English Edition
Dhivehi Edition

ފާއިތުވި ދެއަހަރެއްހާ ދުވަހުގެތެރޭގައި ވެމްކޯއިން ކުނި މެނޭޖު ކުރުމުގައި ކާމިޔާބީތަކެއް ހޯދާފައިވާކަމަށް އިކޮނޮމިކް މިނިސްޓަރ ތާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ސަރުކާރުގެ ޚަރަދުގައި ބަނދެފައިވާ ކޮޅުވެއްޓިތަކެއް ވެމްކޯއާއި ހަވާލު ކުރެއްވުމަށް ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންވެ. ބުރާސްފަތި ދުވަހު ބޭއްވި އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ތާރިޤް ވިދާޅުވީ ރައީސް ޔާމީން ވެމްކޯ އުފައްދަވައި ފާއިތުވި ދެ އަހަރެއްހާ ދުވަސްތެރޭގައި އެކުންފުނިންވަނީ ކުނި މެނޭޖު ކުރުމުގައި ކާމިޔާބީތަކެއް ހޯއްދަވާފައި ކަމަށެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިކޮނިމިކު މިނިސްޓަރ އިތުރަށް ވިދާޅުވެފައިވަނީ ވެމްކޯގެ ޚަރަދު އެންމެ ބޮޑުވާ އެއް ސަބަބަކީ ވެމްކޯގެ ކުނިއުފުލަން ބޭނުންވާ އުޅަނދު، ޚާއްސަކޮށް ކޮޅުވެއްޓި ކުއްޔަށް ނަގައިގެން ބޭނުންކުރުމެވެ. އެގޮތުން އެމައްސަލައަށް ނިމުމެއް ގެނައުމުގެ ގޮތުން ސަރުކާރުން މިހާރު މިވަނީ ވެމްކޯއަށް އިންވެސްޓްމެންޓެއް ހަދައިދީ ފަސްކޮޅުވެއްޓި ބަނދެގެން ގެނެސް ވެމްކޯއާއި ޙަވާލުކޮށްފައިކަމަށެވެ. އެގޮތުން މި ލޭންޑިން ކްރާފްޓު ތަކުގެ ސަބަބުން އެކުންފުންޏަށް ވަރަށްބޮޑު ލުޔެއް ލިބިގެންދާނެ ކަމަށްވެސް ތާރިޤް ވިދާޅުވިއެވެ.

ސަރުކާރުން ވެމްކޯއާއި އަލަށް ޙަވާލުކޮށްފައިވަނީ 400 ޓަނުގެ 3 ކޮޅުވެއްޓިއާއި، 250 ޓަނުގެ 2 ކޮޅުވެއްޓިއެވެ. މި ކޮޅުވެއްޓިތަކާ ވެމްކޯގެ ފަރާތުންޙަވާލުވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ޝިފާއުއެވެ.

އަލަށް ޙަވާލުވި މި ލޭންޑިން ކްރާފްޓްގެ ބޭނުން ވެމްކޯއިން ކުރަން ފަށާނީ ކުރިއަށް އޮތް އެޕްރީލް މަހުގައެވެ. ވެމްކޯއިން މިހާރު ބޭނުން ކުރަމުން ގެންދަނީ ކުއްޔަށް ނަގައިފައިވާ ލޭންޑިން ކްރާފްޓްތަކެކެވެ. .

ރާއްޖެ ސާފުކޮށް ބޭއްވުމަށް ނުވަތަ ކުނި މެނޭޖު ކުރުމަށް އެއްވެސް ސަރުކާރަކުން މީގެ ކުރިން ނުކުރާވަރުގެ ބޮޑު އިންވެސްޓްމެންޓެއް މިސަރުކާރުން ކުރައްވަމުން ގެންދަވާ ކަމަށްވެސމިނިސްޓަރ ތާރިގު އިބްރާހީމް ވިދާޅުވިއެވެ.