ވެރިރަށް މާލޭގެ އަމަން އަމާންކަން ނަގާލުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށާއި، އެ މަސައްކަތުގެ ތެރެއިން މާރާމާރީ ހިންގައި ތަންތަނުގައި ހުޅުޖެހުމަށްވެސް ރާވަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ ތަރުޖަމާނު ސުޕްރިންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވީ އެކަމާ ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ކުރިއަށްދާ ކަަމަށެވެ. އަދި އެ އޮޕަރޭޝަނުގެ ތެރެއިން ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެކަމުގެ ތުހުމަތުގައި މިވަގުތު ހައްޔަރުކޮށްފައި ތިބި ހަތަރު މީހުންނަކީ އެމްޑީޕީގެ އިސް ސަފުގައި ހަރަކާތްތެރިވަމުންދާ ހަސަން އަހުމަދު (ރ.އަލިފުށީ/ހަޒާރީގެ)، އިލްޔާސް ލަބީބް (ސ.ހުޅުދޫ/ ބްލޫ ސްކައި)، އަހްމަދު ޝާހިދު (މއ. ޗަނބޭލީގެ) އަދި ހުސައިން އިލްހާމް (ގ.ޗަނބޭލީގެ) އެވެ.
މިކަމާ ގުޅިގެން ކުރިއަށްދާ އޮޕަރޭޝަންގެ ތެރެއިން އިތުރު މީހުންވެސް ހޯދަމުންދާ ކަމަށާއި، ގައުމުގެ ހަމަޖެހުން ނަގާލާ ވަރުގެ ކަމަކަށް ފުލުހުން ފުރުސަތު ނުދޭނެ ކަމަށް ޝިފާން ވިދާޅުވި އެވެ
“ފުލުހުން މަސައްކަތްކުރާނީ ގާނޫނާއި ގަވައިދުގެ ތެރެއިން،ގައުމުގެ ހަމަނުޖެހުން ގެއްލިދާފަދަ އެއްވެސް ކަަމަކަށް ފުލުހުން ފުރުސަތެއް ނުދޭނެ،” ޝިފާން ވިދާޅުވިއެވެ.
ޝިފާން ވިދާޅުވީ މިހާރު އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދާ އެއްވުންތަކުގެ ތެރެއިން ފާއިތުވި ދެ ރޭ ފުލުހުންނަށް ވަރަށް ބޮޑަށް އެއްބާރުލުން ލިބުނު ކަމަށާއި، އެހެންކަމުން ކުރިއަށް އޮތްތަނުގައިވެސް އެގޮތަށް އެއްވުންތައް ކުރިއަށްގެންދިއުމަށް އެދޭ ކަމަށެވެ.