުންނަށް ފެނުމުން އެބަލާ މީހަކު ދެރަވާ ކަމަށް ދިރާސާތަކުން ދައްކާ ކަމަށެވެ. އެގޮތަށް ދެރަވަނީ ދާހިތްވެ ނުދެވުމުންނެވެ. އެރަށުގެ މޭޔަރު ޕީޓަރު ނިކޮލައި ބުނެފައި ވަނީ އެރަށް އަންނަ ބޭރުގެ އެއްވެސް މެހުމާނަކު ދެރަކުރަން ބޭނުންނުވާ ކަމަށެވެ. އެހެންކަމުން ފޮޓޯތައް ނަގައި އާންމު ކުރުމުގެ ބަދަލުގައި އެރަށުގެ ރީތިކަން ދެކިލުމަށް އައުމަށް އޭނާވަނީ ހުޅުވިފައިވާ ދައުވަތެއް ދީފައެވެ. މިއީ ތަފާތު ކަމެކެވެ. ބައެއް މީހުން ބުނެފައިވަނީ މިއީ އެރަށް ޕްރޮމޯޓު ކުރުމަށްހެދި އުކުޅެއް ކަމަށެވެ. އެއީ އެ “އުކުޅު” ގެ ސަބަބުން އެކަން ދުނިޔެއަށް ފެތުރި އެރަށް އިތުރަށް މަޝްހޫރުވާނެތީއެވެ. އެރަށުގެ ފަތުރުވެރިކަމާ ބެހޭ އިދާރާގެ ޑިރެކްޓަރަކު ވަނީ ނުސީދާ ގޮކޮށް މިކަމަށް އެއްބަސްވެފައެވެ. އޭނާ ބުނި ގޮތުގައި މި ފިޔަވަޅުގެ ސަބަބުން ރަށްވަނީ އިތުރަށް މަޝްހޫރު ވެފައެވެ. އަދި މިއީ ދެގޮތަށްވެސް ވިސްނާފައި އެޅި ފިޔަވަޅެއް ކަމަށެވެ. މިގަވާއިދު ތަންފީޒު ކުރަން ބޭނުންވާކަން އެންގުމަށްޓަކައި ކައުންސިލުންވަނީ އެށާގުޅޭ ފޭސްބުކް ޕޭޖާއި، ޓްވިޓަރ އަދި ރަށުގެ ވެބްސައިޓުންވެސް ރަށުގެ ފޮޓޯތައް ނަގައިފައެވެ. މި ފިޔަވަޅުގެ ހަގީގީ މަގްސަދަކީ ރަށް މަޝްހޫރު ކުރުން ކަމަށްވާނަމަ އެކަން ވެއްޖެއެވެ. މިގަވާއިދު އިއުލާން ކުރިތަނާ އެތައްބަޔަކުވަނީ އެރަށުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުކޮށްފައެވެ. އެރަށާ ބެހޭގޮތުން ފަހުން އާންމުކުރި ވީޑިއޯއެއްގައި އެރަށުގެ މޭޔަރު ވިދާޅުވެފައިވަނީ އެރަށުގެ މަންޒަރުތައް ފޮޓޯ ނެގުމަށް ޚާއްސަ ހުއްދައެއް ދެއްވާނެ ކަމަށެވެ. އެހެންނަމަވެސް އެރަށުގެ ފޮޓޯތައް ދައްކައިގެން ރައްޓެހި ރަހުމަތްތެރިން ދެރަނުކުރުމަށް އޭނާވަނީ ބާރުއަޅުއްވައިފައެވެ.