English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހު މުޙައްމަދުގެ އިތުބާރުނެތް ކަމުގެ ވޯޓުނެގުމަށް ޕީޕީއެމްގެ ބައެއް މެންބަރުން ސޮއިކުރެއްވިޔަސް އޭގެ ސަބަބުން ސަރުކާރަށް އެއްވެސް ގެއްލުމެއްނެތް ކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ވިދާޅުވީ އެފަދަ މައްސަލަތައް މަޖިލީހަށް ވައްދައިގެން ޤައުމު ހަލަބޮލި ކުރުމުން އެކަމުގެ ހުރިހާ ގެއްލުމެއްވާނީ ރައްޔިތުންނަށް ކަމަށެވެ. އެ ކަމަށް ރައްޔިތުން ވިސްނަންޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. “ސަރުކާރަކަށް ގެއްލުމެއް ނުވާނެ. ރައީސް ޔާމީނާއި ސަރުކާރު ސާބިތުކަމާއެކީ ރައްޔިތުންގެ ޚިދުމަތުގައި އޮންނާނެ. މަޖިލިސްތެރެ ހޫނުކޮށް ގައުމު ހަލަބޮލި ކުރުމުން ގެއްލުންވަނީ ރައްޔިތުންނަށް. ހުރިހާ ރައްޔިތުން މިކަމުގައި ވިސްނަންޖެހޭ،” މަސީހުގެ އިތުބާރުނެތް ކަމުގެ ވޯޓަށް ތާއިދުކޮށް ޕީޕީއެމްގެ ބައެއް މެންބަރުން ސޮއިކުރެއްވުމާ ވިދިގެން ޝައިނީ ވިދާޅުވިއެވެ. މަސީހުގެ އިތުބާރުނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނީ ޕީޕީއެމްގެ 10 މެންބަރަކު ހިމެނޭގޮތަށް ޖުމްލަ 45 މެންބަރުންގެ ސޮޔާއެކުގައެވެ. އޭގެ ތެރޭގައި ހިމެނޭ ދަގެތީ ދާއިރާގެ މެންބަރު އިލްހާމް އަޙުމަދާއި މައްޗަންގޮޅީ ދެކުނުދާއިރާގެ މެންބަރު ޢަބްދުﷲ ޝިނާން ހިމެނިވަޑައިގެންނެވުމުން ވަރަށް މާޔޫސްވެ ވަޑައިގެންނެވި ކަމަށް ޝައިނީ ވަނީ ވިދާޅުވެފައެވެ. މަސީހުގެ އިތުބާރުނެތް ކަމަށް ނަގާ ވޯޓު ނާކާމިޔާބު ކުރެއްވުމަށް ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ.