English Edition
Dhivehi Edition

ރާއްޖޭގެ ދެވަނައަށް އެންމެބޮޑު ޕާޓީ އެމްޑީޕީގެ އޮފީހަށް ފުލުހުން މިއަދު ވަދެ، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އިލްޔާސް ލަބީބާއި، އިލެކްޝަންސް ކޮމިޝަންގެ ކުރީގެ މެމްބަރު އަޙްމަދު ޝާހިދު (ސާބެ) އާއި، އެ ޕާޓީގެ ޤައުމީ މަޖިލީހުގެ މެމްބަރު ޙަސަން އަޙްމަދު (ހަސަންޓޭ) ހައްޔަރުކޮށްފިއެވެ.

މިބޭފުޅުންނަށް ތުހުމަތުކުރާ މައްސަލައެއް އަދި ނޭނގޭ ކަމަށް އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް ޢަބްދުއްސައްތާރު ވިދާޅުވިއެވެ. އެބޭފުޅުން ހައްޔަރުކުރީ ޕާޓީގެ ބައްދަލުވުމެއްގެ ތެރެއިން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެ ތިންބޭފުޅުންވެސް ހައްޔަރުކުރީ ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުންނެވެ.

ފެބުރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލައި އިދިކޮޅުފަރާތްތަކުން މާލޭގެ އެކި ސަރަޙައްދު ތަކުގައި ގެންދަނީ މުޒާހަރާ ކުރަމުންނެވެ. އެ މުޒާހަރާ ތަކުންވަނީ ޕާޓީ ތަކުގެ އިސް ސަފުގައި ޙަރަކާތްތެރިވާ ބައެއް ބޭފުޅުން ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ނާއިބު ރައީސް މުޙައްމަދު ޝިފާޒުވެސް ހިމެނެއެވެ.

ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން މީގެ ކުރިންވެސް ވަނީ އެ ޕާޓީގެ ޤައުމީ މަޖިލީހުގެ 6 ނުވަތަ 9 މެމްބަރުން ހައްޔަރު ކޮށްފައެވެ.