English Edition
Dhivehi Edition

ކައުންސިލް އިންތިޚާބްގެ އެމްޑީޕީގެ ކެމްޕެއިން މެނޭޖަރ، މަޝްހޫރު ލެކިއުޓްގެ އެއް ޙިއްސާދާރު މާޖިދު އާއި އެމްޑީޕީ މުޒާހަރާތަކުގައި އިސްކޮށް ޙަރަކާތްތެރިވާ ބައެއް މީހުން ހައްޔަރުކޮށްފިއެވެ.

ލެކިއުޓް މާޖިދު ހައްޔަރުކޮށްފައި ވަނީ އޭނާ އޮލިވް ގާޑަން ރެސްޓޯރެންޓްގައި އިންދާ ކަމަށް މަޢުލޫމާތު ލިބެއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ނަމަވެސް އޭނާ ހައްޔަރުކޮށްފައިވަނީ ކޮން ސަބަބަކާއި ހުރެކަމެއް ފުލުހުން އަދި ހާމަކޮށްފައި ނުވެއެވެ.

މީގެ އިތުރުން ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން އެމްޑީޕީ ޙަރަކާތްތަކުގައި އިސްކޮށް ޙަރަކާތްތެރިވާ އެޕާޓީގެ އަންހެނުންގެ ރޫޙުގެ އިސް އެކްޓިވިސްޓެއް ކަމަށްވާ ނައީމާ މުޙައްމަދު (ނައީމާއްތަ) އާއި އެޕާޓީގެ ޔޫތު ވިންގްގެ މެމްބަރު ޙުސެއިން ފިރުޝާނު އަދި ޣާލިބް ސަލީމްވެސް ވަނީ ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައެވެ.

1 ފެބްރުއަރީ ގައި ސްޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލާ ކޮންމެ ރެއަކު އިދިކޮޅު އެކްޓިވިސްޓުންނާއި އިސް ފަރާތްތައް ދަނީ މަގުތަކަށް ނިކުމެ މުޒާހަރާ ކުރަމުންނެވެ. މި މުޒާހަރާތަކުގައި އެތައް ބަޔަކު ވަނީ ހައްޔަރު ކޮށްފައެވެ. މިގޮތަށް މީހުން ހައްޔަރު ކުރަމުން ދާއިރު ރޭގެ ވަގުތެއްގައި ފުލުހުން ވަނީ މާލެ ތެރޭގައި ހަމަނުޖެހުން ހިންގާ ތަންތަނުގައި ހުޅުޖެހުމަށް ބަޔަކު ރާވަމުންދާ ކަމުގެ ޚަބަރު އެބޭފުޅުންނަށް ލިބިފައިވާ ކަމަށް ވިދާޅުވެފައެވެ. މިކަމުގެ ސަބަބުން ޚާއްޞަ އޮޕަރޭޝަނެއް ފައްޓަވާފައިވާ ކަމަށް ވެސް އެބޭފުޅުން މަޢުލޫމާތު ދެއްވިއެވެ.